މާލޭގެ މަގުތަކުގެ ކަންކަންމަތީގައި ޕާކުކުރުމުގެ ސަބަބުން ޓްރެފިކަށް ދިމާވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ރޮނގު ދެމުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަސައްކަތުގެ ދަށުން މިއަދު ސިޓީ ކައުންސިލުން ވަނީ މ. ފުލޫނިޔާ މަގާ ގުޅިފައިވާ ގޯޅިތަކުގެ ކަންމަތިތަކުގައި ޕާކުކުރުން މަނާ ސަރަޙައްދުތައް ފާހަގަކުރުމުގެ މަސައްކަތް ކޮށްފައެވެ.

އެގޮތުން އެ ސަރަހައްދުތަކަކީ ޕާކުކުރުން މަނާ ތަންތަންކަން އަންގައިދިނުމުގެ ގޮތުން ރީނދޫ ކުލައިގެ ދެ ރޮނގު ދެމުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށް ގެންގޮސްފައިވާ ކަމަށް ކަައުންސިލުން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭ ގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވަނީ، މާލޭގެ މަގުތަކުގެ ކަންކަންމަތީގައި ޕާކުކުރުމުގެ ސަބަބުން މަގުތައް ވަރަށް ބޮޑަށް ތޮއްޖެހެމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ރީނދޫ ރޮނގު ދަމައި ފާހަގަކުރުމުން އެ ތަންތަނުގައި ޕާކު ނުކުރެވޭނެ ކަމަށާއި، އެއީ މަނާކަމެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.

އެ ކައުންސިލުން ފެށި މިމަސައްކަތަކީ މާލޭގެ މަގުތަކަކީ، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްޗެއްސަށް ފަސޭހަ އަމާން ތަނަކަށް ހެދުމަށްޓަކައި ކުރެވެމުންދާ މުހިންމު މަސައްކަތެއް ކަމަށް އެ ކައުންސިލުން ބުންޏެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މާލޭގެ އެކި ސަރަޙައްދުތަކުގައި މިފަދައިން ރޮނގުދެމުމުގެ މަސައްކަތް ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.