08 Sep 2010, 11:15
މާލެއަށް ފިތުރު ޒަކާތް ދެއްކި މީހުންގެ އަދަދު މި އަހަރު މަދުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީގެ އެސިޓެންޓް ޑިރެކްޓަރު އަހުމަދުﷲ ޖަމީލް ވިދާޅުވީ 91862 މީހުން މިދިޔަ އަހަރު މާލޭގައި ޒަކާތް ދައްކާފައިވާ އިރު މި އަހަރު ފިތުރު ޒަކާތް ދެއްކީ 84569 މީހުން ކަމަށެވެ.
ނަމަވެސް އަހުމަދުﷲ ވިދާޅުވީ ޒަކާތް ދެއްކި މީހުންގެ އަދަދު މަދުވި ކަމުގައި ވިޔަސް ޒަކާތަށް ލިބުނު ފައިސާގެ މިންވަރު ކުރީ އަހަރަށް ވުރެ މި އަހަރު އިތުރު ކަމަށެވެ. އެ ގޮތުން ކުރީ އަހަރަށް ވުރެ މި އަހަރު 10 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.
މި އަހަރުގެ ފިތުރު ޒަކާތަށް މާލެއިން 2.3 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ. ހަމައެއާ އެކު 9000 އަށް ވުރެ ގިނަ މީހުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވެ އެވެ.
މިނިސްޓްރީން ބުނީ ޒަކާތް ދެއްކި މީހުން އަދަދު މަދުވުމުގެ އެއް ސަބަބެއް ކަމަށް ލަފާ ކުރެވެނީ ޕާކިސްތާނަށް އެހީވުމަށް މާލޭގައި ހުޅުވި ފަންޑުތަކަށް ބައެއް ފަރާތުގެ ޒަކާތް ހަވާލު ކުރުން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
"އެނެއް ކަމަކީ އެސްއެމްއެސް އިން ޒަކާތް ދެއްކޭ ގޮތާ މެދު މީހުންގެ ހޭލުންތެރިކަން އިތުރުވުން. އެ ހޭލުންތެރިކަން ގެނައުމަށް އަޅުގަނޑުމެން މި އަހަރު އަރުވާނީ ހޭލުންތެރި ކުރުވުމުގެ މަސައްކަތްތަކެއް ކޮށްފައި" އަހުމަދުﷲ ވިދާޅުވި އެވެ.
އެސްއެމްއެސް މެދުވެރިކޮށް ޒަކާތްދެއްކޭ ގޮތް މިދިޔަ އަހަރު ތައާރަފުކުރީ މާލެއާ މާލެ ކައިރި ރަށްރަށެވެ. އެހެންނަމަވެސް މައުލޫމާތު ރަނގަޅަށް ސާފު ނުވެ އޮތުމުން ބައެއް އެހެން ސަރަހައްދުތަކުން ވެސް ގިނަ އަދަދެއްގެ ބަޔަކު އެސްއެމްއެސް އިން މާލެއަށް ޒަކާތް ދިނެވެ.
މި އަހަރު ފިތުރު ޒަކާތަށް ލިބުނު ފައިސާ ބެހެނިވެރިންނަށް ބެހުމަށްޓަކައި މިރޭ މާލޭގެ އަވަށްތަކާ ހަވާލު ކުރާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.