ފަސް އަހަރު ފަހުން ދިރާގް ދިވެހި ލީގުގެ ޗެމްޕިއަންކަން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ހޯދުމާ ގުޅިގެން ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކުލަބުން ނިއުއަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ދިވެހި ލީގުގެ ތިން ވަނަ ބުރުގައި އަދި ބާކީ ދެމެޗް ކުޅެން އޮއްވައި ލީގުގައި އަދި މިހާތަނަށް ނިއުރޭޑިއަންޓް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، މުބާރާތުގެ ޗެމްޕިއަންކަން އެ ޓީމުން ހޯދީ ވާދަވެރި ވިކްޓަރީއާ ދެކޮޅަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅުނު މެޗް 3-1 ލަނޑުން ކާމިޔާބު ކޮށްގެންނެވެ.

ލީގުގެ ޗެމްޕިއަންކަން ނިއު ހޯދި މެޗަށް ފަހު ވިކްޓަރީގެ ހެޑް ކޯޗް އަލީ ސުޒޭން ބުނީ، މިފަހަރުގެ ދިވެހި ލީގުގެ ޗެމްޕިއަންކަން ނިއު ހޯދުމުން އެ ޓީމަށް ހޫނު މަރުހަބައެއް ކިޔާ ކަމަށާއި އެ ކާމިޔާބީގެ ސަބަބުން ކުރިއަށް އޮތް ދިވެހި ލީގު ވެސް އަލުން ފޯރި ގަދަވާނެ ކަމަށެވެ.

"ލީގް ކާމިޔާބު ކުރި ނިއުއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަން. މެޗުގައި ދެ ޓީމުން ވެސް ފެނުނީ ވަރަށް ވާދަވެރިކަން. ނިއުގެ މިކާމިޔާބީގެ ސަބަބުން އަލުން ފޯރި އަންނާނެ،" ސުޒޭން ބުންޏެވެ.

ލީގުގެ ޗެމްޕިއަންކަން މިފަހަރު ހޯދި ނިއު އެއްވަނާގައި އޮތީ 43 ޕޮއިންޓާއެކުގަ އެވެ. ދެ ވަނާގައި މާޒިޔާ އޮތީ 35 ޕޮއިންޓާއެކުގެ އެވެ. އަދި ވިކްޓަރީ އަށް ތިން ވަނަ ލިބެނީ 31 ޕޮއިންޓާއެކުގަ އެވެ.

ސީޒަނާ ކުރިމަތި ލިއިރު ރާއްޖޭގެ މަސްހޫރު މޮޅެތި ކުޅުންތެރިން ބޮޑުއަގުގައި ގަނެ، މިފަހަރުގެ ދިވެހި ލީގް ނިއުއިން ކާމިޔާބު ކުރި އިރު، އެ ޓީމުން ލީގުގައި 41 ލަނޑު ކާމިޔާބު ކޮށްފައިވެ އެވެ. އަދި އެ ޓީމު ކޮޅަށް ވަދެފައި ވަނީ އެންމެ ހަތް ލަނޑެވެ.

ނިއުއިން ލީގް ކާމިޔާބު ކުރި މެޗުގެ ކުރިން މީޑިއާގައި ދެ ޓީމުގެ ކޯޗުންގެ ބަހުގެ ހަމަލާ ބަދަލުކޮށްފައި އޮތް މިމެޗުގެ ފުރަތަމަ ލަނޑުޖަހާ މެޗުގެ ލީޑް ނެގީ ވިކްޓަރީންނެވެ. އެލަނޑު ވިކްޓަރީއަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފުގައި ކެމަރޫނު ފޯވަޑް ހަންސްލީ އަވީލޯ އެވެ. ނިއު އަށް ނަތީޖާ ހަމަހަމަކޮށްދިނީ ފުރަތަމަ ހާފު ނިމެން ދެ މިނިޓަށްވީ ފަހުން ބަލްގޭރިޔާގެ މިޑްފީލްޑަރު އިވާން ކަމަނޯފެވެ. ނިއުގެ ފަހު ދެ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނު، އަދި މިފަހަރުގެ ދިވެހި ލީގުގައި ނިއުއަށް 16 ލަނޑު ކާމިޔާބު ކޮށްދިން ގައުމީ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އެއިރު ވިކްޓަރީ ކުޅެމުންދިޔައީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ނިއުގެ ފޯވާޑް އަލީ އުމަރަށް ގަސްތުގައި ހަމަލާދިނުމުން ވިކްޓަރީގެ މުހައްމަދު ރަޝީދު (ހޮކޭ) އަށް ރަތްކާޑު ދެއްކުމުންނެވެ.