02 Sep 2026, 08:40
އެޕަލް ކުންފުނީގެ 15 އަހަރުވީ ވެރިކަން ޓިމް ކުކް ނިންމަވާލެއްވުމަށްފަހު، ދުނިޔޭގެ އެންމެ ބޮޑު ޓެކްނޮލޮޖީ ކުންފުނީގެ ހުންގާނާ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ ގޮތުގައި ޖޯން ޓާނަސް ރަސްމީކޮށް ހަވާލުވެއްޖެއެވެ.
ސެޕްޓެމްބަރު 1 އިން ފެށިގެން މި މަޤާމާ ޓާނަސް ހަވާލުވިއިރު، މިއީ 1997 ވަނަ އަހަރުގެ ފަހުން ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި އެޕަލްގެ ވެރިޔަކަށް ހަމަޖެހުނު ތިންވަނަ ފަރާތެވެ.
ކުކްގެ ބަދަލުގައި އެޕަލްގެ ލީޑިން ހާޑްވެއާ އިންޖިނިއަރު ޓާނަސް ސީއީއޯގެ މަޤާމަށް ހަމަޖެއްސިކަން މިއަހަރުގެ އެޕްރީލް މަހު އިޢުލާނުކުރި ހިސާބުން ފެށިގެން، އޭނާ ދިޔައީ ކުކްއާ އެކު ގާތުން މަސައްކަތްކޮށް މި ބޮޑު މަސްއޫލިއްޔަތަށް ތައްޔާރުވަމުންނެވެ.
އެޕަލްގެ ބާނީ ސްޓީވް ޖޮބްސްގެ ފަހުން 2011 ވަނަ އަހަރު ކުކް މަޤާމާ ހަވާލުވިފަހުން އެޕަލްގެ ހިއްސާގެ އަގު 2،000 އިންސައްތައަށް ވުރެ މައްޗަށް އަރައި، 3.1 ބިލިއަނަށް ވުރެ ގިނަ އައިފޯން ވަނީ ވިއްކާފައެވެ.
އެޕަލްގެ ލީޑާޝިޕްގައި ޓާނަސްއަށް އެންމެ ބޮޑު އިމްތިޙާނަކަށް ވާނީ ވާދަވެރިންނާ އަޅާބަލާއިރު އެޕަލް ފަހަތުގައި އޮތް ކަމަށް ފާޑުކިޔުން އަމާޒުވެފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސްޓްރެޓެޖީ ރަނގަޅުކޮށް ކާމިޔާބު ކުރުމެވެ.
ސީއީއޯގެ މަޤާމުގައި ޓާނަސް އާންމުންގެ ކުރިމައްޗަށް ފުރަތަމަ ފަހަރަށް ނުކުންނާނީ ސެޕްޓެމްބަރު 9 ގައި ބާއްވާ އެޕަލްގެ ޚާއްޞަ އިވެންޓުގައެވެ. "ސަޕްރައިޒް އެންޑް ޝައިން" ގެ ނަމުގައި ބާއްވާ މި އިވެންޓުގައި އެޕަލްގެ އެންމެ ފުރަތަމަ ފަށްޖަހާލެވޭ އައިފޯނާއި، އޭއައި ޓެކްނޮލޮޖީއާއެކު އަލުން ތަރައްޤީކޮށްފައިވާ ވާޗުއަލް އެސިސްޓެންޓް "ސިރީ" ތަޢާރަފުކުރާނެ ކަމަށް ބެލެވެއެވެ.
ޓެކް ރިސާޗް ގްރޫޕް އައިޑީސީގެ ވައިސް ޕްރެޒިޑެންޓް ފްރެންސިސްކޯ ޖެރޮނިމޯ ފާހަގަކުރެއްވި ގޮތުގައި، ސެޕްޓެމްބަރު 9 ގެ އިވެންޓުގައި އިޢުލާނުކުރާ ކަންކަމަކީ ކުރީގެ ސީއީއޯ ޓިމް ކުކްގެ ދައުރުގައި ރާވާފައިވާ ކަންކަމެވެ. އެހެންކަމުން ޓާނަސް އެޕަލް ގެންދަން ބޭނުންވާ ޙަޤީޤީ މިސްރާބު ސާފުވާނީ 2027 ވަނަ އަހަރުގައެވެ.
