ސީމެގްގެ އެޖެންޑާއިން ރާއްޖެ ނަގާފައިވާއިރު އެމްޑީޕީން މަސައްކަތް ކުރަނީ ކަމުގެ ހަޤީގަތް އޮޅުވާލާފައި ބާއްވަން ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމްގެ ސްޕޯކް ޕާސަން އަދި ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވީ ސީމެގް އެޖެންޑާ އިން ރާއްޖެ ނެގުމާބެހޭ ގޮތުން އެކި ގޮތް ގޮތަށް ވާހަކަ ފެތުރުމުން ރައްޔިތުންނަށް ކަމުގެ ހަޤީގަތް އޮޅިފައިވާ ކަމަށާއި އެ ހަގީގަތް އޮޅުވާލުމުގެ އަޑީގައި އޮތީ އެމްޑީޕީ ކަމަށެވެ.

ޕީޕީއެމްގެ ކައުންސިލު މެންބަރު ވިދާޅުވީ ރާއްޖެއަށް އެއްވެސް ގެއްލުމެއް ވާނީ ސީމެގް އެޖެންޑާ ގައި ރާއްޖެ އޮވެއްޖެނަމަ ކަމަށާއި ކޮމަން ވެލްތުން ވެސް ރާއްޖެ ސީމެގް އެޖެންޑާ އިން ނެގިކަން ކަށަވަރު ކޮށްދީފައި ކަމަށެވެ.

ކޯނީގެ ރިޕޯޓަށްފަހު ރައީސް މުހައްމަދު ނަޝީދު ވެސް ސީމެގް އެޖެންޑާ އިން ރާއްޖެ ނަގަން ގޮވާލެއްވި ކަމަށާއި، އެއަށްފަހު އިނގިރޭސި ވިލާތަށް އެންމެ ފަހުން ކުރެއްވި ދަތުރު ފުޅުގައި ސީމެގްގެ އެޖެންޑާގައި ރާއްޖެ ކޮންމެހެން ވެސް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވެފައި ވާތީ ހިތާމަ ކުރައްވާ ކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އިވިގެން ދިޔައީ ކޯނީގެ ރިޕޯޓަށް ފަހު ނަޝީދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވަރަށް ސާފު ކޮށް ވިދާޅުވި އަޑު އަޅުގަނޑު ވެސް މިހާރު ބޭނުން ވަނީ ސީމެގް އެޖެންޑާ އިން ރާއްޖެ ނަގާށޭ. އެއަށްފަހު އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރު ފުޅުގަ އެޖެންޑާގައި ރާއްޖެ ކޮންމެހެން ވެސް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވެ އެ ކަމަށް މަސައްކަތް ކުރެއްވި ތަން ފެނުނީ،" މަހުލޫފް ވިދާޅު ވިއެވެ.

ސީމެގް އެޖެންޑާ އިން ރާއްޖެ ނެގިޔަ ނުދޭން ބޭރު ދުނިޔޭގަ އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު އާއި އިނގިރޭސި ވިލާތަށް ކުރިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަރަހަނާޒް ކަމަށް އިޝާރާތް ކުރައްވާ މަހުލޫފް ވިދާޅުވީ ބޭރު ދުނިޔޭގައި މަސައްކަތް ކޮށްގެން ކަންކަން ކާމިޔާބު ވާނީ އެ ބޭފުޅުންނަށް އެކަނި ނޫން ކަމަށެވެ.

ސީމެގްގެ އެންމެ ފަހުގެ ނިންމުމާބެހޭ ގޮތުން ކެނެޑާއިން ދައްކާފައިވާ ވާހަކަތަކަށް އިޝާރާތް ކުރައްވާ މަހުލޫފް ވިދާޅުވީ ކޯނީގައި ވެސް ގަހާ އަހުމަދު ސައީދެއް އިންނެވި ކަމަށާއި ސީމެގްގައި ވެސް އެފަދަ ބޭފުޅަކު އިންނެވި ކަމަށެވެ.

"ނަޝީދު އަމިއްލަފުޅަށް ވެރިކަމުން އިސްތިއުފާ ދެއްވީމަ އެކަމެއް އެމްޑީޕީ އަކަށް ޤަބޫލެއް ނުކުރެވުނު، ކޯނީ ރިޕޯޓް ނެރުނީމަ އެ ރިޕޯޓެއް ޤަބޫލެއް ނުކުރެވުނު، ދެން މިހާރު ސީމެގް އެޖެންޑާ އިން ނެގީމަ އެކަން ވެސް ޤަބޫލެއް ނުކުރެވުނު، މިއީ ކިހާ ދެރަ ކަމެއް، އެހެންވީމަ ކޯނީގަ ވެސް ގަހާ ސައީދެއް، ސީމެގްގައި ވެސް ހަމަ ގަހާ ސައީދެއް!" މަހުލޫފް ވިދާޅުވި އެވެ.

ރައީސް ނަޝީދު އިނގިރޭސިވިލާތަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައި ކޮމަންވެލްތު ރޯޔަލް ސޮސައިޓީގައި ދެއްވި ތަގުރީރެއްގަ ސީމެގް އެޖެންޑާއިން ރާއްޖެ ނެގުމަށް ނިންމައިފިނަމަ ރާއްޖޭގައި އިދިކޮޅު ސިޔާސީ ހިޔާލުތައް ނެތިގެން ހިނގައިދާނެ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އަދި ސީމެގް ގެ އެޖެންޑާ އިން ރާއްޖެ ނެގިޔަ ނުދޭން އެމަނިކުފާނު ވަނީ މަސައްކަތް ކުރައްވާފަ އެވެ.