އިންޑިއާގެ ވެސްޓް ބެންގާލްގައި މަގުމައްޗަށް ކުޅު ޖަހައި، ކުނި އަޅާ މީހުން ޖޫރިމަނާ ކުރަން ފަށައިފިއެވެ.

ވެސްޓް ބެންގާލްގައި އިއްޔެއިން ފެށިގެން ވަނީ، އާންމު ސާފުތާހިރުކަމުގެ މިންގަނޑުތަކާ ޚިލާފުވާ މީހުންނާ ދެކޮޅަށް އައު ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ.

އެ ފިޔަވަޅުތަކުގެ ދަށުން، މަގުމައްޗަށް ކުޅުޖެހުމާއި، ކުނިއެޅުމާއި، އާންމު ތަންތަނުގައި ބޮޑުކަމު ނުވަތަ ކުޑަކަމު ދިއުމުގެ އިތުރުން މަނާކޮށްފައިވާ ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މީހުން ޖޫރިމަނާކުރާނެއެވެ.

ވެސްޓް ބެންގާލްގެ އާބަން ޑިވެލޮޕްމަންޓް އެންޑް މުނިސިޕަލް އެފެއާޒް ޑިޕާޓްމަންޓުން ބުނި ގޮތުގައި، އެ ފިޔަވަޅުތައް އަޅަނީ އާންމު ތަންތަނުގެ ސާފުތާހިރުކަން އިތުރުކޮށް، އެފަދަ ތަންތަނަކީ ސިއްހީ ގޮތުން ރައްކާތެރި ތަންތަނަށް ހެދުމަށެވެ. އަދި އެއީ އާމްދަނީ ހޯދުމަށް ވުރެ ބޮޑަށް، އާންމުންގެ އާދަތަކަށް ދާއިމީ ބަދަލެއް ގެނައުމުގެ މަގުސަދުގައި ފެށި މަސައްކަތެއް ކަމަށް އެ ޑިޕާޓްމަންޓުން ފާހަގަކުރިއެވެ.

މި އާ ގަވާއިދުތަކުގެ ދަށުން، ސާފުތާހިރުކަމުގެ މިންގަނޑުތަކާ ޚިލާފުވާ މީހުންނަށް ކަނޑައަޅާފައިވަނީ 100 ރުޕީސް (16.27 ރުފިޔާ) އާއި 200 ރުޕީސް (32.54 ރުފިޔާ) އާ ދެމެދުގެ ޖޫރިމަނާއެކެވެ. އެގޮތުން އާންމު ތަންތަނާއި، ހޮސްޕިޓަލްތަކާއި، ތައުލީމީ މަރުކަޒުތަކުގެ އިތުރުން މިސްކިތް ފަދަ ދީނީ ތަންތަނުގެ ކައިރިއަށް ކުޅުޖަހާ މީހުން 100 ރުޕީސްއިން ޖޫރިމަނާކުރާނެއެވެ.

މީގެ އިތުރުން، ކުނިއަޅާ މީހުންނާއި، ގަވާއިދާ ޚިލާފަށް ކުނި އުކާލާ މީހުންނާއި، މަނާކޮށްފައިވާ ބާވަތުގެ ތުނި ޕްލާސްޓިކް ކޮތަޅު ގެންގުޅޭ މީހުން 200 ރުޕީސްއިން ޖޫރިމަނާކުރާނެއެވެ. އަދި ފާޚާނާ ނޫން ތަންތަނުގައި ބޮޑުކަމު ނުވަތަ ކުޑަކަމުދާ މީހުންވެސް 200 ރުޕީސްއިން ޖޫރިމަނާކުރާނެއެވެ.

އެ ޖޫރިމަނާތައް ނެގުމަށްޓަކައި އެ ކަމަށް ޚާއްސަ އިންސްޕެކްޓަރުން މަގުތަކާއި، އާންމު މައިދާންތަކާއި، ދަތުރުފަތުރުކުރާ މައި މަރުކަޒުތަކުގައި ހަރަކާތްތެރިވާނެއެވެ. މި އިންސްޕެކްޓަރުން ޖޫރިމަނާ ފައިސާ ބަލައިގަންނާނީ ހަމައެކަނި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށްކަން ކަމާ ބެހޭ އިދާރާތަކުން ފާހަގަކޮށްފައިވެއެވެ. އެއީ ކުށް ތަކުރާރުކުރާ މީހުން ދެނެގަތުމަށް ފަސޭހަކުރުމުގެ ގޮތުން ތައާރަފުކުރި ނިޒާމެއް ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެ ފިޔަވަޅުތައް ތަންފީޒުކުރަން ފެށުމުގެ ކުރިން ވެސްޓް ބެންގާލްގެ އިދާރާތަކުން ވަނީ މިދިޔަ ޖުލައި މަހާއި އޮގަސްޓު މަހު ހޭލުންތެރިކުރުމުގެ ކެމްޕޭންތައް ކުރިއަށްގެންގޮސްފައެވެ. އެ ކެމްޕޭނުގެ ދަށުން މަގުތައް ސާފުކޮށް، ޑަސްބިން ބަހައި، މައުލޫމާތު ދިނުމުގެ މަސައްކަތްތައް ކޮށްފައިވެއެވެ.