މިއަދަކީ މި އަހަރުގެ މިހާތަނަށް މާލެއަށް އިހުސާސްކުރެވޭ ހޫނުމިން އެންމެ މަތިވި ދުވަސް ކަމަށް މޫސުމާ ބޭހޭ ގައުމީ އިދާރާ (މެޓް އޮފީސް)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެެވެ.

މެޓް އޮފީހުން މިއަދުގެ މެންދުރުފަހު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މާލެއަށް މިއަދު އިހުސާސްކުރެވޭ ހޫނުމިން ހުރީ 39.1 ޑިގްރީ ސެލްސިއަސްގައެވެ. އެއީ 'ވަރަށް ހޫނުގަދަ' ކެޓަގަރީއެވެ.

ނަމަވެސް މާލެ ފިޔަވައި އެހެން ސަރަހައްދުތަކަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ އާންމު ހާލަތުގައެވެ. އެއީ 37 ޑިގްރީ ސެލްސިއަސްއަށްވުރެ ދަށެވެ.

މެޓް އޮފީހުން ފިނި ހޫނުމިން ރޭޓުކޮށްފައިވާ ކެޓަގަރީތަކުން ދައްކާގޮތުން ވަރަށް ހޫނުގަދަކަމަށް ދައްކަނީ 39 ޑިގްރީ ސެލްސިއަސްއަށް އެރުމުންނެވެ. އަދި ހޫނުގަދަ ކެޓަގަރީއަކީ 38 ޑިގްރީ ސެލްސިއަސް ކަމަށްވާއިރު އާންމު މިންވަރަށްވުރެ ހޫނު ގަދަކަމަށް ދައްކަނީ 37 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން އެރުމުނެވެ. އަދި އާންމު ހާލަތަކީ 37 އިން ދަށަށް ހޫނުމިން ވެއްޓުމުންނެވެ.

މެޓް އޮފީހުން ނިމުނު ހުކުރު ދުވަހު ވަނީ، އެލްނީނޯގެ ސަބަބުން ކުރިއަށް އޮތް ތިން މަހު ރާއްޖޭގެ ހޫނުމިން ހުންނާނީ އާންމު މިންވަރަށް ވުރެ މަތީގައި ކަމަށް ބުނެފައެވެ.

މެޓުން އޭރު ނެރުނު ބަޔާނުގައިވާ ގޮތުން، އެ މުއްދަތުގައި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް އާންމުކޮށް ވެހޭ މިންވަރަށް ވުރެ ގިނައިން ވާރޭވެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް އެ މުއްދަތުގައި ވާރޭ ވެހޭނެ މިންވަރު އާންމު މިންވަރަށްވުރެ ދަށް ވާނެ ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން އެ އިދާރާއިން ވަނީ، ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުން އަންނަ ކަމަށާއި އެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް ބުނެފައެވެ.

އެލްނީނޯގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު އާދާޔާޚިލާފަށް ހޫނުވެ، ފަރުތަކުގެ ދިރުމަށް ނުރައްކާވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ. މިގޮތުން އެލްނީނޯގެ އަސަރުތަކާ ހެދި، ވާރޭ މިންވަރާއި ކަނޑުގެ ލޮނުގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމާއި މަސްވެރިކަމަށް ނޭދެވޭ އަސަރުތައްކޮށް، ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އެހެންވެ މި ފަދަ ބަދަލުތަކަށް އެ ދާއިރާތަކުން ތައްޔާރުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.