ޕާކިސްތާނުން ފުރައިގެން ކަނޑުމަގުން ސްރީލަންކާއަށް އެތެރެކުރި ކޮންޓެއިނަރުތަކެއްގައި ފޮރުވައިގެން ގެންދިޔަ ގާތްގަނޑަކަށް 463 ކިލޯގްރާމްގެ ކްރިސްޓަލް މެތަމްފެޓަމިން ސްރީލަންކާގެ ފުލުހުން އަތުލައިގަނެފިއެވެ.

ސްރީލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މިއީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ޑްރަގް ނެޓްވޯކަކުން ސްރީލަންކާ މެދުވެރިކޮށް ބައިނަލްއަގުވާމީ މާކެޓުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމަށް ރާވައިގެން ހިންގަން އުޅުނު އަމަލެކެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ 14 އޮގަސްޓް އިން 29 އޮގަސްޓް އަށް އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަން (ޑީއީއޭ) ގެ ފޮރިން ކައުންޓަޕާޓްސް ޔުނިޓާއި ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސްގެ ސްޕެޝަލް އިންވެސްޓިގޭޝަންސް ސެލް ގުޅިގެން އެއްކުރި އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.

އެމްބަސީން ބުނި ގޮތުގައި، ޕާކިސްތާނުން އައި ކޮންޓެއިނަރުތައް ސްރީލަންކާގެ ޕޮލިސް ނާކޮޓިކްސް ބިއުރޯ (ޕީއެންބީ) އިން ހުއްޓުވައި ބަލައިފާސްކުރިއިރު، މި މަސްތުވާތަކެތި ހުރީ ފެންހިއްކާ ތުވާލިތަކެއްގެ ތެރޭގައި ފޮރުވާފައެވެ. އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 21 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

މި މައްސަލައާ ގުޅިގެން ޕާކިސްތާނުގެ ރައްޔިތުންތަކެއް ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

އެމެރިކާ އެމްބަސީން ފާހަގަކުރި ގޮތުގައި، މި ކާމިޔާބު އޮޕަރޭޝަނުން ދައްކުވައިދެނީ ޓެރަރިޒަމަށް ފަންޑުކުރާ އަދި ދެ ގައުމުގެ މުޖުތަމައުތަކަށް ނުރައްކާކުރާ ބައިނަލްއަގުވާމީ ކުށްކުރާ ގްރޫޕުތައް ނައްތާލުމުގައި އެމެރިކާއާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުމުގެ ބަދަހިކަމެވެ. މީގެ އިތުރުން، މިއީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒް (އައިއެންއެލް) މެދުވެރިކޮށް ސްރީލަންކާގެ ފުލުހުންނާއި ކަސްޓަމްސްއަށް ދިގު މުއްދަތަކަށް ފޯރުކޮށްދެމުންދާ ތަމްރީނާއި ފަންނީ އެހީތެރިކަމުގެ ނަތީޖާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމެރިކާއިން ވަނީ ބައިނަލްއަގުވާމީ ކުށްވެރިންގެ ނެޓްވޯކްތައް ހޯދައި، މަސްތުވާތަކެތީގެ ވިޔަފާރިން އެ ފަރާތްތަކަށް ލިބޭ އާމްދަނީ ހުއްޓުވައި، ރައްޔިތުން ސަލާމަތްކުރުމަށް ސްރީލަންކާއާއި ސަރަހައްދީ އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމުގައި ދެމިއޮންނާނެކަން ތަކުރާރުކޮށްފައެވެ.