01 Sep 2026, 19:49
މި ގައުމުގެ މާދަމާގެ މުސްތަގުބަލު ކަމުގައިވާ ތުއްތު ކުދީންނަށް ރައްކާތެރި އަމާން މާހައުލެއް ހޯދައިދިނުމުގެ ޒިންމާ އެޅިފައިވާ އެންމެހައި ފަރާތްތަކުގެ ވާޖިބު ހެޔޮ ގޮތުގައި އަދާކުރުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސިޔާމް އެފަދައިން ވިދާޅުވީ ނުރައްކާތެރި ދެ ހާދިސާއެއްްގައި ކުޑަ ދެ ކުދިން މިއަދު މަރުވުމާ ގުޅިގެންނެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް-7 ކައިރި ހިނގި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ، ކ.މާލެ، މ.ލެމަންޓްރީ1، ޒީވާ ސިނާން އަޙްމަދު ވަނީ މަރުވެފައެވެ. އަދި ހަމަ އެ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ޓަވަރަކުން ވެއްޓި، އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކު މިއަދު ވަނީ މަރުވެފައެވެ.
މި ހިތާމަވެރި ހާދިސާތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސިޔާމް ވިދާޅުވީ މިއަދުގެ ވަގުތެއްގައި މި ގައުމުގެ ލޯބިލޯބި ތުއްތު ދެ ކުދީންގެ ފުރާނަ ގެއްލިދިޔަ ޚަބަރު އަޑުއެހީ ކުއްލި ސިހުމާއި ފުން ހިތާމައާއެކު ކަމަށެވެ.
އެ ކުދީންގެ އާއިލާއަށް ކުރިމަތިވި ފުން ހިތާމައިން އަރައިގަތުމުގެ ކެތްތެރިކަން ދެއްވައި އެ ކުދީންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުން މާތްﷲ ގެ ހަޒުރަތުގައި ދުއާ ދަންނަވަން. އާމީން!އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު
ސިޔާމް ވިދާޅުވީ މި ގައުމުގައި ހިނގާ މި ފަދަ ހިތާމަވެރި ހާދިސާތަކުން އިބުރަތް ލިބިގަނެ، މި ގައުމުގެ މާދަމާގެ މުސްތަގުބަލު ކަމުގައިވާ ތުއްތު ކުދީންނަށް ރައްކާތެރި އަމާން މާހައުލެއް ހޯދައިދިނުމުގެ ޒިންމާ އެޅިފައިވާ އެންމެހައި ފަރާތްތަކުގެ ވާޖިބު ހެޔޮ ގޮތުގައި އަދާކުރުން މުހިންމު ކަމަށެވެ. އަދި އެކަމުގެ ތައުފީގު މާތްﷲ މިންވަރު ކުރެއްވުން އެދި އެމަނިކުފާނު ވަނީ ދުއާ ދަންނަވައިފައެވެ.