ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ އެޕަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމުގައި ހުންނެވި އެންމެ ފަހު ދުވަހު، އެ ކުންފުނީގެ މުވައްޒަފުންނާ މުޚާތަބުކުރައްވައި ޓިމް ކުކް ޚާއްސަ ވަދާއީ މެމޯއެއް ފޮނުވައިފިއެވެ.

މި ބަދަލާއެކު އެޕަލްގެ އާ ސީއީއޯގެ މަގާމާ ޖޯން ޓާނަސް މާދަމާ ހަވާލުވާނެއެވެ. ސީއީއޯގެ މަގާމުން ވަކިވި ނަމަވެސް، ޓިމް ކުކް ކުންފުނި އެއްކޮށް ދޫކޮށްލަނީއެއް ނޫނެވެ. އޭނާ ދެން އަދާކުރާނީ އެޕަލްގެ ބޯޑް އޮފް ޑިރެކްޓަރުންގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމެވެ.

މުވައްޒަފުންނަށް ފޮނުވި މެމޯގައި ޓިމް ކުކް ބުނީ، މިއީ ކޮންމެވެސް ދުވަހަކުން އަންނާނެ މުހިންމު ވަގުތެއްކަން އެނގުނު ނަމަވެސް، މިއަދު އެ ވަގުތު އައުމުން އެކަން ގަބޫލުކުރަން އަދިވެސް ދަތި ކަމަށެވެ. އަދި އެޕަލްގެ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ޝަރަފު ލިބުމަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ނަސީބު ކަމަށް ބުނެ، މުވައްޒަފުން ދިން ލޯތްބާއި ދެއްކި ހީވާގިކަމަށް އޭނާ ވަނީ އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.

އޭނާ ހޯދި ކޮންމެ ކާމިޔާބީއެއްގެ އަސްލަކީ މުވައްޒަފުން ކަމަށާއި، މުޅި ހަޔާތުގައި ވެސް އެފަދަ ހުނަރުވެރި، ވަރުގަދަ ޓީމަކާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށް ކުކް ފާހަގަކުރިއެވެ. އަދި އެޕަލްގެ އަސްލު ބާރަކީ އަހަރީ މާލީ ރިޕޯޓުތަކުން ފެންނަން ހުންނަ އަދަދުތަކަށް ވުރެ ބޮޑަށް، އެ ކުންފުނީގެ ވަރުގަދަ ސަގާފަތާއި އަގުތައް ކަމަށާއި، ދުނިޔެ މިހާރަށް ވުރެ ރަނގަޅު ތަނަކަށް ހެދުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތް ކަމަށް ފާހަގަކުރިއެވެ. އެގޮތުން ކުންފުނީގެ ބާނީ ސްޓީވް ޖޮބްސް ވިދާޅުވި ފަދައިން ދުނިޔެއަށް ބޮޑު ބަދަލެއް ގެނެވުނީ އެކުއެކީގައި ކުރެވުނު މަސައްކަތުން ކަމަށް ވެސް ކުކް ފާހަގަކުރިއެވެ.

މީގެ އިތުރުން، އާ ސީއީއޯ ޖޯން ޓާނަސްގެ ގާބިލުކަމަށް ޓިމް ކުކް ވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ. ކުކް ބުނީ ދުނިޔެ ބަދަލުކޮށްލާ ފަދަ އުފެއްދުންތައް އުފެއްދުމުގެ ފުރިހަމަ ވިސްނުމާއި ގާބިލުކަން ޖޯންގެ ކިބައިގައި އެބަހުރި ކަމަށާއި، ކުންފުނީގެ ލީޑަޝިޕް ޖޯންއާ ހަވާލުކުރުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މެމޯ ނިންމަވާލަމުން ޓިމް ކުކް ވަނީ އެޕަލްގެ މުވައްޒަފަކަށް ވީތީ އަބަދުވެސް ފަޚުރުވެރިވުމަށާއި، އެންމެ ފުރިހަމަ މަސައްކަތް ކުރުންމަތީ ދެމިތިބުމަށް ހިތްވަރު ދީފައެވެ. އަދި އޭނާގެ އާ ދައުރުގައި އެޕަލް ޕާކުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަދިވެސް މުވައްޒަފުންނާ ބައްދަލުވާނެ ކަމަށް އުންމީދު ކުރާ ކަމަށް މެމޯގައި ބުނެފައިވެއެވެ.