މީހެއްގެ ޖީބުން ވޮލެޓް ޖަހައިގަތް މައްސަލައެއްގައި ކ. ހިންމަފުށި، ފިނިރޯޅި، އަޙްމަދު ޔާމީނުގެ މައްޗަށް ކުށް ސާބިތުވެ، ދެ މަހާއި 15 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު 27 ވަނަ ދުވަހުގެ ރޭ މާލޭގެ ނިރޮޅުމަގު ޝެރީ ސެލޫން ކައިރީގައި ހުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު އޮމަރު ފާރޫޤު ލައިގެންހުރި ޖިންސްގެ ފަހަތު ޖީބުގައި އޮތް ވޮލެޓް، ޖަހައިގަނެގެން ދިޔަ މައްސަލައެވެ.

މި ހާދިސާއާ ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް އުފުލާފައި ވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދަޢުވާއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ޤާޟީ އިބްރާހީމް އިޙްސާން ކުރެއްވި ޙުކުމުގައި ވަނީ، ޝަރީޢަތަށް ހުށަހެޅުނު ޝަފަހީ ހެކިންގެ ހެކިބަހަށް ބަލާއިރު، އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޔާމީނުގެ މައްޗަށް މި ކުށް ސާބިތުވާ ކަމަށެވެ.

މި ކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހުގެ ޖަލު އަދަބެއް ކަމަށްވީ ނަމަވެސް، ޔާމީނުގެ ކުށުގެ ރެކޯޑަށް ބަލައި ކޯޓުން ވަނީ އަދަބު އެއް ދަރަޖަ މަތިކޮށްފައެވެ.

އެއާއެކު އަދަބަކަށް ތިން މަސްދުވަހުގެ ޖަލު އަދަބެއް އައި ނަމަވެސް، މި މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ހޭދަކުރި 15 ދުވަސް އުނިކުރުމުން، ޔާމީނު ތަންފީޒު ކުރަންޖެހޭ ސާފު އަދަބަކީ 2 މަހާއި 15 ދުވަހުގެ ޖަލު އަދަބެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.