ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރަން ވިލިމާލެ ހޮސްޕިޓަލްގެ ޚިދުމަތްތައް މި މަހު ވަގުތީ އިމާރާތަކަށް ބަދަލުކުރަނީ
ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރަން ވިލިމާލެ ހޮސްޕިޓަލްގެ ޚިދުމަތްތައް މި މަހު ވަގުތީ އިމާރާތަކަށް ބަދަލުކުރަނީ

ވިލިމާލޭ ހޮސްޕިޓަލް ހުރި ބިމުގައި ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީކުރުމަށްޓަކައި، އެ ހޮސްޕިޓަލުން ދެމުން އައި ޚިދުމަތްތައް ވަގުތީ އިމާރާތަކަށް ބަދަލުކުރުމުގެ މަސައްކަތް މި މަހުގެ މެދުތެރޭގައި ފަށާނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ 'ޕީއެސްއެމް' އަށް ދެއްވި އިންޓަވިއުއެއްގައި ޙަލީމް ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލް ހުރި ބިމުގައި ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީކުރުމަށްޓަކައި އެ ހޮސްޕިޓަލުން ދެމުން އަންނަ ޚިދުމަތްތައް، ކުރީގެ އަމާން ހިޔާއަށް ވަގުތީ ގޮތުން ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ވަގުތީ އިމާރާތަށް ބަދަލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ އެ އިމާރާތުގެ ފިނިޝިން މަސައްކަތްތައް ކަމަށް ޙަލީމް ވިދާޅުވިއެވެ.

މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް -- ފޮޓޯ: ރައީސް އޮފީސް

ޙަލީމް އިތުރަށް ވިދާޅުވީ އެ އިމާރާތުގައި ލިފްޓެއް ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް މިހާރު ކުރަމުންދާ ކަމަށާއި ޚިދުމަތްތައް ވަގުތީ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނީ ބައިބަޔަށް ބަހާލައިގެން ޚިދުމަތަށް ބުރު ނާރާނެހެން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ބަދަލުކުރުމަށް ހަމަޖެހިފައި ވަނީ އިމަޖެންސީ ޚިދުމަތްތަކާއި އޯޕީޑީއާއި ވެކްސިން ޖެހުންފަދަ ޚިދުމަތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ވަގުތީ އިމާރާތަށް ޚިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް މި މަހުގެ މެދުތެރޭގައި ފަށާނެކަމަށް ވެސް ޙަލީމް ވިދާޅުވިއެވެ.

މި އަހަރުގެ މެދުތެރޭގައި ވިލިމާލޭ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ފަށައި، ދެ އަހަރު ދުވަހުގެ ތެރޭ ނިންމާލެވޭނެ ކަމަށް، ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވިދާޅުވީ ނިމުނު އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގައެވެ.

މިނިސްޓަރު އޭރު ވަނީ، ޗައިނާގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރާ އެ ހޮސްޕިޓަލުގެ މަސައްކަތް އޭރު އޮތީ ޑިޒައިން ކޮންސަލްޓަންޓެއް ޓެންޑާކުރުމަށް ބޭނުންވާ ހުރިހާ ޑޮކިއުމަންޓްތައް ފައިނަލްކުރުމަށް ބަޔަކު ހޮވާފައި ކަމަށާއި، އެ ޓީމުން ޑިސެމްބަރު މަހު ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރުމަށްފަހު ފަސް މަހެއްހާ ދުވަހުގެތެރޭ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވެފައެވެ.

އާ ހޮސްޕިޓަލުގެ މަސައްކަތް ނިމޭއިރު، ޒަމާނީ ހުރިހާ ވަސީލަތެއް ގާއިމްވެފައި ހުންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު މުއްތަލިބު އޭރު ވަނީ ދެއްވާފައެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި އިމާރާތްކުރާ ހޮސްޕިޓަލުގެ ޑިޒައިން މަސައްކަތް ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ޗައިނާ ސަރުކާރާއެކު ސޮއިކުރީ ނިމުނު އަހަރުގެ ޖޫން މަހުގެ ކުރީކޮޅުގައެވެ.