މަސްވެރިކަން އަނެއްކާވެސް ދަށްވެ، މިދިޔަ މަހު މަސްވެރިންނަށް ދޫކުރީ 29 މިލިއަން ރުފިޔާ
މަސްވެރިކަން އަނެއްކާވެސް ދަށްވެ، މިދިޔަ މަހު މަސްވެރިންނަށް ދޫކުރީ 29 މިލިއަން ރުފިޔާ

މިދިޔަ ޖުލައި މަހާ އަޅާބަލާއިރު މަސްވެރިކަން ދަށްވެ، މިދިޔަ މަހު މަސްވެރިންނަށް ދޫކުރި ފައިސާ ދަށްވެފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން މިދިޔަ ޖުލައި މަހު ވަނީ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ، 49.8 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައެވެ. ނަމަވެސް މި ނިމުނު އޮގަސްޓު މަހު މަސްވެރިންނަށް ދޫކޮށްފައި ވަނީ، 29.9 މިލިއަން ރުފިޔާއެވެ. އެއީ ޖުލައި މަހާ އަޅާބަލާއިރު ގާތްގަނޑަކަށް 40 އިންސައްތައިގެ ދަށްވުމެކެވެ.

މިފްކޯގެ ހިސާބުތަކުން ދައްކާ ގޮތުގައި، 535 ދޯންޏަކުން މިދިޔަ މަހު 1،488.30 ޓަނުގެ މަސް ކިރުވިއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކަޅުބިލަމަހެވެ. އެ ބާވަތުގެ 1،465 ޓަނުގެ މަސް މިފްކޯއަށް ކިރުވިއެވެ. އޭގެއިތުރަށް ދިހަ ކިލޯއިން މަތީގެ 13.3 ޓަނުގެ ކަންނެއްޏާއި 15 ކިލޯއިން މަތީގެ 10.9 ޓަނު ކަންނެލި މަސްދޯނި ތަކުން ކިރުވިއެވެ.

މަސްދޯނިތަކެއް: މިދިޔަ މަހު މަހަށް ދޫކުރި ފައިސާ ވަނީ ދަށްވެފައި -- ފޮޓޯ/ ފިޝަރީސް މިނިސްޓްރީ

އެ މަސްތަކަށް 29.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިފްކޯއިން މިދިޔަ މަހު ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.

މި އަހަރު މިހާތަނަށް މިފްކޯއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލައިލާއިރު އެންމެ ގިނަ އަދަދަކަށް މަސް ކިރުވައި މަސްވެރިންނަށް ފައިސާ ދޫކުރީ އޭޕްރިލް މަހެވެ. އެ މަހު އެކަނި ވެސް 4،414 ޓަނުގެ މަސް ކިރުވައި 78.8 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ.

މި އަހަރު މަސްވެރިކަން އެންމެ ދަށް ކަމަށް ދައްކަނީ ޖޫން މަހެވެ.