ކެމެރާ އަދި އޭއައި ޓެކްނޮލޮޖީ ހިމެނޭ ދަތްއުނގުޅާ ބުރުހެއް ތައާރަފުކޮށްފި
ކެމެރާ އަދި އޭއައި ޓެކްނޮލޮޖީ ހިމެނޭ ދަތްއުނގުޅާ ބުރުހެއް ތައާރަފުކޮށްފި

ވެކިއުމް ކްލީނަރާއި އިސްތަށިގަނޑު ހިއްކާ ސާމާނު އުފެއްދުމަށް މަޝްހޫރު ޑައިސަން ކުންފުނިން، އަނގައިގެ ސާފުތާހިރުކަމުގެ ދާއިރާއަށް އަލަށް ވަދެ، ކެމެރާއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ހިމެނޭ 499 ޑޮލަރުގެ ސްމާޓް ދަތްއުނގުޅާ ބުރުހެއް ބާޒާރަށް ނެރެފިއެވެ.

"ކެމެރާޖެޓް"ގެ ނަން ދީފައިވާ މި އުފެއްދުމަކީ ދަތްތަކުގެ ދޭތެރެ ސާފުކުރުމަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ އާލާތެކެވެ. މިއީ މަތީ އަގުތަކުގައި ލަގްޒަރީ ސާމާނު އުފައްދާ ޑައިސަން ކުންފުނީގެ އުފެއްދުންތަކުގެ ލައިނަށް އިތުރުވި އާ އުފެއްދުމެކެވެ.

މި ބުރުހުގައި ހިމެނޭ 100،000 ޕިކްސެލްގެ މެކްރޯ ކެމެރާއާއި އޭއައި ޓެކްނޮލޮޖީގެ އެހީގައި، ދަތްތަކުގެ ދޭތެރޭގައި ހުންނަ ހުސްޖާގަތައް ދެނެގަނެ، އެ ތަންތަނަށް އަމާޒުކޮށް އަމިއްލައަށް ދިޔާ މައުތުވޮޝް ޖަހައިދެއެވެ.

މިބުރުސް މިހާރު ޑައިސަންގެ ރަސްމީ ވެބްސައިޓުންނާއި ޑައިސަން ޑެމޯ ސްޓޯރުތަކުން ގަންނަން ލިބެން ހުންނާނެ --

ޑައިސަން އިން ހާމަކުރި ގޮތުގައި މި ކެމެރާއިން ސިކުންތަކު 28 ފޮޓޯ އެނަލައިޒްކުރާ އިރު، ދަތްތަކުގެ ދޭތެރެއިން ޖާގައެއް ފެންނަތާ އެންމެ 100 މިލިސިކުންތުގެ ތެރޭގައި ދިޔާ ޖެޓް މަސައްކަތް ފަށައެވެ.

އާންމުކޮށް ބޭނުންކުރާ ވޯޓާ ފްލޮސާތަކާ ޚިލާފަށް، ކެމެރާޖެޓުން ދިޔާއެއްޗެހި ބޭރުކުރަނީ ކޯނެއްގެ ބައްޓަމަށެވެ. މީގެ ސަބަބުން ކުޑަ ޕްރެޝަރެއްގައިވެސް ދަތްތަކުގެ ދޭތެރޭގައި ހަރުލާފައި ހުންނަ ޕްލާކް ފަސޭހަކަމާއެކު ސާފުކޮށްދޭނެ ކަމަށް ޑައިސަން އިން ބުނެއެވެ. މި އާލާތުގައި 12.5 މިލިލީޓަރުގެ މައުތުރިންސް ރައްކާކުރެވޭ ޓޭންކެއް ހުންނައިރު، މީގެ ޑޮކް މެދުވެރިކޮށް ގާތްގަނޑަކަށް ތިން ސިކުންތުގެ ތެރޭގައި އަލުން ޓޭންކް ފުރާލެވެއެވެ.

މި ޑިވައިސް "މައިޑައިސަން" އެޕްލިކޭޝަނާ ގުޅުވާލުމުން، ދަތް އުނގުޅަމުންދާ ވަގުތު ކެމެރާގެ ލައިވް ވިއު ބަލައިލުމާއި، ރަނގަޅަށް ސާފުކުރާނެ އިރުޝާދުތަކާއި، ދަތްތައް ސާފުކުރެވުނު މިންވަރުގެ މެޕާއި، އުނގުޅާ ގޮތާމެދު ފީޑްބެކް ލިބިގެންދާނެއެވެ. އަދި ބޭނުންކުރާ ފަރާތްތަކުގެ ޒާތީ ރައްކާތެރިކަމަށްޓަކައި، ކެމެރާއިން ނަގާ އެއްވެސް ފޮޓޯއެއް ރައްކާނުކުރާނެ ކަމަށާއި އެހެން ފަރާތަކާ ހިއްސާނުކުރާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. މީގެ ހުރިހާ ޕްރޮސެސިންއެއް ހިނގަނީ ސީދާ ޑިވައިސްގެ ތެރޭގައެވެ.

ނޭޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޯ އާ ގުޅިގެން ހެދި ދިރާސާއަކަށް ބިނާކޮށް ކުރިއަށްގެންދިޔަ ލެބޯޓްރީ ޓެސްޓުތަކުން ދައްކާގޮތުގައި، އާންމު ޕްރީމިއަމް އިލެކްޓްރިކް ބުރުސްތަކާ އަޅާބަލާއިރު އުނދަގޫ ހިސާބުތަކުގައި ހުންނަ ޕްލާކް 70 އިންސައްތައާ ގާތްކުރާ މިންވަރަކަށް ކެމެރާޖެޓުން އިތުރަށް ސާފުކޮށްދެއެވެ.

މި ޑިވައިސްއާއެކު ބޭނުންކުރުމަށްޓަކައި މަދުން ފޮނުއަރާ މައުތުރިންސް އަދި އެސްއެލްއެސް-ފްރީ ދަތްއުނގުޅާ ބޭސްވެސް ޑައިސަން އިން ދަނީ ތައްޔާރުކުރަމުންނެވެ.

ކެމެރާޖެޓް މިހާރު ޑައިސަންގެ ރަސްމީ ވެބްސައިޓުންނާއި ޑައިސަން ޑެމޯ ސްޓޯރުތަކުން ގަންނަން ލިބެން ހުންނާނެއެވެ.