ތެލުގެ ސަބްސިޑީ ދޫކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ކުރިއަށް އޮތްތަނުގައި އެ ސަބްސިޑީއަށް އެދުމާއި ދޫކުރުމުގެ އެންމެހާ އިންތިޒާމުތައް "ފަހިހަކަތަ" ޕޯޓަލް މެދުވެރިކޮށް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން ހާމަކުރި ގޮތުގައި ދެން ތެލުގެ ސަބްސިޑީ މަސްވެރިންނަށް ލިބޭނެ ހަމައެކަނި ގޮތަކީ މި ޕޯޓަލްގައި ރަޖިސްޓްރީވުމެވެ.

މިނިސްޓްރީން ބުނިގޮތުގައި މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާޢަތަށް ލޮޅުން ނާންނާނެހެން ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމެވެ.

މި ބަދަލާއެކު، ސަބްސިޑީއަށް އެދި ހުށަހެޅުމާއި ސަބްސިޑީ ދޫކުރުމުގެ މަރުހަލާތައް އެއް ވިއުގައަކުން ހިންގި، މުޅި ނިޒާމުގެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

އެހެންކަމުން ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ، އަދި މިހާތަނަށް ރަޖިސްޓްރީވެފައިނުވާ އުޅަނދުފަހަރު 15 ސެޕްޓެމްބަރު ގެ ނިޔަލަށް ޕޯޓަލްގައި ރަޖިސްޓްރީވުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި އިންތިޒާމުގެ ދަށުން ސަރުކާރުން ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ:

  • 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5،000 ލީޓަރު.

  • 50 ފޫޓާއި 85 ފޫޓާ ދެމެދުގެ އުޅަނދުތަކަށް 3،000 ލީޓަރު.
  • 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1،500 ލީޓަރު.

މީގެއިތުރުން މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް ޑީސަލް ލީޓަރެއް 17.54 ރުފިޔާއަށް ލިބޭއިރު، ކުރިން ހަތަރު ސަރަހައްދަކުން ފޯރުކޮށްދިން މި ޚިދުމަތް މިހާރު ވަނީ އިތުރު 11 ސަރަހައްދަކަށް ފުޅާކޮށްފަކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

މީގެއިތުރުން، މަސްވެރިންގެ އެދުމުގެ މަތިން މިފްކޯއާއި އެފްއެސްއެމް ގުޅިގެން ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. މި ނިޒާމުގެ ދަށުން ދޯނިފަހަރަށް އަޅާ ތެލުގެ ބިލަށް ފައިސާ ކަނޑާނީ މިފްކޯއަށް ކިރުވާ މަހަށްވާ ފައިސާގެ ތެރެއިން 48 ގަޑިއިރު ތެރޭގައި ދޫކުރާ ޕޭމަންޓުންނެވެ.

އަދި މަސްވެރިކަމުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު މަސްވެރިކަމަށް ޚާއްޞަ ބަނދަރުތައް ތަރައްގީކުރުމާއި، ދާއިރާ ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ޖޫރިމަނާތަކަށްވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.