101 އަހަރުގެ އުމުރުފުޅުގައި ފުރޮޅުލީ ގޮނޑީގައި ވަޑައިގެން މަހާތިރު މެލޭޝިއާގެ ގައުމީ ދުވަސް ފާހަގަކުރައްވައިފި
101 އަހަރުގެ އުމުރުފުޅުގައި ފުރޮޅުލީ ގޮނޑީގައި ވަޑައިގެން މަހާތިރު މެލޭޝިއާގެ ގައުމީ ދުވަސް ފާހަގަކުރައްވައިފި

މެލޭޝިއާގެ މިނިވަން ދުވަހުގެ ކުލަގަދަ އުފާފާޅުކުރުންތަކުގެ ތެރެއިން، ހޯމަ ދުވަހު ޕުޓްރަޖާޔާގެ މައިދާނަށް ޖަމާވެފައިވާ އެތައް ބައެއްގެ ސަމާލުކަން ހުއްޓުނީ ހާއްސަ މެހެމާނަކަށެވެ. ގައުމީ ދިދަތަކުން މުޅި ސަރަހައްދު ޒީނަތްތެރިކޮށްފައި ވަނިކޮށް، ކަރަންޓު ފުރޮޅުލީ ގޮނޑިއެއްގައި އެ މައިދާނަށް ވަޑައިގެންނެވީ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޓުން ޑރ. މަހާތިރު މުހައްމަދެވެ. އުމުރުފުޅުން 101 އަހަރުގައި، ދައުލަތުގެ އިސް ލީޑަރެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި މަހާތިރު އެތަނަށް ވަޑައިގަތުމާއެކު، އާންމުންގެ ފަރާތުން ހޫނު މަރުހަބާއަކާއި އުފާވެރިކަން ފެނިގެންދިޔަ ކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

މިއީ މި އަހަރުގެ ގައުމީ ދުވަހާއި މެލޭޝިއާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން ފެނިގެންދިޔަ މަންޒަރެކެވެ. ޓިކްޓޮކް މެދުވެރިކޮށް ލައިވްކޮށް ދައްކަމުންދިޔަ މަންޒަރުތަކުން ފެންނަ ގޮތުގައި، ފުރޮޅުލީ ގޮނޑީގައި އިންނަވައިގެން މަހާތިރު ވަޑައިގަތީ އެތަނަށް ޒިޔާރަތްކުރި މީހުންނަށް އަތްޕުޅު ހޫރުއްވަމުންނެވެ. އަދި ގައުމީ އުފާފާޅުކުރުންތަކުގެ މާހައުލު އެމަނިކުފާނު ބައްލަވަމުން ގެންދެވިއެވެ. މީގެ އިތުރުން، އާންމުންނާ ބައްދަލުކުރައްވައި ސަލާމްކުރެއްވުމަށް ވެސް އެމަނިކުފާނު ވަގުތު ހޭދަކުރެއްވިއެވެ.

މެލޭޝިއާގެ ރައްޔިތުންނާއި ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި އޮފިޝަލުން ވެސް ވަނީ، ލަންކާވީގެ ކުރީގެ މެމްބަރުކަން ވެސް ކުރެއްވި މަހާތިރާ ސަލާމްކޮށް، ސެލްފީ ނެގުމުގެ ފުރުސަތުގެ ބޭނުން ހިފާފައެވެ. މެލޭޝިއާގެ ސިޔާސީ ތާރީހުގެ މައިގަނޑު ދައުރެއް އެތައް ދަހަރެއް ވަންދެން އަދާކުރެއްވި ލީޑަރަކު، ފުރޮޅުލީ ގޮނޑިއެއްގައި އިންނަވައިގެން ގައުމީ އުފާފާޅުކުރުންތަކުގައި ބައިވެރިވެވަޑައިގަތުމަކީ އިންސާނީ ގޮތުން ފެނިގެންދިޔަ ވަރަށް އަސަރުގަދަ މަންޒަރެއްގެ ގޮތުގައި ނޫސްތަކުން ސިފަކޮށްފައިވެއެވެ.

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު މަހާތިރު މިނިވަން ދުވަހުގެ ހަރަކާތުގައި---

މި މުނާސަބަތާ ގުޅިގެން މަހާތިރު ވަނީ އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ގައުމީ ދުވަހުގެ ހާއްސަ މެސެޖެއް ވެސް އާންމުކުރައްވާފައެވެ. މި މެސެޖާއެކު، މެލޭޝިއާގެ ލީޑަރުކަމުގައި އެމަނިކުފާނު ހޭދަކުރެއްވި ދުވަސްތައް ދައްކުވައިދޭ ވީޑިއޯއެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި 1981 އިން 2003 އަށް ބޮޑުވަޒީރުކަން ކުރެއްވި ފުރަތަމަ ދައުރާއި، 2018 އިން 2020 އަށް އަލުން މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަސްވަރުގެ މަންޒަރުތައް ހިމެނެއެވެ. "އުފާވެރި މިނިވަން ދުވަހަކަށް އަދި 69 ވަނަ ގައުމީ ދުވަހަކަށް އެދެން، މެލޭޝިއާ،" މި ޕޯސްޓުގައި މަހާތިރު ވިދާޅުވެފައިވެއެވެ.

ޕުޓްރަޖާޔާގައި ބޭއްވި ގައުމީ ދުވަހުގެ ހަރަކާތްތަކުގައި މަހާތިރު ބައިވެރިވެވަޑައިގަތް މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ނަމަވެސް، ފުރޮޅުލީ ގޮނޑިއެއްގައި އިންނަވައިގެން މިފަދަ ހަރަކާތަކަށް ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ. ފާއިތުވި އަހަރުގެ ގައުމީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މީޑިއާއަށް މައުލޫމާތު ދެއްވަމުން މަހާތިރު ވިދާޅުވެފައިވަނީ، ކޮންމެ އަހަރަކު ބާއްވާ މި ހަރަކާތަށް ރަސްމީކޮށް އެމަނިކުފާނަށް ދައުވަތު ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން ނޫޅުއްވާ ކަމަށް ވެސް ވިދާޅުވިއެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި، މެލޭޝިއާގެ ރައްޔިތެއްގެ ހައިސިއްޔަތުން ގައުމީ އުފާފާޅުކުރުންތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ މީހަކަށް ވެސް އޮންނާނެއެވެ.

މިއަހަރުގެ ހަރަކާތްތަކުން މަހާތިރު ފެނިގެން މިދިޔައީ، އުމުރުފުޅުން 101 އަހަރުގެ މި ލީޑަރަށް ސިއްހީ ގޮތުން އުނދަގޫ ދުވަސްތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމަށް ފަހުގައެވެ. މިދިޔަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު، 'ދަ މައިންސް' ގައި ހުންނަ އެމަނިކުފާނުގެ ގެކޮޅުގައި ކަސްރަތު ކުރައްވަން އުޅުއްވުމުގެ ތެރޭގައި ވެއްޓިވަޑައިގެން އުނަގަނޑުގެ ކަށިގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ރީހެބިލިޓޭޝަން ފަރުވާއަށް ނޭޝަނަލް ހާޓް އިންސްޓިޓިއުޓް (އައިޖޭއެން) ގައި އެޑްމިޓްކުރެވުނެވެ. މިއީ ސިއްހީ ހާލަތާ ގުޅިގެން އެމަނިކުފާނު ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތް ފުރަތަމަ ފަހަރެއް ނޫނެވެ.

ފާއިތުވި އަހަރުގެ ޖުލައި 13 ވަނަ ދުވަހު ވެސް މަހާތިރު ވަނީ ކުއްލި ގޮތަކަށް އައިޖޭއެންއަށް ގެންދެވިފައެވެ. އެއީ ޖުލައި 10 ވަނަ ދުވަހު ފާހަގަކުރި އެމަނިކުފާނުގެ 100 ވަނަ އުފަންދުވަހާއި، އަނބިކަނބަލުން ޓުން ޑރ. ހަސްމާ މުހައްމަދު އަލީގެ 99 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި 'ޕިކްނިކް އެންޑް ޕޮޓްލަކް' ޕްރޮގްރާމެއްގެ ތެރެއިން ވަރުބަލިކަން އިހުސާސްކުރެއްވުމާ ގުޅިގެންނެވެ. އެ ދުވަހުގެ ހެނދުނު 10 ޖަހާއެހާއިރު ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށްފަހު، ހަވީރު 4:45 ހާއިރު ވަނީ ގެއަށް ވަޑައިގަތުމުގެ ހުއްދަ ދީފައެވެ.

މިފަދަ ސިއްހީ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ދެ ދައުރެއްގެ މަތިން ވިހި އަހަރަށްވުރެ ދިގު މުއްދަތަކަށް އެމަނިކުފާނު ލީޑަރުކަން ކުރެއްވި ގައުމުގެ ދިދަތަކާއި، އާންމުންނާއި، އުފާފާޅުކުރުންތަކުގެ ތެރެއިން ހެނދުނުގެ ވަގުތުގައި މަހާތިރު އަނެއްކާވެސް ފެނިގެންދިޔައީ މެލޭޝިއާގެ ރައްޔިތުންނާއެކުގައެވެ. ފުރޮޅުލީ ގޮނޑީގައި އިންނަވައިގެން އަތްޕުޅު ހޫރުއްވަމުން، އާންމުންނާ ބައްދަލުކުރައްވަމުން އިތުރު ގައުމީ ދުވަހެއް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އުމުރުފުޅުން 101 އަހަރުގައި އެމަނިކުފާނު އާންމުންގެ ތެރެއަށް ނުކުމެވަޑައިގަތުމަކީ ހަމައެކަނި އާދައިގެ ޒިޔާރަތެއް ނޫނެވެ. އެއީ ޒަމާނީ މެލޭޝިއާގެ ތާރީހާ ގުޅިފައިވާ، އެމަނިކުފާނުގެ ދިގު އަދި ހާއްސަ ހަޔާތުގެ ދަތުރުފުޅު ހަނދާންކޮށްދިން ކަމެއްކަމުގައި މީޑިއާއިން ސިފަކޮށްފައިވެއެވެ.