02 Sep 2026, 12:10
އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއަށް އަނިޔާކުރި މައްސަލައެއް ސާބިތުވެ، ދިވެހި ފިރިހެނަކު ޖަލަށްލާން ހުކުމްކޮށް، އެ ހުކުމް ޖޫރިމަނާ އަކަށް ބަދަލުކޮށްފިއެވެ.
މިއީ، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ހިނގި ހާދިސާއަކާ ގުޅޭ މައްސަލައެކެވެ. މި މައްސަލައިގައި ދިވެހި ފިރިހެނަކާ ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި، ދައުލަތުން އުފުލި ދައުވާއަށް ފިރިހެން މީހާވަނީ ޝަރިއަތުގައި އިއުތިރާފުވެފައެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންދިޔައީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ފިރިހެން މީހާވަނީ އޭނާގެ އަންހެން ކޮއްކޮގެ ކަރުގައި ހިފައި ބިން މައްޗަށް ވައްޓާލައި އަނިޔާކޮށްފައެވެ. އަދި އިސްތަށިގަނޑުގައި ހިފައިވެސް އަނިޔާކޮށްފައިވާ ކަމަށް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ގާނޫނުލްއުގޫބާތުގެ ދަށުން، މީހެއްގެ ހަށިގަނޑަށް އެއްވެސް ކަހަލަ ތަދެއްވުން، ބައްޔެއް ޖެއްސުން ނުވަތަ ޖިސްމާނީ ގޮތުން އުނިކަމެއް އައުމަކީ އަނިޔާ ދިނުމެވެ. އަނިޔާ ދިނުމުގެ ކުށް މައިގަނޑު ގޮތެއްގައި ބެހިގެންވަނީ ދެ ދަރަޖައަކަށެވެ. އެއީ، މީހަކަށް އަނިޔާއެއް ދިނުން އަދި، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ނުވަތަ ބޮޑު އަނިޔާއެއް ދިނުމެވެ.
މީހަކަށް އަނިޔާއެއް ދިނުން މިއީ އާންމު ގޮތެއްގައި ޖުނަހްގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. މީގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ނުވަތަ ބޮޑު އަނިޔާއެއް ދިނުމަކީވެސް ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެކެވެ. މީގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
މި މައްސަލައިގައި މި ފިރިހެން މީހާގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ޝަރިއަތުންވަނީ އެ ހުކުމް، 7200 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ. އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކަންވަނީ އަންގާފައެވެ.