01 Sep 2026, 14:16

މީގެ ތިން ހަފުތާ ކުރިން ދަރިވަރަކު ބަޑިން ހަމަލާދީ ގިނަ ބަޔަކު މަރާލި ތައިލެންޑުގެ ސްކޫލެއް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ފަހު މިއަދު އަލުން ހުޅުވައިފިއެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކާ އިންވެގެން އޮންނަ ނޮންތަބޫރީ ޕްރޮވިންސްގެ ބޭންގް ކްރުއާއީ ޑިސްޓްރިކްޓްގައި ހުންނަ ޑެބްސިރިން ނޮންތަބޫރީ ސްކޫލް ހުޅުވާފައިވަނީ ފުލުހުންނާއި ސިވިލް ޑިފެންސްގެ އޮފިޝަލުން ހަރަކާތްތެރިވަމުންދާ ދަނޑިވަޅެއްގައެވެ.
ސްކޫލަށް ވަންނަ ދަރިވަރުންގެ ދަބަސްތައް ފާސްކުރަމުންދާއިރު، ބައެއް ދަރިވަރުން ސްކޫލަށް ގޮސްފައިވަނީ އެތެރެ ފެންނަ ޕްލާސްޓިކް ކޮތަޅުތައް ހިފައިގެންނެވެ. ކެމޮފްލާޖް ޔުނީފޯމާއި ބެރޭ ތާކިހާ އަޅައިގެން ތިބި ސިވިލް ޑިފެންސްގެ ވޮލަންޓިއަރުން ސްކޫލް ސަރަހައްދުގައި ހަރަކާތްތެރިވަމުންދެއެވެ. ސްކޫލުގެ މައި ދޮރޯށި ކައިރީގައި ބަހައްޓާފައިވާ ސްކްރީނަކުން، މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ހިނގި ހާދިސާގައި މަރުވި މީހުންގެ ނަންތަކާއި ފޮޓޯތައް ދައްކަމުންދާއިރު، އެ މީހުންގެ ހަނދާނުގައި ސްކޫލުގެ ފާރުގައި ވަނީ ހުދު ކުލައިގެ ރިބަން އައްސާފައެވެ.
އެ ހާދިސާގައި 14 އަހަރުގެ ދަރިވަރަކު ވަނީ އޭނާގެ އަމިއްލަ ގަޔަށް ބަޑިޖަހައި މަރުވުމުގެ ކުރިން ސްކޫލުގެ އެއް ދަރިވަރަކާއި ފަސް މުވައްޒަފުން މަރާލާފައެވެ. އަދި އޭގެ ކުރިން އޭނާ ވަނީ އަމިއްލަ ގޭގައި އޭނާގެ މާމައާއި ކާފަ ވެސް މަރާލާފައެވެ. މިއީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ތައިލެންޑުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ. މި ހާދިސާއަށް ފަހު، ތައިލެންޑުގެ ހެލްތު މިނިސްޓްރީގެ ނަފްސާނީ ސިއްހަތާ ބެހޭ މާހިރުން ވަނީ ސްކޫލުގެ މުވައްޒަފުންނާ ބައްދަލުކޮށްފައެވެ.

ބަޑީގެ ހަމަލާދިން ތައިލޭންގެ ސްކޫލަށް ދަރިވަރުން ވަނުމަށް ކިޔޫ ހަދާފައި-- ފޮޓޯ: ރޮއިޓާސް
ސްކޫލް އަލުން ހުޅުވުމާ ގުޅިގެން ބެލެނިވެރިންގެ ހިޔާލު ވަނީ ތަފާތުވެފައެވެ. ފަނަރަ އަހަރުގެ އަންހެން ކުއްޖެއްގެ ބައްޕަ، ތޮންގްބާއީ މުއެންޖިޓް ބުނި ގޮތުގައި ސްކޫލުގެ ސަލާމަތީ ކަންކަމާ މެދު އޭނާ އިތުބާރުކުރެއެވެ. ނަމަވެސް ބަޑީގެ ހަމަލާ ހިނގި އިމާރާތަށް އަލުން ދަރިފުޅު ފޮނުވަން ޖެހުމުން، ދަރިފުޅުގެ ނަފްސާނީ ހާލަތާ މެދު ކަންބޮޑުވާ ކަމަށް އޭނާ ބުންޏެވެ.
އަނެއްކޮޅުން، 12 އަހަރުގެ ކުއްޖެއްގެ މަންމަ، ނަޗޫޑާ ޕެޓްޕުއާންގްޕާން ބުނީ މިއީ ކޮންމެ ދުވަހަކު ހިނގާނެ ކަމެއް ނޫން ކަމަށާއި، ކޮންމެ ތަނެއްގައި ވެސް މިފަދަ ކަމެއް ހިނގާފާނެ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ތައިލެންޑުގެ ބޮޑުވަޒީރު އަނުޓިން ޗާންވިރަކުލް ވަނީ ހަތިޔާރު ގެންގުޅުމުގެ ހުއްދަ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައި، މިހާރު ދޫކޮށްފައިވާ ހުއްދަތައް މުރާޖައާކުރާނެ ކަމަށް ވިދާޅުވެފައެވެ.
ސްމޯލް އާމްސް ސާވޭއިން 2017 ވަނަ އަހަރު ލަފާކޮށްފައިވާ ގޮތުގައި، ތައިލެންޑުގެ އާންމުންގެ އަތުގައި 10.3 މިލިއަން ހަތިޔާރު ހުރިއިރު، މިއީ އޭޝިއާގައި ދެވަނައަށް އެންމެ މަތީ އަދަދެވެ.
މިދިޔަ މަހު ބެންކޮކްގެ އެހެން ސްކޫލެއްގައި ވަނީ ބަޑީގެ ހަމަލާއަކުން ރައްކާތެރިވާނެ ގޮތުގެ ފަރިތަކުރުންތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ.