02 Sep 2026, 22:04

ކުންފުނީގެ ހިންގުން ހަރުދަނާކޮށް އަވަސްކުރުމުގެ ގޮތުން، މަޝްހޫރު ރައިޑް ހެއިލިން ކުންފުނި އޫބާއިން އެ ކުންފުނީގެ ވަޒީފާތަކުގެ ގާތްގަނޑަކަށް 10 އިންސައްތަ ނުވަތަ 3,000 އެއްހާ މުވައްޒަފުން ވަކިކުރުމަށް ނިންމައިފިއެވެ.
މިދިޔަ އަހަރުގެ ނިޔަލަށް އޫބާގައި 34,000 މުވައްޒަފުން މަސައްކަތް ކުރަމުން އައިއިރު، ވަކި ޚާއްޞަ ޤާނޫނީ މަރުޙަލާތަކެއް ފުރިހަމަކުރަންޖެހޭ ޤައުމުތައް ފިޔަވައި އެހެން ހުރިހާ ޤައުމުތަކެއްގައި މި ނިންމުމުގެ އަސަރުކުރާ މުވައްޒަފުންނަށް މިހާރު ވަނީ އަންގާފައެވެ.
އޫބާގެ ސީއީއޯ ދާރާ ޚޮސްރޯޝާހީ މުވައްޒަފުންނަށް ފޮނުއްވި މެމޯއެއްގައި ވިދާޅުވީ، ޓީމުތައް ހިންގުން ލުއިފަސޭހަކޮށް މެނޭޖްމަންޓް ލޭޔަރުތައް މަދުކުރަނީ ކުންފުނީގެ ކަންކަން އިހުނަށްވުރެ ސާދާ އަދި އަވަސް ކުރުމާއެކު، އާ އިންވެސްޓްމަންޓްތަކަށް ޖާގަ ހޯދުމުގެ މަޤްޞަދުގައެވެ. އަދި ޖަމާޢަތް ކުޑަވުމުން ކަންކަމުގެ ޒިންމާ ނެގުން ސާފުވެ، ނިންމުންތައް އަވަސްވެ، ކޯޑިނޭޓް ކުރުމުގެ ބަދަލުގައި އުފެއްދުންތެރި މަސައްކަތްތަކަށް ވަގުތު ދެވޭނެ ކަމަށާއި، މި ބަދަލުން ސަލާމަތްކުރެވޭ ފައިސާ އަލުން އިންވެސްޓްކުރާނީ ކުންފުނީގެ ކުރިއެރުމާއި އައު އީޖާދުތަކަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އޮޓޮނޮމަސް ވެހިކަލްގެ ދާއިރާއަށް އަލުން ވަނުމަށްޓަކައި 10 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެކަން އޫބާއިން ވަނީ ބުނެފައި ---
ފާއިތުވި ފަސްވަރަކަށް އަހަރުގެ ތެރޭގައި އޫބާ ވަރަށް ބޮޑަށް ފުޅާވެ، ކުންފުނީގެ އާމްދަނީ ތިންގުނައަށް އިތުރުވެފައިވާއިރު، މި ކުރިއެރުމާއެކު އިދާރީ ގޮތުން ކަންކަން އޮޅުންބޮޅުންވެ ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހުނު ކަމަށް ސީއީއޯ ވިދާޅުވިއެވެ.
