ތެހެރާން (2 ސެޕްޓެމްބަރު 2026) : އީރާނުގެ އެކި ސަރަހައްދުތަކަށް ރޭ އެމެރިކާ ދިން އުދުވާނީ ހަމަލާތަކުގައި އީރާނުގެ ދެކުނުގެ ސަރަހައްދެއްކަމަށްވާ ސިރީކްގައި އޮތް ކައިވެނި ހަފުލާއަކަށްވެސް ހަމަލާތައް އަމާޒުކޮށް އާންމުންގެ ހަ މީހަކު ޝަހީދުކޮށްލާފައިވާކަން އީރާނުން ހާމަކޮށްފިއެވެ.

އީރާނުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި އެމެރިކާގެ ހަމަލާތައް ސިފަކޮށްފައިވަނީ ޓެރަރިސްޓް ހަމަލާތަކެއްގެ ގޮތުގައެވެ. އެމެރިކާއަކީ ސްޓޭޓް ޓެރަރިޒަމްގެ މައިހަބުކަމަށް މާކުރީއްސުރެވެސް އީރާން ސިފަކުރެއެވެ. ރޭ އެމެރިކާ ދިން ހަމަލާތައް އީރާނުގެ 100 އަށް ވުރެގިނަ ތަންތަނަށް އަމާޒުކޮށްފައިވާއިރު ހަމަލާތައް އަމާޒުކުރި ތަންތަނުގެ ތެރޭގައި ސިރީކް ސަރަހައްދުގެ ޓައުންއެއްކަމަށްވާ ކޫހަސްތަކުގައި ކުރިޔަށްދިޔަ ކައިވެނި ހަފުލާއެއްވެސް ހިމެނެއެވެ.

މި ހަފްލާއަށް އެމެރިކާ ދިން ހަމަލާތަކުގައި އާންމުންގެ ހަ މީހުން ޝަހީދުކޮށްލުމުގެ އިތުރުން 55 މީހުން ޒަޚަމްވިކަންވެސް އީރާނުގެ ރަސްމީ ޓީވީން ވަނީ ހާމަކޮށްފައެވެ. ޒަޚަމްވި މީހުންވަނީ އެސަރަހައްދުގެ ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ. އެމެރިކާގެ ހަމަލާތަކުގައި ގިނައިން ޒަޚަމްވީ އަންހެނުންކަމަށް އެސަރަހައްދުގެ ގަވަރުނަރު ވިދާޅުވިއެވެ.

އެމެރިކާއާއި އިސްރާއީލަކީ ގައުމުތަކަށް އިސްވެ ހަމަލާދީ ފުޅާދާއިރާއެއްގައި ޓެރަރިޒަމްގެ އަމަލުތައް ހިންގަމުން ގެންދާ ދެގައުމުކަން ފާހަގަކުރެވެއެވެ. ބައިނަލްއަގްވާމީ ގޮތުން ޓެރަރިޒަމްގެ މާނައަކީ އާންމުންނަށް ބިރު ދެއްކުމާއި އާންމުންނަށް ހަމަލާދިނުމަށެވެ. އެމެރިކާއާއި އިސްރާއީލަކީ މިކަން އެންމެ ގިނައިން ކުރާ ދެގައުމުކަން އެއީ ސާފުކޮށް ފެންނަން އޮތްކަމެކެވެ. އެމެރިކާވަނީ އީރާނުގެ އަންހެން ކުދިންގެ ސްކޫލަކަށްވެސް ހަމަލާދީ 170 އަށްވުރެ ގިނަ ދަރިވަރުންނާއި ޓީޗަރުން ޝަހީދުކޮށްލާފައެވެ.

އީރާނުގެ އަސްކަރީ ބަޔާނެއް ބުނާގޮތުން އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ރިވޮލިއުޝަނަރީ ގާޑުން ވަނީ އިރާގުގެ ކުރުދިސްތާން ސަރަހައްދުގައިވާ އެމެރިކާގެ އެތައް ތަނަކަށް ހަމަލާދީފައެވެ. މީގެތެރޭގައި ހަތިޔާރު ރައްކާ ގުދަންތަކާއި ރަޑަރަކާއި ތެޔޮރައްކާކުރާ ޓޭންކްތަކާއި ޖާސޫސީ މަރުކަޒެއް ހިމެނެއެވެ.

އިރާގުގައިވާ އެމެރިކާގެ ތަންތަނުގެ އިތުރުން އުރުދުންގައިވާ އެމެރިކާގެ 3 ބޭސްއަކަށްވެސް އީރާންވަނީ އިންޓެންސިވްކޮށް މިސައިލާއި ޑްރޯނުން ހަމަލާތައް ދީފައެވެ. މީގެއިތުރުން ކުވައިތުގައިވާ އެމެރިކާގެ ދެ ބޭސްއަކަށްވެސް އީރާނުގެ ހަމަލާތައް އަމާޒުކުރިކަމަށް އެގައުމު ބުނެފައިވެއެވެ.

އިރާގުގެ ކުރުދިސްތާންގައިވާ އެމެރިކާގެ މަރުކަޒުތަކަށް ދިން ހަމަލާތަކުގައި އެމެރިކާ ސިފައިންގެ ތެޔޮރައްކާކުރާ ޓޭންކްތަކުގައި އަލިފާންރޯވެ ރާޑަރެއް ހަލާކުވެ އެމެރިކާ ސިފައިންގެ ބަޔަކު މަރުވިކަމުގެ ރިޕޯޓްތަކެއްވަނީ ފެންމަތިވެފައެވެ. ނަމަވެސް މިކަން އެމެރިކާ ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މައުލޫމާތު ލިބޭގޮތުގައި އެމެރިކާ އީރާނަށް ދިން ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ގަލްފުގެ އައްސޭރީގައިވާ އީރާނުގެ އަސްކަރީ މަރުކަޒުތަކަށެވެ. މިސައިލް ބޭނުންކޮށްގެން ގަލްފަށް މައިން އެޅުމުގެ ޓެކްނޮލޮޖީ އީރާން ހޯދާފައިވާކަން އެމެރިކާގެ ރިޕޯޓްތަކުން މިހާރުވަނީ ހާމަވެފައެވެ. އެމެރިކާ ބުނާގޮތުން އެންމެ ގިނައިން ހަމަލާތައް އަމާޒުކުރީ ގަލްފާއި ހުރުމުޒު ކަނޑުއޮޅިއަށް މައިން އެޅުމަށް އީރާން ބޭނުންކުރާ މިސައިލްތައް ހުރިކަމަށް ބެލެވޭތަންތަނަށެވެ.

މިސައިލް ބޭނުންކޮށްގެން ކަނޑަށް މައިން އެޅުމުގެ ގާބިލްކަން ލިބިފައިވާކަން މިހާތަނަށް އެނގިފައިވާ ތިން ގައުމަކީ އެމެރިކާ، ރަޝިއާ އަދި ޗައިނާއެވެ. އީރާން މި ޓެކްނޮލޮޖީ ހޯދުމުން ކަނޑުގެ އުޅަނދުތަކާ ނުލައި ހުރުމުޒު ކަނޑުއޮޅިއަށް މައިން އެޅުމުގެ ކުޅަދާނަކަން އީރާނަށް ލިބިފައިވާކަން ވަނީ ހާމަވެފައެވެ.