ރާއްޖެ ވޮލީ ކުލަބު ބަލިކޮށް އެމްޓީސީސީއަށް ފުރަތަމަ މޮޅު
ރާއްޖެ ވޮލީ ކުލަބު ބަލިކޮށް އެމްޓީސީސީއަށް ފުރަތަމަ މޮޅު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕް 2026 ގެ އަންހެން ޑިވިޝަނުގައި ކުލަބު އެމްޓީސީސީ ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ސޯޝަލް ސެންޓަރު އިންޑޯގައި ކުޅުނު މި މެޗު އެމްޓީސީސީން ކާމިޔާބުކޮށްފައިވަނީ ޕޫލް ބީގައި ހިމެނޭ ރާއްޖެ ވޮލީބޯލް ކުލަބާ ވާދަކޮށް ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ.

މެޗުގެ ސެޓުތައް އެމްޓީސީސީން ކާމިޔާބުކޮށްފައިވަނީ 25-08، 25-11 އަދި 25-18 އިންނެވެ. މިއީ މި މުބާރާތުގައި ރާއްޖެ ވޮލީބޯލް ކުލަބުގެ ދެވަނަ ބައްޔެވެ. ފުރަތަމަ މެޗުގައި އެ ޓީމު ބަލިވީ ޖީޖީ ސްޕޯޓްސް އެކަޑަމީއާ ވާދަކޮށް ތިން ސެޓުންނެވެ.

ވީއޭއެމް ކަޕް 2026 ގެ އަންހެން ޑިވިޝަނުގައި ކުލަބު އެމްޓީސީސީއާއި ރާއްޖެ ވޮލީ ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

މުބާރާތުގައި އެމްޓީސީސީ ކުޅުނު ފުރަތަމަ މެޗުން ވަނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ އަތުން ބަލިވެފައެވެ. އެ މެޗުން އެމްޓީސީސީ ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ.

ސެޕްޓެމްބަރު ހަތްވަނަ ދުވަހުގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި 8 ޓީމެއް ވާދަކުރެއެވެ. އެއާއެކު އެ ޓީމުތައް ވަނީ 2 ޕޫލަކަށް ބަހާލާފައެވެ.

ޕޫލް އޭގައި ހިމެނެނީ ޕޮލިސް ކުލަބު، ހުރާ ކޮމިއުނިޓީ ކުލަބު، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އަދި ސިޓީ ފްރެންޑްސް ކުލަބެވެ. އަދި ޕޫލް ބީގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ، ކުލަބު އެމްޓީސީސީ، ރާއްޖެ ވޮލީބޯލް ކުލަބު އަދި ގުޑް ގޭމްސް ސްޕޯޓްސް އެކެޑަމީއެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުލަބު ވެމްކޯއާއި ޖީޖީ ސްޕޯޓްސް އެކަޑަމީއެވެ. ޕޫލް ބީގައި ހިމެނޭ ހަތަރު ޓީމުގެ ތެރެއިން ޖީޖީ އާއި ވެމްކޯ އަދި އެމްޓީސީސީ އޮތީ ތިން ޕޮއިންޓާއެކު އެވެ.

ވީއޭއެމް ކަޕުގެ އަންހެން ޑިވިޝަނުގެ ހުރިހާ މެޗެއް ސަން ޕްލޭއިން ވަގުތުން ގެނެސްދޭނެއެވެ. ސަބްސްކްރިޕްޝަން އާއެކު ސަން ޕްލޭ އެޕުން މުބާރާތުގެ ކޮންމެ މެޗެއް ބެލުމުގެ ފުރުސަތު ލިބެއެވެ. ކޮންމެ މެޗެއްގެ އޮންލައިން ޓިކެޓުގެ އަގަކީ 25 ރުފިޔާއެވެ. އަދި މެޗު ބަލަން ސޯޝަލް އިންޑޯއަށް ވަންނަ ސަޕޯޓަރުންނަށް ޓިކެޓު ވިއްކާ އަގަކީ 30 ރުފިޔާއެވެ. ކޮންމެ މެޗެއް ފެށުމުގެ އެއް ގަޑިއިރު ކުރިން ސޯޝަލްގައި މެޗު ޓިކެޓު ވިއްކަން ފަށާނެއެވެ.