ކުންފުނީގެ ސާވޭތަކުން ދެއްކި ގޮތުގައި މުވައްޒަފުން ގިނަ ވަގުތު ހޭދަކުރަނީ ޓީމުތަކުގެ މެދުގައި މަޝްވަރާކުރުމާއި ކޯޑިނޭޓް ކުރުމުގައެވެ. އެހެންކަމުން، ކޯޑިނޭޝަނަށް ޚާއްޞަ ގިނަ މަޤާމުތަކެއް އުވާލައި، މެނޭޖްމަންޓް ފަށަލަތައް މަދުކޮށް، މަސައްކަތްތައް ފުށުއަރާ ޓީމުތައް އެއްކޮށްލުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، އޫބާއިން ވަނީ އޮފީހުން ބޭރުގައި ނުވަތަ ރިމޯޓްކޮށް މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ގިނަ ބަޔަކު އަނބުރާ އޮފީހަށް އައުމަށް އަންގާފައެވެ. އަދި ހަފްތާއަކު ތިން ދުވަހު އޮފީހަށް ނިކުމެ މަސައްކަތްކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށާފައިވާއިރު، މުސްތަޤްބަލުގައި ރިމޯޓްކޮށް މަސައްކަތްކުރާނީ ކުންފުނީގެ އެންމެ އެއް އިންސައްތަ މުވައްޒަފުންނެވެ. އެއްތަނެއްގައި ތިބެގެން ކުރާ މަސައްކަތުގެ ފައިދާ ވަރަށް ބޮޑުކަން ކޮވިޑަށްފަހު ސާފުވެފައިވާ ކަމަށްވެސް ޚޮސްރޯޝާހީ ވިދާޅުވިއެވެ.
ކުންފުނީގެ އޮނިގަނޑަށް ގެންނަ މި ބަދަލުތަކާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ޓީމުތައް މަދު މައި މަރުކަޒުތަކަކަށް ޖަމާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގްލޯބަލް ޓީމުތައް މައިގަނޑު ގޮތެއްގައި ބިނާވާނީ ނިއުޔޯކާއި ސެން ފްރެންސިސްކޯގައެވެ. ނަމަވެސް، ޓެކްނޮލޮޖީގެ މައި މަރުކަޒުތަކާއި އެކި ސަރަޙައްދުތަކާއި ޤައުމުތަކަށް ޚާއްޞަ ޓީމުތައް ކުރިއަށްދާނެއެވެ.
މިފަދަ ބޮޑު ނިންމުމެއް އެއްފަހަރާ ނިންމީ ކުދިކުދި ގިނަ ބަދަލުތަކެއް ގެނައުމުގެ ބަދަލުގައި އެއްފަހަރުން ބޮޑު ބަދަލެއް ގެނައުން މާ ރަނގަޅު ކަމަށް ފެންނާތީ ކަމަށް ސީއީއޯ ވިދާޅުވިއެވެ. އަދި މިއީ އުނދަގޫ ނިންމުމެއް ނަމަވެސް، އޫބާއަކީ ކުރިއަށް އޮތް އަހަރުތަކުގައި މާ ވަރުގަދަ ކުންފުންޏަކަށް ހެދުމަށް މި ބަދަލު މުހިންމު ކަމަށާއި، މިހާރުވެސް މާލީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ކުންފުންޏަށް ބޮޑެތި ފުރުޞަތުތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އަމިއްލައަށް ދުއްވާ އުޅަނދުތައް ނުވަތަ އޮޓޮނޮމަސް ވެހިކަލްސްގެ ދާއިރާއަށް އަލުން ވަނުމަށްޓަކައި 10 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެކަން އޫބާއިން ވަނީ މިދިޔަ މަހު އިޢުލާނުކޮށްފައެވެ. މީގެ ކުރިން އޮޓޮނޮމަސް ވެހިކަލްސް އުފައްދަން އެ ކުންފުނިން ހިންގި ޑިވިޜަން ވަނީ 2020 ވަނަ އަހަރު ވިއްކާލާފައެވެ.
އޫބާއަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި ސްމާޓްފޯނު އެޕްލިކޭޝަނެއް މެދުވެރިކޮށް ދަތުރުފަތުރުގެ ޚިދުމަތް (ރައިޑް ހެއިލިން) ފޯރުކޮށްދޭ އެމެރިކާގެ މަޝްހޫރު މަލްޓިނޭޝަނަލް ޓެކްނޮލޮޖީ ކުންފުންޏެކެވެ.