ދެ ފަހަރަށް ދައުރު ދަންމައިލި ނަމަވެސް މަޖިލީހުގެ މަސައްކަތްތަކުގެ ދެބައިކުޅަ އެއްބައި ވެސް ނުނިންމުނު
ދެ ފަހަރަށް ދައުރު ދަންމައިލި ނަމަވެސް މަޖިލީހުގެ މަސައްކަތްތަކުގެ ދެބައިކުޅަ އެއްބައި ވެސް ނުނިންމުނު

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ނިމިދިޔަ ދެވަނަ ދައުރު ދެ ފަހަރަށް ދަންމައިލި ނަމަވެސް މަސައްކަތްތަކުގެ ދެބައިކުޅަ އެއްބައި ވެސް ނުނިންމުނު ކަމަށް މަޖިލީހުގެ އިދާރާއިން އާންމުކުރި ތަފާސްހިސާބުން ދައްކައިފިއެވެ.

މަޖިލީހުގެ ނިމިދިޔަ ދައުރުގައިވަނީ 28 ޖަލްސާއެއް ބާއްވައި، 57 ގަޑިއިރު ހޭދަކޮށްފައެވެ. އަދި ކޮމިޓީތަކުން ޖުމުލަ 138 ބައްދަލުވުމެއް ބޭއްވިއިރު ހޭދަކުރީ 63 ގަޑިއިރު ކަމަށް އެ ތަފާސްހިސާބުގައިވެއެވެ.

ތަފާސްހިސާބުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ދައުރުން 94 މަސައްކަތެއް ވަނީ ދެވަނަ ދައުރަށް ނަގުލުވެފައެވެ. އަދި ދެވަނަ ދައުރުގައި 120 މަސައްކަތް އިތުރަށް ހުުށަހެޅުނެވެ.

މަޖިލީހުގެ އިދާރާއިން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން އެންމެ ގިނައިން ކުރި މަސައްކަތެއް ކަމަށް ދައްކަނީ ވަޒީރުންނާ ސުވާލުކުރުމެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ދައުރުން ނަގުލުވި 59 ސުވާލާއެކު ޖުމުލަ 134 ސުވާލެއް ވަޒީރުންނާ ކުރަން މެންބަރުން ހުށަހަޅައިފައި އޮތް ކަމަށް ދައްކާއިރު، އޭގެ ތެރެއިން ޖަވާބު ލިބިފައިވާ ކަމަށް ދައްކަނީ 59 ސުވާލަށެވެ.

ދެވަނައަށް އެންމެ ގިނައިން ނިންމި މަސައްކަތެއް ކަމަށް ދައްކަނީ މުއައްސަސާތަކަށް މެންބަރުންނާއި ގައުމުތަކަށް ސަފީރުން އައްޔަންކުރުމުގެ މަސައްކަތް، ނުވަތަ ސަރުކާރު ފަރާތުން ހުށަހެޅި މައްސަލަތަކެވެ. އެގޮތުން މުއައްސަސާތަކުގެ މެންބަރުންނާއި ގައުމުތަކުގެ ސަފީރުން އައްޔަންކުރުމަށް މި ދައުރުގައި ހުށަހެޅި 16 ހުށަހެޅުމާއި މިދިޔަ ދައުރުން ނަގުލިވި ހުށަހެޅުމުގެ މަސައްކަތް ވަނީ ނިމިދިޔަ ދައުރުގައި ނިންމައިލައިފައެވެ.

މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު މުއްތަލިބު ވާހަކަދައްކަވަނީ: ތަފާސްހިސާބުގައިވާ ގޮތުން އެންމެ ގިނައިން ކުރި މަސައްކަތެއް ކަމަށް ދައްކަނީ ވަޒީރުންނާ ސުވާލުކުރުން -- ފޮޓޯ/ މަޖިލިސް

މިދިޔަ ދައުރުގައި 37 ބިލެއްގެ މަސައްކަތްކުރިއިރު 14 ބިލުގެ މަސައްކަތެއް ނިމިފައިވާ ކަމަށް ވެސް، އެ ތަފާސްހިސާބުގައިވެއެވެ. އޭގެ ތެރެއިން 14 ބިލެއް މި ދައުރުގައި ހުށަހެޅިއިރު 23 ބިލެއް ކުރީ ދައުރުން ނަގުލުވެފައިވާ ކަން ވެސް އެ ތަފާސްހިސާބުތަކުގައިވެއެވެ.

އެހެންކަމުން ނިމިދިޔަ ދައުރުގައި ނިމިފައިވަނީ މަޖިލީހުން ކުރަން ފެށި މަސައްކަތްތަކުގެ 49.3 އިންސައްތަ މަސައްކަތްތަކެވެ.

ފާހަގަކުރެވޭ ގޮތުގައި މުހިންމު މަސައްކަތްތަކެއް ކުރަން ކަމަށް ބުނެ، ވަޒީރުންގެ މަޖިލީހުން ފާސްކޮށްގެން ކައުންސިލުތަކުގެ އިޚްތިޞާޞްގައިވާ ބިންތައް ދައުލަތަށް ނެގުމާއި ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަންޖެހޭ ގޮތް ހެދުމަށްޓަކައި މިދިޔަ ދައުރު ދެ ފަހަރު މަތިން ދަންމައިލިއެވެ. ޖޫން މަހުގެ ފުރަތަމަ ދުވަހު ފެށި ދައުރުގެ ފަހު ޖަލްސާ ބާއްވައިފައިވަނީ މިދިޔަ އޯގަސްޓު މަހުގެ 26ވަނަ ދުވަހެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: ނިމުނު ދައުރުގައި ކޮމިޓީތަކުން ޖުމުލަ 138 ބައްދަލުވުމެއް ބޭއްވި -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މި އަހަރުގެ ފަހު ދައުރު ފެށޭނީ އަންނަ އޮކްޓޯބަރު މަހެވެ. އެ ދައުރު ކުރިއަށް ދާނީ ނޮވެންބަރު މަހުގެ ނިޔަލަށެވެ. އެ ދައުރުގައި އޮންނާނެ މައިގަނޑު މަސައްކަތަކަށް ވާނީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާ ބަޖެޓަށް ބަހުސްކޮށް ބަޖެޓު ދިރާސާކުރުމަށްފަހު ފާސްކުރުމުގެ މަސައްކަތެވެ.

ނިމިދިޔަ ދައުރުގައި މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި މަސައްކަތްތައް ނުނިމި އޮތް އިރު ފާހަގަކުރެވޭ ގޮތުގައި، ބައެއް ދުވަސްދުވަހު އެއްވެސް ސަބަބެއްނެތި ޖަލްސާ ވެސް ކޮމިޓީ ބައްދަލުވުން ވެސް ނުބާއްވައި ދެއެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ދައުރުގައި 20 ޖަލްސާއެއް ބޭއްވުނުއިރު ނިމިދިޔަ ދައުރުގައި 28 ޖަލްސާއެއް ބޭއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އަބަދު ވެސް ބޮޑު މުސާރައާއި އިންޝުއަރެންސާއި އިނާޔަތްތައް ލިބޭ ބައެކެވެ. ނަމަވެސް އެ ލިބޭ މުސާރައާއި އިނާޔަތްތަކާ އެއްވަރަށް މެންބަރުންނަށް މަސައްކަތްނުކުރެވޭ ކަމަށް ބުނެ، އާންމުން އަބަދު ވެސް ކަންބޮޑުވުން ފާޅުކޮށް މެންބަރުންގެ މަސައްކަތްތަކާ މެދު ސުވާލު އުފައްދައެވެ.