30 Sep 2012, 12:29
ސ. ހިތަދު އާއި މ. މުލިން މަސްތުވާތަކެއްޗާ އެކު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހިތަދޫން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 16 ރަބަރު ޕެކަޓާ އެކު ހައްޔަރުކޮށްފައިވާ މީހުންނަކީ އުމުރުން 32 އަހަރާއި 39 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.
ނަމަވެސް އެމީހުންނާ ބެހޭ އިތުރު މައުލޫމާތެއް ނުދެ އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިދިޔަ ހުކުރު ދުވަހު މެންދުރު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ ދެ މީހުން ޓެކްސީއެއްގައި ދަނިކޮށް ކަމަށެވެ. އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އެ ޕަކެޓްތައް ފެނިފައި ވަނީ އެ ދެމީހުން ތިބި ޓެކްސީ ބަލައި ފާސްކުރި އިރު ޓެކްސީގެ ތެރޭގައި އޮތް ސިނގިރެޓް ފޮއްޓެއްގެ ތެރެއިން ކަމަށާއި އެތަކެތީގެ އިތުރުން އެ ސިނގިރޭޓް ފޮށީގެ ތެރެއިން 19 ބޭސްގުޅަ ވެސް ފެނިފައިވާ ކަމަށެވެ.
އަދި ބުނީ މުލިން ފުލުހުން ހައްޔަރުކޮށްފައިވާ މީހަކީ އުމުރުން 27 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.
އަދި އޭނާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައި ވަނީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މަޢޫލޫމަތަކާ ގުޅިގެން މުލީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ބުދަ ދުވަހު އޭނާ ދިރިއުޅޭ ގެއިން ކަމަށާއި އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޕެކެޓް ފެނިފައި ވަނީ އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު އޭނާ ދިރިއުޅޭ ކޮޓަރިން ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ އެމައްސަލަ ވެސް ދަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގް ކުރަމުންނެވެ.