ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމުން އެ ކޮމިޝަންގެ ކުރީގެ ރައީސް ބަދުރުއްނަސީރު އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް މާދަމާ ބާއްވާ، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމަށް 14 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ 14 ނަން ދިރާސާ ކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންގެ ތެރެއިން ބޭފުޅަކު މެންބަރު ކަމަށް އައްޔަން ކުރެއްވުމަށް އެދި މަޖިލީހަށް ހުށަހަޅާފަ އެވެ.

ގާތްގަނޑަކަށް ދެ މަސް ދުވަހުގެ މެދުކަނޑުމަކަށް ފަހު މާދަމާ ބައްވާ މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާގައި ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންގެ ނަންތައް މަޖިލީހަށް އިއްވުމަށް ފަހު އެ ނަންތައް ދިރާސާ ކުރުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވާނެ އެވެ.

މާދަމާ ބާއްވާ ޖަލްސާގައި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާ ގަރާރެއް ހުށަހެޅުއްވުމަށް ވެސް އެޖެންޑާގައިވެ އެވެ. އެ ގަރާރަކީ ފްރިން މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ހިޔާނަތްތަކާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު މިހާރު އަދާކުރައްވަމުން ގެންދަވާ އދ. އިން އިރާނަށް ކަނޑައަޅުއްވާފައިވާ ސްޕެޝަލް ރެޕޮޓުއާ ޓު ދި ހިއުމަން ރައިޓްސްގެ މަގާމުން ވަކިކުރުމަށް ގޮވާލާ ގަރާރެވެ. އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ހުށަހަޅުއްވާފައިވާ ކޮމެޓީ އެލަވަންސް ކަނޑާލުމަށް ގޮވާލާ ގަރާރު ހުށަހެޅުއްވުން ވެސް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވެ އެވެ. އަދި ކުޅޫދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ޖިންސީ ކުށުގެ ބިލު ހުށަހަޅެއްވުން ވެސް މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވެ އެވެ.

މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށާނީ މިދިޔަ ޖުލައި 31 މަޖިލީހުގެ ޖަލްސާތައް ހުއްޓާލި ގޮތަށެވެ. ނަމަވެސް ގާނޫނީ ބެލެނިވެރިކަން ދީފައިވާ ގަވާއިދުތަކުގެ މުއްދަތު އިތުރުކުރުމަށް ކޮންމެހެން ޖަލްސާއެއް ބާއްވަން ޖެހިގެން އޮގަސްޓް ހަ ވަނަ ދުވަހު ޖަލްސާ ބޭއްވި އެވެ. އޭގެ ފަހުން މި މަހުގެ އެކަކުން ފެށިގެން މަޖިލިސް މެންބަރުން އެއް މަސް ދުވަހުގެ ޗުއްޓީއެއް ނެންގެވި އެވެ.