01 Sep 2026, 09:30
ހުޅުމާލޭގައި އަލަށް މީހުން ދިރިއުޅެން ފެށި އަމާން އުދަރެސް ޓަވަރަކުން އިއްޔެ ވެއްޓުނު ކުއްޖާގެ ހާލު ސްޓޭބަލް ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފި އެވެ.
އަމާން އުދަރެސް-2 ގެ ތިންވަނަ ފަންގިފިލާއިން އިއްޔެ ހެނދުނު ވެއްޓިފައިވަނީ 16 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ.
އަމާން އުދަރެސް ޓަަވަރަކުން އެ ކުއްޖަކު ވެއްޓިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ 11:35 ހާއިރުގައި ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، އެ ކުއްޖާއަށް ސީރިއަސް އެއްވެސް އަނިޔާއެއް ވެފައި ނުވާ ކަމަށާއި ހާލު ސްޓޭބަލް ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ ވެއްޓުގެން އެ ކުއްޖާ ހުޅުމާލޭ ހޮސްޕިޓަލަށް ގެނައިރު ވެސް ހާލަތު ރަނގަޅު ކަމަށެވެ. ނަމަވެސް އެ ކުއްޖާއަށް އަދިވެސް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ ތަފްސީލެއް އަދި ލިބިފައި ނުވާއިރު، ފުލުހުން ވަނީ މި މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.