02 Sep 2026, 18:32
ހދ، ހަނިމާދޫގައި އެ އަތޮޅު ހިރިމަރަދޫ ރައްޔިތުންނަށް ގެ އަޅައި ނުދެވެނީސް ހިރިމަރަދުއަކީ ފަޅުރަށެއް ކަމަށް ކަނޑައެޅުމުން، އެ ރަށު މީހުން ތިބީ "ވާނުވާ"ގައި ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލަ ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ބުނެފިއެވެ.
ހިރިމަރަދޫ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ނުލިބި "ވާނުވާ" ގައި ތިބި ކަމަށް ބުނެ، އެމްޑީޕީން އެޗްއާރުސީއެމަށް މައްސަލަ ހުށަހެޅީ މިދިޔަ އޮގަސްޓު މަހުގެ ނުވަވަނަ ދުވަހެވެ.
އެމްޑީޕީއަށް ކުރުކޮށް ދިން ޖަވާބެއްގައި އެޗްއާރުސީއެމުން ބުނީ، ކޮމިޝަނުން އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި، އެ މައްސަލަ ބަލައި ނިމުމުން އެމްޑީޕީއަށް ޖަވާބެއް އަރުވާނެ ކަމަށެވެ.
ހިރިމަރަދޫ ފަޅު ރަށެއް ގޮތަށް ކަނޑައަޅައި އެ ރަށުގެ މިހާރުގެ އާބާދީގެ ކަންކަން ބަލަހައްޓަން ހަނިމާދޫ ކައުންސިލާ ހަވާލުކުރީ މިދިޔަ ޑިސެންބަރު މަހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގަރާރަކުންނެވެ.ނަމަވެސް އެކަން އެގޮތަށް ނުހިނގާ ކަމަށް ބުނެ، އެއީ ހައްސާސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެމްޑީޕީން ކޮމިޝަނުގައި އޭރު އެދުނެވެ.
ފާހަގަކުރެވޭ ގޮތުގައި ހދ. އަތޮޅުގެ ރަށްތަކަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ރައީސް ކުރެއްވި ދަތުރުފުޅުގައި ވަނީ ހިރިމަރަދޫ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ދޮޅު އަހަރު ތެރޭ ހަނިމާދޫގައި ގާއިމްކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ނަމަވެސް އެ މަޝްރޫއަށް ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެފައިވެއެވެ.
އެމްޑީޕީން ވަނީ، ހިރިމަރަދޫ މީހުންނަށް ހަނިމާދޫގައި ގެ އަޅައިދީ އެ ރަށަށް ބަދަލުކުރަން ސަރުކާރުން ބޭނުން ނުވާ ނަމަ، އެއީ ފަޅުރަށެއް ކަމަށް ކަނޑައެޅި ގަރާރު ބާތިލުކުރުމަށާއި، އެއަށްފަހު އެ ރަށުގައި ކައުންސިލެއް އަލުން އިންތިހާބުކުރުމަށް ގޮވައިލައިފައެވެ.
ހިރިމަރަދުއަކީ ހދ. އަތޮޅުގެ އެންމެ އާބާދީ ކުޑަ ރަށެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ނަތީޖާއަށް ބަލާއިރު، އެ ރަށުގައި ދިރިއުޅެނީ 293 މީހުންނެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.