02 Sep 2026, 15:22

ވޮލީބޯލް އެސޯސިއޭޝަން ކަޕް (ވީއޭއެމް ކަޕް) އަންހެން ޑިވިޝަންގައި އިއްޔެ ކުޅުނު ގްރޫޕް އޭގެ މެޗުތަކަށް ފަހު، ހުރާ ކޮމިއުނިޓީ ކްލަބުން ސެމީ ފައިނަލާ ގާތަށް ޖެހިލިއިރު، ޕޮލިސް ކްލަބުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ހުރާ އިން މޮޅުވީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އަތުން ފަހަތުން އަރައި 3-1 ސެޓުންނެވެ.

ވީއޭއެމް ކަޕް އަންހެން ޑިވިޝަނުގައި ހުރާ ކޮމިއުނިޓީ ކުލަބާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ވީއޭއެމް
މި މެޗުގެ ފުރަތަމަ ސެޓު 23-25 އިން ނިއު ޖެނެރޭޝަންއިން ގެންދިޔަ ނަމަވެސް، ހުރާ އިން ވަނީ ކުޅުން ރަނގަޅުކޮށް ޖެހިގެން އައި ތިން ސެޓު 25-22، 25-17 އަދި 25-19 އިން ކާމިޔާބުކޮށްފައެވެ. އަދި ރޭ ކުޅުނު މެޗުގައި ސިޓީ ފްރެންޑްސް ކްލަބް އަތުން ޕޮލިސް ކްލަބް މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 26-24، 25-16 އަދި 25-23 އިންނެވެ.
މި ނަތީޖާތަކާއެކު ގްރޫޕް އޭގެ އެއްވަނައިގައި 6 ޕޮއިންޓާއެކު އޮތީ ދެ މެޗުންވެސް މޮޅުވި ހުރާއެވެ. ދެވަނައިގައި އޮތް ޕޮލިހާއި ތިންވަނައިގައި އޮތް ސިޓީ ފްރެންޑްސްއަށް 3 ޕޮއިންޓް ލިބިފައިވާއިރު، ފުރަތަމަ ދެ މެޗުން ބަލިވި ނިއު ޖެނެރޭޝަން ވަނީ ޕޮއިންޓެއް ނުލިބި މުބާރާތުން ކަޓައިފައެވެ.
ގްރޫޕްގެ ފަހު މެޗުތަކަށް ބަލާއިރު، މާދަމާ ހަވީރު ޕޮލިސް ނުކުންނާނީ ނިއު ޖެނެރޭޝަންއާ ދެކޮޅަށެވެ. އަދި މާދަމާރޭ ހުރާ އިން ސިޓީ ފްރެންޑްސްއާ ކުޅޭއިރު، ފަސް ސެޓަށް ގޮސްގެން ބަލިވި ނަމަވެސް ހުރާއަށް ސެމީ ފައިނަލުގެ ޖާގަ ކަށަވަރުވާނެއެވެ.
މީގެ އިތުރުން، މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ކްލަބް އެމްޓީސީސީން ރާއްޖެ ވޮލީބޯލް ކްލަބާ ބައްދަލުކުރާނެއެވެ. އަދި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެމްކޯ އާއި ގުޑް ގޭމް ސްޕޯޓްސް (ޖީޖީ ސްޕޯޓްސް) އެވެ.
މުބާރާތުގެ ހުރިހާ މެޗެއް ސަން ޕްލޭއިން ވަގުތުން ގެނެސްދޭއިރު އޮންލައިން ޓިކެޓުގެ އަގަކީ 25 ރުފިޔާއެވެ. އަދި މެޗު ބަލަން ސޯޝަލް އިންޑޯއަށް ވަނުމުގެ ޓިކެޓު އަގަކީ 30 ރުފިޔާއެވެ.