02 Sep 2026, 08:28

ފިލްމު "ސައްޔާރާ"އިން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު ޒުވާން ބަތަލާ އަނީތު ޕައްޑާގެ މުޅީން އާ ސީރީޒްއެއް ޖިއޯހޮޓްސްޓާގައި ޕްރީމިއާކުރަން ނިންމައި އޭގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
"ހުންކާރް"ގެ ނަމުގައި އުފައްދާ މި ސީރީޒްގެ ޓްރެއިލާއިން ފެންނަނީ ނުފޫޒުގަދަ ދީނީ އެކްޓިވިސްޓަކާ ދެކޮޅަށް އިންސާފު ހޯދަން ނުކުންނަ 17 އަހަރުގެ ކުއްޖެއްގެ ދައުރެވެ.
ނިތްޔާ މެހެރާ އަދި ކަރަން ކަޕާޑިއާ ޑައިރެކްޓްކޮށް ގެނެސްދޭ މި ސީރީޒްއިން އަނީތުއާ އެކު ދެން ފެންނާނީ ބޮލީވުޑްގެ މަގުބޫލު ބަތަލާ ފާތިމާ ސަނާ ޝޭހްއެވެ. ފާތިމާ ސަނާ މި ސީރީޒްގައި ކުޅެނީ ފުލުސް އޮފިސަރެއްގެ ރޯލެވެ.
ފިލްމު "ސައްޔާރާ"ގެ ކާމިޔާބީއަށްފަހު އަނީތު ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ވެބް ސީރީޒް "ހުންކާރާ" ޖިއޯހޮޓްސްޓާ މެދުވެރިކޮށް ޕްރީމިއާކުރާނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

ވެބް ސީރީޒް "ހުންކާރާ"ގެ މަންޒަރެއްގައި އަނީތު--ފޮޓޯ/އިންޑިއާޓުޑޭ
މި ސީރީޒް ޕްރޮޑިއުސްކޮށްފައި ވަނީ ބިރްލާ ސްޓޫޑިއޯސް އާއި އެޕްލޯސް އެންޓަޓެއިންމަންޓް އަދި އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ފިލްމު ކުންފުނި ޕާޕްލް ޕެބްލް ޕިކްޗާސް އާއި މަންގާތާ ފިލްމްސް ޕްރޮޑަކްޝަންއިނެވެ.
މި ސީރީޒްގެ ކުރިންވެސް އަނީތު ވަނީ ޑައިރެކްޓަރު ނިތްޔާ މެހެރާއާ އެކު އެހެން ވެބް ސީރީޒްއެއްގައި މަސައްކަތްކޮށްފައެވެ. އެއީ އެމެޒޯން ޕްރައިމްއިން "ބިގް ގަލްސް ޑޯންޓް ކްރައި"ގެ ނަމުގައި ގެނެސްދިން ސީރީޒްއެކެވެ. އަނީތުގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކުގެތެރޭ މެޑްޑޮކް ފިލްމްސްއިން އުފައްދާ "ޝަކްތީ ޝާލިނީ" އަދި ވައިއާރްއެފްއިން ވަކި އުފައްދަން ނިންމާފައިވާ ލޯބީގެ ފިލްމެއް ހިމެނެއެވެ. އެ ފިލްމުގައި އަނީތުއާ އެކު ބަތަލްގެ ރޯލްއިން ފެންނާނީ "ސައްޔާރާ"އިން ފިލްމީ ދާއިރާއަށް ތައާރަފްވި މަގުބޫލު ޒުވާނާ އަހާން ޕާންޑޭއެވެ.