އޭއައި އަކީ މުޅި ޓެކްނޮލޮޖީ ދާއިރާގެ ކުރިމަގު ކަނޑައަޅާނެ އެންމެ މުހިންމު ބާރު ކަމަށްވާއިރު، އެޕަލްއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ކުންފުނީގެ އުފެއްދުންތަކުގެ ހާޑްވެއާ އަދި ސޮފްޓްވެއާ އަމިއްލައަށް ކޮންޓްރޯލް ކުރި ނަމަވެސް އޭއައި އިންފްރާސްޓްރަކްޗާ އެހެން ފަރާތްތަކަށް ބަރޯސާވާން ޖެހުމެވެ.
އެޕަލް އިން 2024 ވަނަ އަހަރު އައިފޯނަށް ޗެޓްޖީޕީޓީ ގެނައުމަށް އޯޕަންއޭއައި އާއެކު އެއްބަސްވުމެއް ހެދި ނަމަވެސް، އެޕަލްގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގި ކަމަށް ބުނެ މި އަހަރު ވަނީ އޯޕަންއޭއައި އާ ދެކޮޅަށް ދައުވާކޮށްފައެވެ. އަދި އޭގެ ފަހުން އެޕަލްގެ އަމިއްލަ އޭއައި މޮޑެލްތަކަށާއި ސިރީއަށް ގޫގުލްގެ ޖެމިނައި މޮޑެލްތައް ބޭނުންކުރުމަށް ގޫގުލްއާއެކު ވެސް ވަނީ އެއްބަސްވުމެއް ހަދާފައެވެ.
އޯޕަންއޭއައި އަދި އެންތްރޮޕިކް ފަދަ ކުންފުނިތަކުން އަމިއްލަ ހާޑްވެއާ ޑިވައިސްތައް ބާޒާރަށް ނެރެފިނަމަ، ޒަމާނުއްސުރެ އައިޕެޑާއި އައިފޯން ފަދަ ޑިވައިސްތަކަށް ބަރޯސާވެފައިވާ އެޕަލްގެ މުޅި ވިޔަފާރިއަށް ބޮޑު ލޮޅުމެއް އައުމުގެ ނުރައްކާ އެބައޮތް ކަމަށް މާހިރުން އިންޒާރު ދެއެވެ.
އެޕަލްގެ މުހިންމު އުފެއްދުންތައް ކަމަށްވާ އައިޕެޑް، އައިފޯން، އެޕަލް ވޮޗް އަދި އެއާޕޮޑްސް ފަދަ އީޖާދުތަކުގައި އިސްކޮށް އުޅުއްވި ޓާނަސް އަކީ އިންޓެލްގެ ޗިޕްތަކުގެ ބަދަލުގައި އެޕަލްގެ އަމިއްލަ ޗިޕް ޑިޒައިނަށް ބަދަލުވުމުގެ މަސައްކަތުގައި ވެސް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މިއީ އޭއައިގެ ރޮނގުން ވެސް އެޕަލް އަމިއްލަ ފައިމައްޗަށް ތެދުވުމަށް ބޭނުންވާ ފަދަ ތަޖުރިބާއެކެވެ.
އެޕަލްގެ ތާރީޚުގައި ސްޓީވް ޖޮބްސް އަކީ އީޖާދީ ބަދަލުތަކުގެ މޭސްތިރިއަކަށް ވެފައި، ޓިމް ކުކް އަކީ ކަންކަން ތަންފީޒުކުރުމުގެ މާހިރަކަށް ވާއިރު، އައު ސީއީއޯ ޖޯން ޓާނަސް ވެގެންދާނީ މި ދެ ސިފަ އެކުލެވިގެންވާ، އެޕަލްގެ އޭއައި ކުރިމަގު ކާމިޔާބުކޮށްދޭނެ ލީޑަރަކަށް ކަމަށް ބެލެވެއެވެ.