02 Sep 2026, 14:56

އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ކުންފުނި، ރިލަޔަންސް އިން 10 ރުޕީސް (10.53 ސެންޓު) އިން ފެށިގެން އަގުހުރި އައިސްކްރީމް ބްރޭންޑެއް ބާޒާރަށް ނެރެފިއެވެ.
މިއީ އެ ކުންފުނިން ބަންދުކޮށްފައި ހުންނަ ކާބޯތަކެތީގެ ވިޔަފާރި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެކެވެ.
ރިލަޔަންސް ކޮންސިއުމާ ޕްރޮޑަކްޓްސް އިން އަންގާރަ ދުވަހު ބުނި ގޮތުގައި، "ބޮމްބޭ ކްރީމަރީ" ގެ ނަމުގައި ނެރުނު މި އައު ބްރޭންޑުގެ ދަށުން ކޯން، ކަޕް، ޓަބް، ބާ އަދި ސްޓިކް އައިސްކްރީމް ލިބެން ހުންނާނެއެވެ. ރިލަޔަންސް އިންޑަސްޓްރީޒްގެ ކޮންސިއުމާ ގުޑްސް ގޮފިން ބުނި ގޮތުގައި، މި އައިސްކްރީމްތައް މިހާރު އިންޑިއާގެ ހުޅަނގުގެ ސަރަހައްދުތަކުން ލިބެން ހުންނާނެއެވެ. އަދި ވަރަށް އަވަހަށް މުޅި ގައުމަށް މި އުފެއްދުންތައް ތައާރަފުކުރާނެއެވެ.
ރިލަޔަންސްއިން މި މާކެޓަށް ވަދެފައިވާއިރު، އިންޑިއާގެ އައިސްކްރީމް މާކެޓުގައި މިހާރުވެސް ދުނިޔޭގެ ބޮޑެތި ބްރޭންޑުތައް ކަމަށްވާ މެގްނަމް އާއި ބާސްކިން-ރޮބިންސްގެ އިތުރުން އިންޑިއާގެ މަޝްހޫރު ބްރޭންޑުތައް ކަމަށްވާ އަމުލް، ވާޑިލާލް، މަދާ ޑެއިރީ، ކޮލިޓީ ވޯލްސް އަދި ހަޓްސަން އެގްރޯގެ އަރޫން ފަދަ ބްރޭންޑުތައް ހިމެނެއެވެ. ރޮއިޓާސް އިން ގްރޯސަރީ ޑެލިވަރީ އެޕްލިކޭޝަނެއް މެދުވެރިކޮށް ބެލިބެލުމުން، މީގެ ކުރިން އެންމެ ހެޔޮ އަގެއްގައި ލިބެން ހުރީ އަމުލްގެ މެންގޯ ފްލޭވާ އައިސްކްރީމް ސްޓިކެކެވެ. އޭގެ އަގަކީ 20 ރުޕީސްއެވެ.

އަމްބާނީގެ އައިސްކްރީމް ބްރޭންޑް--
އޭޝިއާގެ އެންމެ މުއްސަނދި މީހާގެ ކުންފުނިން ވަނީ މީގެ 10 އަހަރު ކުރިން އިންޑިއާގެ ޓެލެކޮމް މާކެޓަށް ވަދެ، ވަރަށް ހެޔޮ އަގުތަކެއް ތައާރަފުކޮށް އެ ސިނާއަތުގެ އެންމެ ކުރީގައި އުޅޭ ކުންފުންޏަށް ވެފައެވެ. އޭގެ ފަހުން ކޯލާ މާކެޓުގައި ވާދަވެރިކަން ބޮޑުކުރުމުގެ ގޮތުން “ކޭމްޕާ” ބްރޭންޑު އަލުން ނެރެ، އަގުތަކުގެ ހަނގުރާމައެއް ފަށާފައިވެއެވެ.
ޓައިގާ ކޮންސަލްޓިންގެ ސީއީއޯ އޭ. މަނީކަންޑަން ވިދާޅުވި ގޮތުގައި، ރިލަޔަންސްއަށް ލިބޭނެ އެންމެ ބޮޑު ފައިދާއަކީ އަގުހެޔޮކުރުމާއި، ރީޓެއިލް ވިއުގަ ފުޅާވުމާއި، މުދާ ފޯރުކޮށްދިނުމުގެ ގާބިލުކަމުގެ އިތުރުން ކަސްޓަމަރުންގެ ޑޭޓާ ބޭނުންކުރުމުގެ ގާބިލުކަން އެއްކޮށްލުމެވެ. އޭނާ ފާހަގަކުރި ގޮތުގައި، މިހާ ހެޔޮ އަގެއްގައި އައިސްކްރީމް ވިއްކަން ފެށުމުން އައު ކަސްޓަމަރުން މި ބްރޭންޑު ތަޖުރިބާކުރުމަށް ހިތްވަރު ލިބޭނެއެވެ. އަދި ފުރަތަމަ ފަހަރަށް ގަންނަ މީހުން ދާއިމީ ކަސްޓަމަރުންނަށް ބަދަލުކޮށް، ފްރީޒާ ނެޓްވޯކް ފުޅާކޮށްފިނަމަ، ގައުމީ އަދި ސަރަހައްދީ ވާދަވެރިންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އާންމުގޮތެއްގައި އައިސްކްރީމް ބްރޭންޑުތަކުން ފިހާރަތަކަށް ފްރީޒަރު ފޯރުކޮށްދެއެވެ. ރިލަޔަންސް އިން ވަނީ އެ ކުންފުނީގެ ކޮންސިއުމާ ގުޑްސް ވިޔަފާރި ފުޅާކުރުމުގެ ތެރެއިން ކޭމްޕާ ލޯގޯ ޖެހި ފްރިޖުތައް ފިހާރަތަކުގައި ބަހައްޓާފައެވެ.