02 Sep 2026, 21:28
މި ސީޒަނުގެ ފުޓްބޯޅަ ކަލަންޑަރުގައި ހިމެނޭ އެފްއޭއެމް އަތޮޅު ފުޓްބޯޅަ ޗެމްޕިއަންޝިޕް އަންނަ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު ފެށުމަށް ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހުޅުވާލައިފިއެވެ.
އެފްއޭއެމުން މައުލޫމާތުދޭ ގޮތުގައި، މުބާރާތުގައި ބައިވެރިވާން އެދޭ ރަށްރަށަށް އެ އެސޯސިއޭޝަނުގެކޮމްޕެޓިޝަން ޕޯޓަލްމެދުވެރިކޮށް ފޯމާއި ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. އަދި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު ކަށަވަރުވުމުން، އެކި ސަރަހައްދުތަކުގައި މެޗުތައް ކުރިއަށްދާނެ ތާރީޚުތައް ފަހުން އިއުލާނުކުރާނެ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.
ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ފުޅާކޮށް، މުޅި ރާއްޖެއަށް މުބާރާތްތައް ފެތުރުމުގެ ގޮތުން އެފްއޭއެމުން މިހާރު ވަނީ ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައިފައެވެ. އެއީ:
ނޯތު ރީޖަން
- ސެންޓްރަލް ރީޖަން
- ސައުތު ރީޖަން
- މާލެ ރީޖަން
މާލެ ރީޖަން ފިޔަވައި އެހެން ހުރިހާ ރީޖަނެއްގައިވެސް ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ފުރަތަމަ މަރުހަލާ ފެށިގެންދާނީ މި އަތޮޅު މުބާރާތުންނެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ އަތޮޅެއްގެވެސް އެއް ރަށުގައި ނުވަތަ އެއް ރަށަށްވުރެ ގިނަ ރަށްތައް ގުޅިގެން ކޯ ހޯސްޓުކުރާ ގޮތަށެވެ. ކޮންމެ އަތޮޅަކުން ޗެމްޕިއަންކަމާއި ރަނަރަޕްކަން ހޯދާ ދެ ޓީމަށް، އެ ޓީމެއް ނިސްބަތްވާ ރީޖަނުގެ ސަބް ޒޯނުން ޖާގަ ލިބިގެންދާނެއެވެ. އެގޮތުން ކޮންމެ ރީޖަނެއްގައި ދެ ސަބް ޒޯން ހިމެނޭނެއެވެ.