ހިމަބިހި ޖެހިފައިވާ ނުވަ މީހުންގެ ކޮންޓެކްޓުންގެ އަދަދު 215ގައި
ހިމަބިހި ޖެހިފައިވާ ނުވަ މީހުންގެ ކޮންޓެކްޓުންގެ އަދަދު 215ގައި

މިދިޔަ މެއި މަހުން ފެށިގެން ފެތުރެމުން އަންނަ ހިމަބިހީގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ ނުވަ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.

އެ އެ ޖެންސީން އިއްޔެ ބުނި ގޮތުގައި، މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ވަނީ، އިތުރު ނުވަ މީހަކު މި ބައްޔަށް ޕޮޒިޓިވްފެފައެވެ. އެއާއެކު، މިހާތަނަށް ހިމިބިއްސަށް ޕޮޒިޓިވް މީހުންގެ ޖުމުލަ އަދަދު 252އަށް އަރާފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

'ސަން'އިން މިއަދު ސުވާލުކުރުމުން އެޗްޕީއޭއިން ބުނީ، މި ބަލީގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި އުޅެނީ ވެސް ނުވަ މީހުން ކަމަށެވެ. އަދި، އެ މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި، 215 މީހުން ފާހަގަވެފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ.

އެޗްޕީއޭއިން އިއްޔެ ވަނީ، މި ބަލިން ރައްކާތެރިވުމަށް މިހާތަނަށް 16،216 މީހުންނަށް ވެކްސިން ދީފައިވާކަން ފާހަގަކޮށްފައެވެ.

ވެކްސިން ކާޑެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައިންގަޔަށް ފަސޭހައިން އަރާ ބައްޔެއް ކަމަށްވާ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ މީހުންނަށް، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ވެކްސިން ޖަހަން ކަނޑައަޅާފައިވާ ވަގުތުގައި ވެކްސިން ޖެހޭނެ ކަމަށް އެ އެޖެންސީއިން ވަނީ ބުނެފައެވެ.

ހަމައެއާއެކު، އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކާއި ރަށްތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ވެކްސިން ދިނުމުގެ ޚިދުމަތް ލިބޭނެކަން ފާހަގަކޮށްފައެވެ.

ހިމަބިހި ޖެހެނީ "މީސްލްސް ވައިރަސް"ގެ ސަބަބުންނެވެ.

ޞިއްޙީ މާހިރުން އިރުޝާދު ދެއްވާ ގޮތުގައި، ހުން އައުމާ އެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ބަލީގެ އަލާމާތްތަކަށް ސަމާލުވުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.