ބަރުމާ ނުވަތަ މިޔަންމާ އަށް ޑިމޮކްރަސީ ގެންނަން މަސައްކަތް ކުރުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ޖަލުގަ އާއި ގޭބަންދުގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވި އަންސަންޗޫކީ އަށް އެ ގައުމުގެ ރައީސް ކަމަށް ވަޑައިގެންނެވިދާނެ ކަމަށް އެގައުމުގެ އަސްކަރީ ވެރިޔާ ވިދާޅުވެއްޖެ އެވެ.

ބަރުމާގެ އަސްކަރީ ވެރިޔާ ތާން ސޭ ވިދާޅުވި ކަމަށް އޮސްޓްރޭލިއާގެ އޭއެފްޕީ ނޫހުން ބުނީ ދެ ބޭފުޅުން މިހާރު އެކުގައި މަސައްކުރައްވާ ކަމަށެވެ.

"ރައްޔިތުން އޭނަ ބަލައިގަންނަންޔާ އަހަރެން ވެސް ޖެހޭނީ ބަލައި ގަންނަން. އަހަރެން ކުރިން ވެސް ބުނިހެން އަހަރެމެން ދެމީހުން މިހާރު މިމަސައްކަތް ކުރަނީ އެކުގައި،" ތާންސޭ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

ބަރުމާގެ ގާނޫނު އަސާސީ މިހާރު އޮތް ގޮތުން 2015 އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ސޫޗީއަކަށް ވާދައެއް ނުކުރެއްވޭނެ އެވެ. އެއީ ބޭރުގެ ފަރާތަކާ އާއިލީ ގޮތުން ގުޅުން އޮންނަ މީހަކަށް ވެރިކަމަށް ކުރިމަތި ނުލެވޭތީ އެވެ. ސޫޗީ ކައިވެނި ބައްލަވައިގެން އުޅުއްވަނީ އިނގިރޭސި ރައްޔިތަކާ ކަމަށްވާ އިރު އެ ދެ ކަނބަލުންގެ ދެ ރަކަލުން ވެސް އެބަ ތިއްބެވި އެވެ. އެބޭފުޅުން ދިރިއުޅުއް ވަނީ ވެސް އިނގިރޭސިވިލާތުގަ އެވެ.

ތާންސޭ ވިދާޅުވަނީ އޭނާ ވިދާޅުވެފައި ވަނީ ސޫޗީ ވެރިކަމަށް ވަޑައިގެންނެވުމަށް ހުރި ހުރަސްތައް ނައްތާލުމުގެ މަސައްކަތް އަމިއްލަ ފުޅަށް ނުކުރެެއްވޭނެ ކަމަށެވެ. އަދި އެކަމުގައި ބަރުމާގެ ޕާލަމެންޓް މެމްބަރުންނާއި ރައްޔިތުންގެ އެހީ ބޭނުންވާނެ ކަމަށެވެ.

"އަހަރެން އެކަންޔަކަށް ގާނޫނު އަސާސީ ބަދަލެއް ނުކުރެވޭނެ. އެކަން ބިނާވެފައި އޮންނާނީ ރައްޔިތުން އަދި ޕާލަމެންޓް މެމްބަރުން އެދޭ ގޮތަކަށް،" ތާން ސޭ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

ތާންސޭ އެހެން ވިދާޅުވި އިރު ބަރުމާގެ ޕާލަމެންޓްގެ ހަތަރުބައިކުޅަ އެއްބައި ގޮނޑި ފުރަނީ އެގައުމުގެ ސިފައިންނެވެ. އަދި އެކަން އެހެން އޮތީ ވެސް ގާނޫނު އަސާސީގެ ސަބަބުން ކަމަށާއި ސިޔާސީ ކަންކަމުން ސިފައިން އެކަހެރި ކުރެވެން ނެތް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މިލިޓަރީގެ ދައުރު ގަނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވޭ، ޕާލަމެންޓްގެ އެހެން ސެކްޝަންތަކެކޭ އެއްގޮތަށް، އަހަރެމެންނަށް ސިފައިން ސިޔާސީ ކަންކަމުން ދުރަކަށް ނުލެވޭނެ، "ތާން ސޭ ވިދާޅުވެފައިވެ އެވެ.