02 Sep 2026, 12:55
ހުޅުމާލޭގައި މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ހިތިގަސް މަގުން އުތުރަށް ދަތުރުކުރި ސައިކަލެއް، ވިނަރެސް 6 ފްލެޓް ކައިރިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 8:03 އެހާކަންހާއިރު ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި އެކްސިޑެންޓްގެ ސަބަބުން ސައިކަލު ދުއްވަން އިން މީހާއަށާއި ސައިކަލުގެ ފަހަތުގައި އިން މީހާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެންނަމަވެސް، ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ސައިކަލުން ޖެހުނު، މަގު ހުރަސްކުރި މީހާ އެ ތަނުގައި ނެތް ކަމަށާއި އޭނާ ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މުއައްސަސާއިން ފަހުން ހިއްސާކުރި މެސެޖެއްގައި ވަނީ، އެކްސިޑެންޓާ ގުޅިގެން އިތުރަށް ބެލިބެލުމުން، ސައިކަލުގެ ކުރިމަތިން ކުއްލިއަކަށް ކުޑަކުއްޖަކު މަގު ހުރަސްކުރުމުން، ކުއްޖާ ގައިން ނައްޓަން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލުން ނެއްޓި ވެއްޓުނީކަން އެނގިފައިވާ ކަމަށެވެ. އަދި މި ހާދިސާގައި ކުއްޖާގެ ގައިގައި ސައިކަލުން ޖެހިފައިނުވާކަން ފުލުހުން ފާހަގަކުރިއެވެ.
މަގު ހުރަސް ކުރުމުގެ ތެރޭގައި ވެސް މާލެއާއި، ހުޅުމާލޭގައި އެކި އެކްސިޑެންޓުތައް ހިނގައެވެ. ގިނަ ފަހަރު މިފަދަ އެކްސިޑެންޓު ހިނގަނީ ކަފިހި ހުރަހުން ހުރަސް ނުކުރުމާއި، ހުރަސްކުރާއިރު ރަނގަޅަށް ނުބެލުމުގެ އިތުރުން ވެހިކަލްތައް މަޑުނުކުރުމުގެ ސަބަބުންނެވެ.