02 Sep 2026, 15:04

ހުޅުމާލޭގެ ޓަވަރުތަކުގައި ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް އެންގުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.
ކުއްލި މައްސަލައެއްގެ ގޮތުގައި، މި މައްސަލަ މާލެ ސިޓީ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާއަށް ހުށަހެޅުއްވީ، ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ)އެވެ.
މި މައްސަލަ ހުށަހަޅުއްވަމުން ޒާޔާ ވިދާޅުވީ، ފަހަކަށް އައިސް ހުޅުމާލޭގެ ޓަވަރުތަކުން ކުޑަކުދިން ވެއްޓޭ އަދަދު އިތުރުވެފައިވާ ކަމަށާއި މި ކަމަށް ދާއިމީ ހައްލެއް ގެންނަން ޖެހޭ ކަމަށެވެ.
ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި އެ މައްސަލަ ހައްލުކުރުމަށް އުސް ޓަވަރުތަކުގައި ހުންނަ ބެލްކަނިތަކާއި ކުޑަދޮރުތަކުގައި ހުންނަނީ ރެއިލިން ހަރުކޮށްފައި ކަމަށާއި މި ކަން ރާއްޖޭގައި ވެސް ކުރަން ޖެހޭ ކަމަށް ކައުންސިލަރު ވިދާޅުވިއެވެ.

ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ)--- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
ހުޅުމާލޭގައި އެ ޒިންމާ މަތިކޮށްފައި އޮންނަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ކަން ފާހަގަކުރައްވައި، ޒާޔާ ވަނީ، ހުޅުމާލެ ޓަވަރުތަކުގެ ބެލްކަނީގައި ރެއިލިން ހަރުނުކޮށްފިނަމަ، އެތައް ފުރާނައެއް ގެއްލޭނެ ކަމަށް ވިދާޅުވެފައެވެ.
"ކޮންމެ ޓަވަރެއްގެ ބަލަދުވެރި ކުންފުންޏާ ގުޅިގެން އެ ޓަވަރެއްގައި ހުރި ކުޑަދޮރުތަކާއި ބެލްކަންޏާއި އެ ފަދަ އޯޕަން އޭރިއާސްތަކުގައި ރެއިލިން ޖަހަން ޖެހޭ އެޗްޑީސީން،" ޒާޔާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެކްސިޑެންޓުތައް އިތުރުވެފައިވާތީ ފުލުހުންނާ ގުޅިގެން ޓްރެފިކް ހަރުދަނާކުރުމަށް އެޗްޑީސީއަށް އެންގުމަށް ވެސް ޒާޔާ ހުށަހެޅުއްވިއެވެ.
ޒާޔާ ހުށަހެޅުއްވި ގޮތަށް، ޓަވަރުތަކުގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކުރަން އެޗްޑީސީއަށް އަންގަން ފާސްވީ، ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ކައުންސިލަރުން އިއްތިފާގުންނެވެ.
ޓަވަރުތަކުގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކުރަން އަންގަން ނިންމިއިރު، ފުލެޓުތަކުން ކުޑަކުދިން ވެއްޓުމުގެ މައްސަލަތައް މި ފަހުން މި ވަނީ އިތުރުވެފައެވެ.
އިއްޔެ ވެސް ސްޓެލްކޯ ފުލެޓަކުން ދެ އަހަރުގެ އަންހެން ކުއްޖަކު ވެއްޓި މަރުވެފައިވާއިރު، މިދިޔަ ހޯމަ ދުވަހު ވަނީ، އަމާން އުދަރެސް ޓަވަރަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި، އަނިޔާވެފައެވެ.