02 Sep 2026, 13:23
އިންޑޮނޭޝިއާގެ އިރުމަތީ ޖާވާގައި ސަރުކާރުން ހިލޭ ފޯރުކޮށްދިން ކާނާ ކައިގެން 500 އަށް ވުރެ ގިނަ ދަރިވަރުން ކާނާ ވިހަވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ނޭޝަނަލް ނިއުޓްރިޝަން އޭޖެންސީގެ އޮފިޝަލެއް ކަމަށްވާ ކެޓުޓް ސުމެދާނާ ވިދާޅުވި ގޮތުގައި، ސިޑޯރްޖޯ ސަރަހައްދުގައި އިއްޔެ މެންދުރުގެ ކެއުމަށް ފަހު 512 ދަރިވަރުން ވަނީ ބަލިވެފައެވެ. އޭނާ އާންމުކުރެއްވި ވީޑިއޯ ބަޔާނެއްގައި ވިދާޅުވީ، މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ކުދިންގެ ސިއްހަތު ސަލާމަތްކުރުމަށް ކަމަށާއި، މިއަދާ ހަމައަށް 80 ވަރަކަށް ކުދިންނަށް ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދާ ކަމަށެވެ. މީގެ ކުރިން ސަރަހައްދީ އޮފިޝަލަކު ވިދާޅުވެފައިވަނީ 516 ކުދިންނަށް އަސަރުކޮށްފައިވާ ކަމަށެވެ.
އިރުމަތީ ޖާވާގެ ޑެޕިއުޓީ ގަވަރުނަރު އެމިލް ދަރްދަކް ވިދާޅުވި ގޮތުގައި، މި ކާނާ ފޯރުކޮށްދީފައިވަނީ އިސްލާމީ ބޯޑިން ސްކޫލަކަށެވެ.
ކެޓުޓް ވިދާޅުވީ، ކާނާ ވިހަވުމުގެ ސަބަބެއް ކަމަށް ބެލެވޭ ބަދިގެ، ކާނާ ފޯރުކޮށްދިނުމުގެ ޕްރޮގްރާމުން 30 ދުވަހުގެ މުއްދަތަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި، ކާނާ ވިހަވާން މެދުވެރިވި ސަބަބު ހޯދުމަށްފަހު އިއުލާންކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއީ އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ، ކުދިންނަށް ބޭނުންވާ ހަށިގަނޑަށް ފައިދާހުރި ކާނާ ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ އަހަރު ފެއްޓެވި އެތައް ބިލިއަން ޑޮލަރެއްގެ ޕްރޮގްރާމެކެވެ. ނަމަވެސް، މި ޕްރޮގްރާމާ ގުޅިގެން ކާނާ ވިހަވުމާއި، ކޮރަޕްޝަންގެ ތުހުމަތުތަކާއި، އިސްވެރިން ބަދަލުވުން ފަދަ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. ތައުލީމީ ދާއިރާ މޮނިޓަރކުރާ ޖަމިއްޔާއެއް ކަމަށްވާ ނެޓްވޯކް ފޯ އެޑިއުކޭޝަން ވޮޗް އިން ބުނި ގޮތުގައި، މިދިޔަ މަހުގެ އަށް ވަނަ ދުވަހާ ހަމައަށް މި ޕްރޮގްރާމާ ގުޅުންހުރި ކާނާ ވިހަވުމުގެ 37،600 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، ކާނާ ވިހަވާން މައިގަނޑު ގޮތެއްގައި މެދުވެރިވަނީ ކާބޯތަކެތި ރައްކާތެރިކަމާއެކު ގުދަންކޮށްފައި ނުހުރުމާއި، ކައްކާފައި ހުންނަ ކާނާ ގެންދަންޖެހޭ ތަންތަނަށް ލަހުން ގެންދިއުމުގެ ސަބަބުންނެވެ.
މި ހާދިސާ ހިނގާފައިމިވަނީ، ނޭޝަނަލް ނިއުޓްރިޝަން އޭޖެންސީއާ އަލަށް ހަވާލުވި ވެރިޔާ މި ޕްރޮގްރާމް އިސްލާހުކުރާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ. ފެންވަރު ދަށްވުމުގެ ސަބަބުން އެ އޭޖެންސީން ވަނީ ކާނާ ފޯރުކޮށްދޭ އެތައް ސަތޭކަ ބަދިގެއެއް ބަންދުކޮށްފައެވެ. ސިޑޯރްޖޯގައި ހިނގި މި ހާދިސާއާ ގުޅޭގޮތުން ނޭޝަނަލް ނިއުޓްރިޝަން އޭޖެންސީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތަށް އެ އޭޖެންސީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ކޮރަޕްޝަންގެ ތުހުމަތުގައި މިދިޔަ ޖޫން މަހު އެ އޭޖެންސީގެ އޭރުގެ ވެރިޔާ ހައްޔަރުކުރުމާ ގުޅިގެން ވެރިންނަށް ބަދަލުތަކެއް އައިސްފައިވާއިރު، ސަރުކާރުން ވަނީ މި ޕްރޮގްރާމް ހިންގާ ދާއިރާވެސް ކުޑަކޮށްފައެވެ. މީގެ އިތުރުން، މި ޕްރޮގްރާމަށް ހިނގާ ބޮޑު ހަރަދުގެ ސަބަބުން ގައުމުގެ މާލީ ދަރަނި ބޮޑުވެދާނެކަމުގެ ކަންބޮޑުވުން އިންވެސްޓަރުންގެ މެދުގައި އެބައޮތެވެ. ޖުލައި މަހު ސައިފުލް މުޖާނީ ރިސާޗް އެންޑް ކޮންސަލްޓިންއިން ހެދި ސާވޭއަކުން ދެއްކި ގޮތުގައި، މި ޕްރޮގްރާމާމެދު ހިތްހަމަޖެހެނީ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނެވެ. އަދި މީގެ މައިގަނޑު ސަބަބެއް ކަމަށް އެ ފަރާތްތަކުން ފާހަގަކޮށްފައިވަނީ ކާނާ ވިހަވުމުގެ މައްސަލަތަކެވެ.