01 Sep 2026, 22:31

އޭއައި ކޮންޓެންޓް ލޭބަލްކުރެވޭ ނުވަތަ ދެނެގަނެވޭ ފީޗާއެއް ވަޓްސްއެޕުން ޓެސްޓްކުރަން ފަށައިފިއެވެ.
އައިއޯއެސް ޑިވައިސްތަކުގައި ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް ޚާއްސަކޮށް، ޗެނަލްތަކަށް އަޕްލޯޑްކުރާ އޭއައި ކޮންޓެންޓް ވަކިކޮށް ދެނެގަނެވޭނެ މި ފީޗާ މިހާރު އޮތީ ޓެސްޓިން މަރުޙަލާގައެވެ.
މި ފީޗާގެ ސަބަބުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދާފައިވާ ނުވަތަ ބަދަލުގެނެސްފައިވާ ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގައި އެކަން އަންގައިދޭ ލޭބަލެއް ޖެހުމުގެ ފުރުސަތު ޗެނަލްތަކުގެ އެޑްމިނުންނަށް ލިބިގެންދާނެއެވެ.
ވަޓްސްއެޕްގެ އެންމެ ފަހުގެ އަޕްޑޭޓްތައް ދިރާސާކުރާ ޑަބްލިއުއޭބީޓާ އިންފޯއިން ހާމަކޮށްފައިވާ ގޮތުގައި، މި އައު ފީޗާ މިހާރު ފެންނަން ފަށާފައި ވަނީ ޓެސްޓްފްލައިޓް މެދުވެރިކޮށް އައިއޯއެސް ބީޓާ ވާޝަން 26.34.10.70 ބޭނުންކުރާ މަދު ބަޔަކަށެވެ. މީގެ ކުރިން މި ފީޗާ ވަނީ އެންޑްރޮއިޑް ބީޓާ ޔޫޒަރުންނަށް ވެސް ތައާރަފްކޮށްފައެވެ.

މީގެ ކުރިން މި ފީޗާ ވަނީ އެންޑްރޮއިޑް ބީޓާ ޔޫޒަރުންނަށްވެސް ތައާރަފްކޮށްފައި ---
މި ފީޗާގެ ދަށުން ޗެނަލެއްގައި ޕޯސްޓްކުރާ ކޮންޓެންޓެއްގެ ކޮންޓެކްސްޓް މެނޫ މެދުވެރިކޮށް އެޑްމިނުންނަށް އޭއައި ލޭބަލް ޖެހުމުގެ އިހުތިޔާރު ލިބޭނެއެވެ. ނަމަވެސް އެއްފަހަރު މި ލޭބަލް ޖަހައި ކަށަވަރުކުރުމަށްފަހު، އެ ލޭބަލް ފަހުން އުނިނުކުރެވޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ޕޯސްޓުގައި ޖަހާ މި ލޭބަލް ޗެނަލް ބަލާ ހުރިހާ ފޮލޯވަރުންނަށާއި އެހެން އެޑްމިނުންނަށްވެސް ސާފުކޮށް ފެންނަން ހުންނާނެއެވެ.
މި ލޭބަލް ބޭނުންކުރެވެނީ މެޓާ އޭއައި، ޗެޓްޖީޕީޓީ، އަދި ޖެމިނައި ފަދަ ކޮންމެ އޭއައި ޓޫލެއް ބޭނުންކޮށްގެން އުފައްދާފައިވާ ނުވަތަ އެޑިޓްކޮށްފައިވާ މީޑިއާއަށެވެ.
މީގެ އިތުރުން ވަޓްސްއެޕްގެ އަމިއްލަ ސިސްޓަމް މެދުވެރިކޮށް އޮޓޮމެޓިކުން ބައެއް އޭއައި ކޮންޓެންޓް ދެނެގަނެ ލޭބަލް އަޅުވާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގެ ގާނޫނުތައް ބުނާގޮތުން އޭއައި ބޭނުންކޮށްގެން އުފައްދާ ކޮންޓެންޓް ސާފުކޮށް ހާމަކުރުމަކީ ލާޒިމު ކަމެކެވެ. އެހެންކަމުން، މި ފީޗާ އެކައުންޓަކަށް ލިބުމާއެކު، ގާނޫނީ ގޮތުން މިފަދަ ކަންކަން ހާމަކުރަންޖެހޭކަން އަންގައިދޭ ބެނާއެއް ޗެނަލްގެ މަތީގައި އެޑްމިނުންނަށް ފެންނަން ހުންނާނެއެވެ. މިކަމުގެ މައިގަނޑު ބޭނުމަކީ ހަގީގީ އެއްޗެއްސާ އެއްގޮތަށް ހުންނަ އޭއައި ކޮންޓެންޓްތަކާއި އަސްލު މީޑިއާ އޮޅުންނާރާނެހެން ބަލާ މީހުންނަށް ދެނެގަތުމަށް ފަސޭހަކޮށްދިނުމެވެ.
މި ފީޗާ މިވަގުތު ލިބެމުންދަނީ މަދު ބީޓާ ޔޫޒަރުންނަށް ކަމަށްވާއިރު، ހުރިހާ އާންމު ޔޫޒަރުންނަށް މި ފީޗާ ރަސްމީކޮށް ލިބޭނެ ވަކި ތާރީޚެއް ވަޓްސްއެޕުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި މި ފީޗާގެ ޓެސްޓިން އިތުރަށް ފުޅާކޮށް، ސްޓޭބަލް ވާޝަން ބޭނުންކުރާ ފަރާތްތަކަށް ލިބެމުންދާނެ ކަމަށް ބެލެވެއެވެ.