30 Sep 2012, 13:29
ޕެންޝަން ފައިސާ ނުދައްކައިގެން ނަން އާންމުކޮށްފައިވާ ފަރާތްތައް 15 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ އެ މީހުންނާ މެދު އިތުރު ފިޔަވަޅު އަޅާނެ ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.
ޕެންޝަން ފަންޑަށް ފައިސާ ޖަމާނުކުރާ 90 ފަރާތެއްގެ ނަން ޕެންޝަން އޮފީހުން އާންމުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.
ޕެންޝަން އޮފީހުގެ ޑިރެކްޓާ، އިސްމާއިލް ޝުޖާއު ސަން އޮންލައިނަށް ވިދާޅުވީ ޕެންޝަން ފައިސާ ނުދައްކައިގެން ނަންތައް އާންމު ކުރުމުގެ އުސޫލުގެ ދަށުން ނަންތައް އާންމުކުރާތާ 15 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ އެފަދަ ފަރާތްތަކާ ދެކޮޅަށް ދެ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އެއީ އެތަންތަން އިދާރީ ގޮތުން ޗެކްކުރުމާއި އަދި އެފަރާތްތަކުގެ މައްސަލަ ކޯޓަށް ހުށަހެޅުން ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ. އެފަރާތްތަކަށް ދީފައިވާ މުއްދަތު ހަމަވާނީ އަންނަ މަހުގެ ނުވަނަ ދުވަހަށެވެ.
"އަޅުގަނޑުމެން މި ދެ ފިޔަވަޅު އަޅާނީ އެ މައްސަލައެއްގެ ކުޑަ ބޮޑުމިނަށް ބަލާފައި،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަރަށް ބޮޑެތި އަދަދުތަކުން ބައެއް ފަރާތްތަކުން ޕެންޝަނަށް ފައިސާ ނުދައްކާ އެބަހުރި ކަމަށާއި އެކި ގޮތްގޮތަށް މަސައްކަތް ކޮށްގެން ވެސް އެތަންތަނުން ފައިސާ ދައްކާފައި ނުވާ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުގެ މައްސަލަ ކޯޓުގައި ހައްލުކުރަން ޖެހިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.
"މިފަދަ މައްސަލަތައް ކޯޓު މަރުހަލާއިން ހައްލުކުރަން ވެސް ޖެހިދާނެ، އެއީ މިއީ މުވައްޒަފުންގެ ހައްގެއް، އެބޭފުޅުން [ކުންފުނިތަކުގެ] އެއްޗެއްވެސް ނޫން، އެބަހުރި ހަމަ ބޮޑެތި އަދަދުތަކުން ފައިސާ ދައްކަންޖެހޭ މީހުން،" ސުޖާއު ވިދާޅުވި އެވެ. ކޯޓަށް މައްސަލަ ވެއްދުމުގެ ކުރިން ކޯޓުން ބޭރުގައި އެ މައްސަލައެއް ހައްލުކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ޝުޖާއު ވިދާލުވި އެވެ.
ޕެންޝަނަށް ފައިސާ ޖަމާނުކުރާ ފަރާތްތަކުގެ ނަން ހާމަކުރަން ފެށުމުން ޕެންޝަން ފައިސާ ނުދައްކާ ތިބި ބައެއް ފަރާތްތަކުން ފައިސާ ދައްކާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.
ޕެންޝަންފަންޑަށް ފައިސާ ނުދައްކާ ކަމަށް ބުނެ އެ އޮފީހުން ފުރަތަމަ އާންމުކުރި ލިސްޓުގައި 90 ފަރާތެއްގެ ނަން ހިމެނުނު ނަމަވެސް އެ ލިސްޓުން ހަތަރުފަރާތެއްގެ ނަން އުނިކޮށް ލިސްޓް ވަނީ 86 އަކަށް ކުޑަކޮށްފަ އެވެ. އެ ލިސްޓުން އުނިކޮށްފައިވަނީ ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ތަކަންދޫ ކައުންސިލާ އަދި ޓީއެމްއެމް ފާމަސީ އެވެ. އެ ނަންތައް އެ ލިސްޓުން އުނިކުރީ އެފަރާތްތަކުގެ ނަންތައް ލިސްޓުގައި ހިމެނުނީ އޮޅުމަކުން ކަމަށް ވާތީ ކަމަށް ސުޖާއު ވިދާޅުވި އެވެ. އަދި ވިދާޅުވީ ނަންތައް އިއުލާން ކުރި ފަހުން ފައިސާ ދައްކާ ހަލާސްކޮށްފައިވަނީ އެންމެ ކުންފުންޏެއް ކަމަށެވެ. އެއީ އެބްޒޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން ޕްރައިވެޓް ލިމިޓެޑް އެވެ. އެ ކުންފުނީގެ ނަން މިހާރު ވަނީ ލިސްޓުން އުނިކޮށްފަ އެވެ.
ޕެންޝަން ފައިސާ ނުދައްކާ ލިސްޓްގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ފަރާތްތައް ހިމެނެ އެވެ. އޭގެ ތެރޭގައި އައިމާ ކޮންސްޓުރަކްޝަން ކޮމްޕެނީ އާއި ޔޮޓް ޓުއާސް ޕްރައިވެޓް ލިމިޓެޑާއި ގަން އެއާޕޯޓް ކޮމްޕެނީގެ އިތުރުން ހެވީލޯޑް މޯލްޑިވްސް އާއި އެމްވީކޭ އާއި ޑައިނަމޯ ހިމެނެ އެވެ.
އެ ފަންޑަށް މަހެއްގެ މައްޗަށް 50 މިލިއަން ރުފިޔާ ލިބޭއިރު ޕެންޝަން ފަންޑުގައި ބިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ހުރިކަމަށް ޕެންޝަން އޮފީހުގެ ރިކޯޑްތަކުން ދައްކަ އެވެ. އަދި ޕެންޝަން ސްކީމަށް 71000 މުވައްޒިފަކު ކޮންޓްރިބިއުޓް ކުރަމުން އާދެ އެވެ.