ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޗެލްސީއާއި މިސީޒަނުގައި ގުޅުނު ބެލްޖިއަމް ފޯވާޑް އެޑެން ހެޒާޑް ހޯދަން އާސެނަލްއިން މަސައްކަތްކުރިކަން އެކުލަބުގެ ކޯޗް އާސެން ވެންގާ ކަށަވަރު ކޮށްދީފިއެވެ.

މިސީޒަނުގެ ޕްރެމިއަރ ލީގުގެ އެންމެ މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ހެޒާޑްއެވެ. ހެޒާޑްވަނީ ޗެލްސީ ކުޅުނު ގިނަ މެޗުތަކެއްގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ. ޗެލްސީއާއި ގުޅުމުގެ ކުރިން އާސެނަލްއިން އޭނާ ހޯދަން މަސައްކަތްކުރިކަމަށް ވެންގާ ބުނެފައިވެއެވެ.

"އާސެނަލްއިން ހެޒާޑް ހޯދަން މަސައްކަތްކުރި. ޓްރާންސްފާ އަގުވެސް ހަމަޖެހުނު. ހެޒާޑް ހޯދަން މަސައްކަތްކުރި ހުރިހާ ކްލަބެއް އޮތީ ހަމަހަމަވެފައި. ނަމަވެސް އޭނާ ހިޔާރުކުރީ ޗެލްސީ. ހެޒާޑްއަކީ ފްރާންސް ލީގުގެ އެންމެ ފަހު ދެ ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާ. އެއުމުރުގައި އެފަދަ ކުޅުމެއް ދައްކަން މޮޅު ފެންވަރެއް ބޭނުންވާނެ." އުމުރުން 21 އަހަރުގެ ހެޒާޑްއާއި ބެހޭގޮތުން ވާހަކަދައްކަމުން ވެންގާ ބުންޏެވެ.

ވެންގާ އިތުރަށް ބުނީ، ޗެލްސީއާއި ހެޒާޑް ގުޅުމާއެކު އެކުލަބުގެ ކުޅުން މުޅިން ބަދަލުވެފައިވާ ކަމަށެވެ. "ޗެލްސީ މިހާރު ކުޅެނީ ތަފާތު ކުޅުމެއް. އެހެން ވެގެން އެދިޔައީ އެޓީމާއި ގުޅުނު ފެންވަރު ރަނގަޅު ޒުވާން ކުޅުންތެރިންގެ ސަބަބުން. މިހާރު އެމީހުން ކުޅެމުންދަނީ ބޮޑަށް ޓެކްނިކަލް ކުޅުމެއް." ވެންގާ ބުންޏެވެ.

އިނގިރޭސި ޕްރެމިއަރ ލީގުގައި އިއްޔެ ހަވީރު ލީގުގެ އެއްވަނާގައި އޮތް ޗެލްސީއާއި ބައްދަލުކޮށް އާސެނަލްވަނީ 2-1 ލަނޑުން ބަލިވެފައެވެ. މިމެޗުން ޗެލްސީ މޮޅުވުމާއެކު އެޓީމަށްވަނީ ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިފައެވެ.