01 Sep 2026, 11:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިކުރި ކުންފުންޏެއްގެ ބޭންކު އެކައުންޓްތައް ފްރީޒްކޮށް، އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފިޔަވަޅު އަޅާފައިވަނީ 'ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް' ނަމަކަށް ކިޔާ ކުންފުންޏަކާ ދެކޮޅަށް ކަމަށެވެ.
އެގޮތުން، އެ ކުންފުނިން ބޭރު ފައިސާގެ ވިޔަފާރި ހިންގުމަށް ބޭނުންކުރަމުންދިޔަ ބޭންކު އެކައުންޓްތައް މިހާރު ވަނީ ފްރީޒްކޮށްފައެވެ.
މީގެއިތުރުން، މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމަށް ޓަކައި، މާލޭގެ މ. ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފުލުހުން މިހާރު ދަނީ ހިންގަމުންނެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އިއްޔެ މެންދުރުފަހު ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރެއްވައިފައެވެ.
ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލުގައި ފުރަތަމަ އޮތީ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އޮތުން އުވާލައި، ރިސޯޓުގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށެވެ.
ނަމަވެސް، ކޮމިޓީން ބިލު ނިންމައި ތަޅުމަށް ފޮނުވުމަށްފަހު، އިތުރު އިސްލާހުތަކެއް ގެނައުމަށް އަލުން ކޮމިޓީއަށް ފޮނުވައިގެން ގެނައި ބަދަލާއެކު، ރިސޯޓުތަކުގެ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު އެއްފަހަރު މާރުކުރަން ޖެހޭ ގޮތަށް ވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން މާލިއްޔަތު ކޮމިޓީން ގެނައި އަނެއް އިސްލާހަކީ، އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަން އިޝްތިހާރުކުރުމާއި ޕްރޮމޯޓުކުރުން މަނާކުރުމެވެ. މިގޮތުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ކަޅުބާޒާރުގެ ރޭޓުތައް ހާމަކުރުމާއި، ޝާއިއުކުރުމާއި އަދި ފެތުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
މި މާއްދާއާ ހިލާފުވާ ފަރާތްތަކަށް ކަނޑައަޅާފައިވާ އަދަބުތައް:
އާންމު ފަރުދަކު މިފަދަ އަމަލެއް ކޮށްފިނަމަ 25،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
- ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން މިފަދަ މައުލޫމާތެއް އާންމުކޮށްފިނަމަ 100،000 ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
- އަދި މީގެ އިތުރުން، ގާނޫނުގައި މަނާކޮށްފައިވާ ކަމެއް ކުރުމަކީ ޖިނާއީ ކުށެއް ކަމަށް އެހެން ގާނޫނެއްގައި ބަޔާންކޮށްފައިވާ ނަމަ، އިދާރީ ފިޔަވަޅު އެޅުމުގެ އިތުރަށް އެ ފަރާތެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ އިހްތިޔާރު ވެސް ލިބިގެންވާ ކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.