02 Sep 2026, 08:38

އެލާޖީ އަކީ މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކުޑަ އުނދަގުލެއްގެ ގޮތުގައި ގިނަ ބަޔަކު ދެކުނު ކަމުގައި ވިޔަސް، މިއީ އިންސާނާގެ ނިދުމަށާއި، ނަފްސާނީ ދުޅަހެޔޮކަމަށާއި، ސަމާލުކަން ދިނުމުގެ ގާބިލުކަމުގެ އިތުރުން ދިރިއުޅުމުގެ ޖުމްލަ ފެންވަރަށް ނޭދެވޭ އަސަރުތަކެއް ފޯރުވާ ސީރިއަސް މައްސަލައެއް ކަމަށް ސިއްހީ މާހިރުން އިންޒާރު ދެއްވައެވެ.
ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް އެލާޖީގެ ތަކުލީފުތައް ތަހައްމަލުކުރަން ޖެހިފައިވާއިރު، ގިނަ ފަހަރަށް މިއީ ހަމައެކަނި ކިނބިހި އެޅުމާއި، ލޯ ހިރުވުން ނުވަތަ ހަމުގެ މައްސަލައެއްގެ ގޮތުގައި ދެކެވުނު ނަމަވެސް، މީގެ ނޭދެވޭ އަސަރު ފެންނަން ހުންނަ އަލާމާތްތަކަށްވުރެ މާ ފުންމިނަށް ފޯރައެވެ.
އެގޮތުން، ދާއިމީ އެލާޖީގެ ސަބަބުން އަރާމު ނިދި ގެއްލި، ނަފްސާނީ ހަމަޖެހުމަށް ބުރޫއަރައި، މަސައްކަތުގެ އުފެއްދުންތެރިކަން ދަށްވެ، ދިރިއުޅުމުގެ އާންމު ހަމަޖެހުން ގެއްލިގެންދެއެވެ.
ގިނަ ބަޔަކަށް ސަމާލުކަން ނުދެވުނު ކަމުގައި ވިޔަސް، ދިގުލައިގެންދާ އެލާޖީގެ މައްސަލަތަކުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.

ދާއިމީ އެލާޖީގެ ސަބަބުން އަރާމު ނިދި ގެއްލި، ނަފްސާނީ ހަމަޖެހުމަށް ބުރޫއަރައި، މަސައްކަތުގެ އުފެއްދުންތެރިކަން ދަށްވެ، ދިރިއުޅުމުގެ އާންމު ހަމަޖެހުން ގެއްލިގެންދާ ކަމަށް ޑޮކްޓަރުން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ޔަޝޯދާ ހޮސްޕިޓަލްސްގެ ކޮންސަލްޓަންޓް ސައިކޮލޮޖިސްޓް ޑރ. ޕްރަގްޔާ ރަޝްމީ ބަޔާންކުރައްވާފައިވާ ގޮތުގައި، ދާއިމީ އެލާޖީގެ ސަބަބުން ހަމައެކަނި ނޭވާލާ ނިޒާމަށާއި ހަމަށް އަސަރުކުރުމުގެ ބަދަލުގައި، ކެނޑިނޭޅި ކިނބިހި އެޅުމާއި، ނޭފަތް ބެދުމާއި، ހިރުވުން ފަދަ އުނދަގޫތަކުގެ ސަބަބުން ހަށިގަނޑަށާއި ވިސްނުމަށް ބޮޑު ބުރައެއް އުފުލަންޖެހެއެވެ.
އަދި ހަށިގަނޑުގެ އެތެރޭގެ ބަދަލުތަކުގެ އިތުރުން، ނިދިނުލިބުމާއި، ދުވަހުން ދުވަހަށް ތަހައްމަލުކުރަންޖެހޭ އުނދަގޫތަކުގެ ސަބަބުން މާޔޫސްވެ، އެންޒައިޓީ އަދި މިޒާޖަށް އަންނަ ނޭދެވޭ ބަދަލުތައް އިތުރުވުމުގެ ފުރުސަތު ބޮޑުވެގެންދާކަން އޭނާ ފާހަގަކުރައްވައެވެ.
މިފަދަ މައްސަލަތައް ކުރީބައިގައި ދެނެގަނެ، އެލާޖީއާއި ނަފްސާނީ ދުޅަހެޔޮކަމަށް އެކަށީގެންވާ ފަރުވާއެއް ހޯދުމަކީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އެލާޖީގެ ސަބަބުން ނިދުމަށް ކުރާ ނޭދެވޭ އަސަރަކީ ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ މައްސަލައެކެވެ. ރެނޯވާ ސެންޗަރީ ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ޑރ. ސާއި ސުންދީޕް ޗޯޑިސެޓީ ފާހަގަކުރެއްވި ގޮތުގައި، ނޭވާލާ ނިޒާމަށް ދިމާވާ އެލާޖީގެ އުނދަގޫތައް އާންމުކޮށް ރޭގަނޑުގެ ވަގުތުތަކުގައި އިތުރަށް ގޯސްވެއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ނޭފަތް ބެދުމާއި، ކެއްސުމުގެ އިތުރުން ނޭވާ ކުރުވުން ފަދަ ކަންކަމުގެ ސަބަބުން އަރާމު ނިންޖެއް ހޯދުމަށް ހުރަސްއެޅި، ނިދީގެ ފެންވަރު ދަށްވެގެންދެއެވެ. މިކަމުގެ ސަބަބުން މީހާގެ މިޒާޖަށް ބަދަލުއައިސް، ކަންކަމަށް ސަމާލުކަން ދިނުމަށް ދަތިވެއެވެ.
ޑރ. ޕްރަގްޔާ އިތުރަށް ބަޔާންކުރެއްވި ގޮތުގައި، އަރާމު ނިދި ގެއްލުމަކީ ނަފްސާނީ ހަމަޖެހުމަށާއި ސިކުނޑީގެ މަސައްކަތްތަކަށް ސީދާ އަސަރުކުރާ ކަމެކެވެ. އެހެންކަމުން، ރޭގަނޑުގެ ވަގުތުތަކުގައި ފެންނަ އެލާޖީގެ އަލާމާތްތަކަށް އެކަށީގެންވާ ފަރުވާ ދެވިއްޖެނަމަ، މީހާގެ މޫޑަށާއި ވިސްނުމުގެ ހަކަތައަށް އަވަސް އަދި އެދެވޭ ބަދަލުތަކެއް އަންނަކަން ފާހަގަކުރެވެއެވެ.
މި މައްސަލައިގެ ނޭދެވޭ ނަތީޖާ ޖެހިގެން އަންނަ ދުވަހު ވަރަށް ބޮޑަށް ފެންނަން ހުރެއެވެ. ޑރ. ސުންދީޕް ފާހަގަކުރެއްވި ގޮތުގައި، އެލާޖިކް ރައިނައިޓިސް އަދި ނޭވާހިއްލުން (އެސްތްމާ)ގެ ސަބަބުން ދުވާލުގަޑީގައި އާދަޔާ ހިލާފަށް ވަރުބަލިވުމާއި، މަސައްކަތްތަކަށް ފުރިހަމަ ސަމާލުކަމެއް ދިނުމަށް ހުރަސްއެޅެއެވެ.
ނަތީޖާއެއްގެ ގޮތުން، ކުޑަކުދިންނަށް ކިޔެވުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭއިރު، ބޮޑެތި މީހުންނަށް ވަޒީފާގެ މާހައުލުގައި މަސައްކަތުގެ އުފެއްދުންތެރިކަން ދަށްވެ، އަވަހަށް ރުޅިއައުން ފަދަ ނަފްސާނީ އުނދަގޫތަކާ ކުރިމަތިލާންޖެހެއެވެ.
ކުޑަކުދިންނާއި ފުރާވަރުގެ އުމުރުފުރައިގެ ކުދިންނަށް މިކަމުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް މާ ބޮޑެވެ. އެކުދިންގެ ހެދިބޮޑުވުމުގެ ނާޒުކު މަރުހަލާގައި، އެލާޖީގެ ސަބަބުން ކުޅިވަރާއި، އަރާމު ނިދި އަދި އިޖުތިމާއީ ގުޅުންތަކަށް ހުރަސްއެޅުމަކީ، އޭގެ ނޭދެވޭ ނަތީޖާ ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމެކެވެ.
އެހެންކަމުން، މިފަދަ މައްސަލަތައް ކުރީބައިގައި ދެނެގަނެ، ބެލެނިވެރިންނަށް ބޭނުންވާ ސައްހަ މައުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުމުގެ އިތުރުން، އެކަށޭނަ ފަރުވާ ފޯރުކޮށްދިނުމަކީ ކުދިންގެ އުޖާލާ ކުރިމަގަށްޓަކައި ކޮންމެހެން މުހިންމު ކަމެކެވެ.
އެލާޖީގެ ސަބަބުން ދިރިއުޅުމުގެ އާންމު ފެންވަރަށާއި ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާކަން އަންގައިދޭ ބައެއް އަލާމާތްތަކުގެ ތެރޭގައި، ރޭގަނޑު ގިނަގިނައިން ހޭލެވުމާއި، ނިދީގައި ގުގުރިދެމުމާއި، ހެނދުނު ހޭލާއިރު ބޮލުގައި ރިއްސުން އަދި ދުވާލު ގަޑީގައި އާދަޔާ ހިލާފަށް ވަރުބަލިވެ ނިދިއައުން ހިމެނެއެވެ.
ނަމަވެސް، އެކަށީގެންވާ ގޮތެއްގައި މި ބަލި ކޮންޓްރޯލްކޮށް ބެލެހެއްޓިއްޖެނަމަ، ދިރިއުޅުމަށް ހެޔޮ ބޮޑެތި ބަދަލުތަކެއް ގެނެވިދާނެއެވެ. މިގޮތުން، ވައިގެ ތެރޭގައި ހުންނަ އެލާޖަންތަކުން ރައްކާތެރިވުމަށްޓަކައި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމާއި، އެއާ ޕިއުރިފަޔާ ބޭނުންކުރުމުގެ އިތުރުން، ނިދާ ކޮޓަރީގެ ސާފުތާހިރުކަން އެންމެ މަތީ ދަރަޖައެއްގައި ބެހެއްޓުމަށް ސިއްހީ މާހިރުން ލަފާދެއްވައެވެ.
މީގެއިތުރުން، ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ގަވާއިދުން ބޭސް ބޭނުންކުރުމަކީވެސް ނުހަނު ބޭނުންތެރިކަމެކެވެ. އެލާޖީގެ މައްސަލަތަކަށް ދުރާލާ އެކަށީގެންވާ ފަރުވާ ހޯދުމަކީ، ހަމައެކަނި ނޭވާލުމުގެ ނިޒާމަށް ލިބޭ ލުޔެއް ނޫނެވެ.
އޭގެ ސަބަބުން އަރާމު ނިދި ލިބި، ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ، އުފެއްދުންތެރި ހަޔާތެއް ވޭތުކުރުމަށް މަގުފަހިވެގެންދާނެއެވެ.