02 Sep 2026, 13:29
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ކައުންސިލްތަކަށް އެއްވެސް މުވައްޒަފަކު ނުނެގުމަށް އެ އޮތޯރިޓީން ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އަންގައިފިއެވެ.
އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ސޮއިކުރައްވައި އިއްޔެ ކައުންސިލްތަކަށް ފޮނުއްވި ސިޓީއެއްގައި ވަނީ، މިއީ ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެ އޮތޯރިޓީން އަޅަން ނިންމާފައިވާ މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެގޮތުން، ދައުލަތުގެ ބަޖެޓުންނާއި ކައުންސިލްގެ އަމިއްލަ އާމްދަނީން ޚަރަދުވާ ގޮތަށް، ކައުންސިލްތަކުން އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަޤާމުތަކަށް މީހުން ނެގުމުގެ ކުރިން އެލްޖީއޭގެ ލިޔުމުން ހުއްދަ ހޯދަންޖެހޭނެ ކަމަށް ވަނީ އަންގާފައެވެ.
މީގެއިތުރުން، ކައުންސިލް ހިންގުމުގެ ނިޒާމުގެ ތެރެއިން ދިމާވާ ވަގުތީ ބޭނުންތައް ފުއްދުމަށާއި ވަގުތީ މަޝްރޫޢުތައް ހިންގުމަށް ބޭނުންވެގެން، ވަކި މުއްދަތަކަށް ނުވަތަ ވަކި މަސައްކަތެއް ކުރުމަށް ނަގާ ކޮންޓްރެކްޓް އެމްޕްލޯއިމެންޓާއި ވޭޖް އެމްޕްލޯއިމެންޓް މަޤާމުތަކަށް ވެސް މީހުން ނަގަންވާނީ އެ އޮތޯރިޓީގެ ހުއްދަ ހޯދުމަށްފަހު ކަމަށް ސިޓީގައި ވެއެވެ.
އެލްޖީއޭގެ ސިޓީގައި އިތުރަށް ބަޔާންކޮށްފައިވަނީ، ވަގުތީ ބޭނުންތަކަށާއި ވަކި މަޝްރޫޢުތައް ހިންގުމަށް ޓަކައި ކޮންޓްރެކްޓް، ވޭޖް، ކޮންސަލްޓަންސީ އަދި މި ނޫން ވެސް އުޖޫރަ ދެވޭ އެއްވެސް ބާވަތެއްގެ ވަޒީފާއަކަށް މީހުން ނެގުމަށް އިޢުލާން ކުރަންވާނީ ވެސް އެ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދުމަށްފަހުގައި ކަމަށެވެ.
އެހެންކަމުން، އިއްޔެއިން ފެށިގެން އެއްވެސް މުވައްޒަފަކު ކައުންސިލްގެ ވަޒީފާއަކަށް ނަގަންވާނީ އެލްޖީއޭގެ ލިޔުމުން ހުއްދަ ލިބިގެން ކަމަށް ހުރިހާ ކައުންސިލްތަކަށް ވަނީ އަންގާފައެވެ.
ލާމަރުކަޒީ ނިޒާމު ހިންގަން ކުރާ ޚަރަދު ކުޑަކުރުމަށް ކަމަށް ބުނެ ސަރުކާރުން ގިނަ ބަދަލުތަކެއް އަންނަނީ މި ނިޒާމަށް ގެންނަމުންނެވެ. އެގޮތުން އަތޮޅު ކައުންސިލްތައް އުވައިލައިފައިވާއިރު އަނެއްކޮޅުން އެލްޖީއޭގައިވަނީ ކޮންމެ އަތޮޅަކަށް ޚާއްސަ އޮފީހެއް އުފައްދައިފައެވެ.
މީގެ އިތުރުން ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހުވަނީ ގެނެސްފައެވެ.