02 Sep 2026, 08:30

އިންޑިއާގެ މަޝްހޫރު ފިލްމު އެކްޓަރު އަދި ސިޔާސީ ލީޑަރެއް ކަމަށްވާ ރަވީ ކިޝަން އަމިއްލައަށް އެއީ 'ނެޝަނަލް ކްރަޝް'އެއް ކަމަށް ބުނުމުން އިންޓަނެޓުގައި ގިނަ ބައެއްގެ ސަމާލުކަން އެކްޓަރަށް ލިބިއްޖެއެވެ.
އިންޓަނެޓްގައި ރަވީގެ ވީޑިއޯތަކާއި މީމްސްތައް ވައިރަލްވަމުންދާ ދަނޑިވަޅެއްގައި، ރަވީ ވަނީ އޭނާ ސޯޝަލް މީޑިއާ ސެންސޭޝަނަކަށް ހަދައިދިން ޒުވާނުންނަށް ޝުކުރު އަދާކޮށްފައެވެ.
"އަހަރެންގެ ގައުމުގެ ޒުވާނުން، އިންޓަނެޓާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އަހަރެން މުޅި ދުނިޔެއަށް މަޝްހޫރުކޮށްދިނީތީ ފުޅާ ދާއިރާއެއްގައި ޝުކުރު އަދާކުރަން. ގިނަ ބަޔަކަށް ނޭނގޭ މީހަކަށް އެހާ ބޮޑު ނަމެއް ދީ، 'ނޭޝަނަލް ކްރަޝް' އަކަށް ހަދައިދިނީތީ ސާބަސް" ރަވީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
އޭނާ އިތުރަށް ބުނެފައިވަނީ އާދާޔާހިލާފު އެއްވެސް ކަމެއް ނުކުރާ ކަމަށާއި، ވައިރަލްވެފައިވާ ނެށުންތަކުގައި އޭނާ ހަރަކާތްތަކެއް ކުރި ނަމަވެސް، އާންމުން އެކަން ބަލައިގަތުމަކީ އޭނާއަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ.

ފިލްމު "މިރުޒާޕޫރު: ދަ މޫވީ" ލޯންޗުކުރި ހަފްލާގައި ރަވީ ކިޝަން ބަތަލާ ސޯނަލް ޗޯހަންއާއެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
މި ވީޑިއޯއާ ގުޅިގެން މީސްމީޑިއާ ބޭނުންކުރާ ގިނަ ބަޔަކު ވަނީ ރަވީއަށް ނިސްބަތްކޮށް ތަފާތު ޝުއޫރުތައް ފާޅުކޮށްފައެވެ. ރަވީ އަކީ ހިޔާލީ ދުނިޔެއެއްގައި އުޅޭ މީހެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރިއިރު އަނެއް ބަޔަކު ބުނެފައި ވަނީ 'ނެޝަނަލް ކްރަޝް'އަކަށް ވަަނީ ހަގީގަތުގައި ކީއްވެގެންކަން އޭނާއަށް އޮޅުންފިލުވައިދޭންޖެހޭ ކަމަށެވެ.
އިންޑިއާގެ ބޯޖްޕޫރީ ފިލްމުތަކުގެ މަންޒަރު ހިމެނޭ ވީޑިއޯ ކްލިޕްތަކާއި، ޕާލަމަންޓްގައި ރަވީ ހަރަކާތްތެރިވާ މަންޒަރުތަކާއި، އަދި ޕޮޑްކާސްޓްތަކުގައި އޭނާ ދައްކާފައިވާ ތަފާތު ވާހަކަތަކުގެ މީމްސްތައް މިދުވަސްވަރު މީޑިއާގައި ވައިރަލްވެފައިވާއިރު، މި އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ފިލްމު "މިރުޒާޕޫރު: ދަ މޫވީ"ގައި ރަވީ ހަރަކާތްތެރިވެފައިވާ ލަވަޔަކަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބެނީ އަންނަމުންނެވެ.