30 Sep 2012, 12:38
ފަހަތުން އަރާ 3-2 އިން ސެވިއްޔާ ބަލިކޮށް، ސްޕެނިޝް ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް މޮޅުވެ ލިބުނު 18 ޕޮއިންޓާއެކު ބާސެލޯނާ އެއް ވަނާގައި ހަމަޖެހިލައިފި އެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ސެވިއްޔާއިންނެވެ. އެލަނޑު މެޗުގެ 26 ވަނަ މިނެޓުގައި ކާމިޔާބު ކޮސްދިނީ ޕިއޮޓް ޓްރޮކޮވްސްއެވެ. އަދި ސެވިއްޔާއިން ބާސާގެ މައްޗަށް ލީޑް ފުޅާކުރި ލަނޑު ދެ ވަނަ ހާފުގެ ފުރަތަމަ ދެމިނެޓުގެ ތެރޭގައި ކާމިޔާބު ކޮށްދިނީ އަލްވާރޯ ނެގްރެޑޯ އެވެ.
ސެވިއްޔާއިން ބާސާގެ މައްޗަށް ދެ ގޯލްގެ ލީޑެއް ނަގާފައި ވަނިކޮށް ރޭގެ މެޗުގައި ބާސާއަށް އެޓީމްގެ ފުރަތަމަ ލަނޑު 53 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފެބްރިގާސް އެވެ. އަދި އޭނާ މެޗު ނިމެން ދެ މިނިޓަށްވީ ފަހުން ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑުވެސް ކާމިޔާބު ކޮށްދީފައެވެ. ސެވިއްޔާއަތުން ބާސާ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ޑޭވިޑް ވިޔާއެވެ.
ރޭ ބާސާ އަތުން ބަލިވި ސެވިއްޔާ އޮތީ ލީގުގެ ފަސް ވަނާގައި 11 ޕޮއިންޓާއެކު އެވެ.
ލީގުގެ އެއްވަނާގާއި ބާސާ އޮތް އިރު ވާދަވެރި ރެއާލް މެޑްރިޑް އޮތީ ހަތް ޕޮއިންޓާއެކު ނުވަ ވަނައިގައެވެ. އެހެން ކަމުން ރެއާލް އަށް ވަނީ މިރޭ ޑިޕޯޓިވޯ ލަކޮރޫނިއާއާ ދެކޮޅަށް ނުކުންނައިރު ޕްރެޝަރު ބޮޑުވެފަ އެވެ. މިރޭގެ މެޗަށް ފަހު ލީގުގައި ރެއާލް ދެން ކުޅެން ޖެހޭނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ބާސެލޯނާއާ އެވެ. އެ މެޗު އޮންނާނީ ބާސެލޯނާގެ ނޯ ކޭމްޕް ސްޓޭޑިއަމުގަ އެވެ.
ސްޕެނިޝް ލީގުގެ ދެ ވަނައިގައި 14 ޕޮއިންޓާ އެކު އޮތީ ރޭ ރެއާލް ބެޓިސް އަތުން 4- 0 އިން މޮޅުވި މަލާގާ އެވެ. އަދި ލީގުގެ ތިން ވަނާގައި 13 ޕޮއިންޓާއެކު އޮތީ އެތުލެޓިކޯ މެޑްރިޑެވެ. ލީގުގެ އެންމެ ފުލުގައި އޮތީ އޮސަސޫނާއެވެ.