އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އަތުން 2-1 ލަނޑުން މޮޅުވެ، ލީގުގެ އެއްވަނާގައި ޗެލްސީން ދަމަހައްޓަމުން އަންނަ ލީޑް އަނެއްކާވެސް ފުޅާކޮށްފި އެވެ.

ޕްރިމިއާ ލީގުގެ އެއްވަނާގައި ޗެލްސީ އޮތީ އެޓީމް މިހާތަނަށް ލީގުގައި ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކު އެވެ. ލީގުގެ ދެ ވަނާގައި މިވަގުތު އޮތީ ރޭ ސައުތުހެމްޓަން އަތުން 3-1 ލަނޑުން މޮޅުވި އެވަޓަންއެވެ. އެވަޓަން ލީގުގެ ދެ ވަނާގައި އޮތީ 13 ޕޮއިންޓާއެކު އެވެ. އަދި ލީގުގެ ތިން ވަނާގައި އޮތީ ރޭ ޓޮޓެންހަމް އަތުން 3-2 ލަނޑުން ބަލިވި މެންޗެސްޓާ ޔުނައިޓެޑެވެ. ޔުނައިޓެޑް ތިން ވަނާގައި އޮތީ 12 ޕޮއިންޓާއެކު އެވެ.

ރޭގެ މެޗުން މޮޅުވެ ލީގުގެ އެއް ވަނާގައި ޗެލްސީން ދަމަހައްޓަމުން އަންނަ ލީޑް އެޓީމުން ފުޅާ ކުރަމުން އަންނައިރު، ރޭ ޗެލްސީން އާސެނަލް ކޮޅަށް ޖެހި އެޓީމްގެ ފުރަތަމަ ލަނޑު މެޗުގެ 20 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސްޕެއިންގެ ހުނަރުވެރި ފޯވާޑް ފެނާންޑޯ ޓޮރޭސްއެވެ. އަދި ޗެލްސީން އާސެނަލް ކޮޅަށް ޖެހި ދެ ވަނަ ލަނޑު މެޗުގެ ދެ ވަނަހާފުގެ 53 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މާޓާ އެވެ.

ރޭގެ މެޗުގައި ޗެލްސީކޮޅަށް އާސެނަލް އިން ޖެހި އެޓީމްގެ ހަމައެކަނި ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ގެރިވިނޯއެވެ.

އިނގިރޭސި ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކުގެ ނަތީޖާ:
ފުލަމް 1 - މެންޗެސްޓާ ސިޓީ 2
ސަންޑަލޭންޑް 1 - ވިގަން 0
ނޯވިޗް ސިޓީ 2 - ލިވަޕޫލް 5
ސްޓޯކް ސިޓީ 2 - ސްވަންސީ ސިޓީ 0
ރެޑިން 2 - ނިއުކާސަލް 2