01 Sep 2026, 23:09

ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގަށް ތައްޔާރުވުމުގެ ގޮތުން، ވިކްޓްރީ ސްޕޯޓްސް ކްލަބުން ޕްރީ ސީޒަން ތަމްރީނު ކޭމްޕެއް ފުރިހަމަކުރުމަށްޓަކައި ސްރީ ލަންކާއަށް ފުރައިފިއެވެ.
ތަޖުރިބާކާރު ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން މި ސީޒަނަށް ނުކުންނަ ވިކްޓްރީން މިއަދު ލަންކާއަށް ފުރިއިރު، އެ ކުލަބުން މައުލޫމާތުދޭ ގޮތުގައި މި ކޭމްޕަކީ އެއް ހަފުތާގެ މުއްދަތަށް ކުރިއަށްދާނެ ކޭމްޕެކެވެ.
މިއަހަރުގެ އޯގަސްޓް މަހުގެ ކުރީކޮޅު ފަރިތަކުރުންތައް ފެށި ވިކްޓްރީން ވަނީ ނިމިދިޔަ ޓްރާންސްފާ ބާޒާރުގައި ޓީމު ވަރުގަދަކުރުމުގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ.

ލަންކާއަށް ފުރި ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ޓީމު ރާއްޖެއިން ފުރުމުގެ ކުރިން-- ފޮޓޯ: ވިކްޓްރީ
މި ޓްރާންސްފާ ބާޒާރުގައި ވިކްޓްރީއާ ގުޅުނު ކުޅުންތެރިންގެ ތެރޭގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ގައުމީ ޓީމުގެ ފޯވާޑް ނާއިޒު ހަސަން (ދާދު) އާއި، ފޯވާޑް ހަމްޒާ މުޙައްމަދު (ހަމްޕު) ގެ އިތުރުން ފޯވާޑް ހަސަން ނަޒީމް ގާސިމް (ޗޯޓު) އަދި ޑިފެންޑަރު ހުސައިން ސިފާއު ޔޫސުފް (ކުރޯ) ހިމެނެއެވެ.
މީގެ އިތުރުން، އޮޑި ސްޕޯޓްސް ކުލަބަށް ކުޅުނު ގައުމީ މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓް) އާއި ގޯލްކީޕަރު މުޙައްމަދު ޝަފީއު (ޗެކް) ގެ އިތުރުން ކުލަބު އީގަލްސްއަށް ކުޅުނު ޑިފެންޑަރު ހިސާމް ސަލީމް (ކޮކީ) ވެސް ވަނީ އެ ޓީމަށް ސޮއިކޮށްފައެވެ. އަދި މިދިޔަ ސީޒަނުގައި ލޯނު އުސޫލުން ވިކްޓްރީއަށް ކުޅުނު ގައުމީ ފޯވާޑް އަޙްމަދު ރިޒްވާން (ރިޒޭ) ގެ އެއްބަސްވުންވެސް ވަނީ ދާއިމީކޮށްފައެވެ.
ޓީމަށް ގެނައި ބިދޭސީ ކުޅުންތެރިންނަށް ބަލާއިރު، އުޒްބެކިސްތާންގެ ޑިފެންޑަރު ފުރްކަޖޯން ހަސަންބޮއޭވް އާއި މިޑްފީލްޑަރު މިރްޖަލޯލް ކަސީމޯފްގެ އިތުރުން، ބްރެޒިލްގެ ޑިފެންޑަރު އާތޫރް އަރައުހޯ ހިމެނެއެވެ.
މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު މި މަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ވިކްޓްރީގެ ފުރަތަމަ މެޗުގައި މި މަހުގެ 11 ވަނަ ދުވަހު ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.