ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯއާއި އެކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްއާއި ދެމެދު އެއްވެސް މައްސަލައެއް ނެތްކަމަށާއި ދެމީހުންގެ ދެމެދުގައި އޮތީ ވަރުގަދަ ގުޅުމެއް ކަމަށް މޮރީނިއޯ ބުނެފިއެވެ.

މޮރީނިއޯ މިހެން ބުނެފައިވަނީ އޭނާގެ ފަރާތުން ރަނގަޅު ކަންތައްތަކެއް ނުފެންނަކަމަށް ބުނެ ޕެރޭޒް ވާހަކަދައްކާފައި ވުމުންނެވެ. ޕެރޭޒް ބުނިގޮތުގައި، މޮރީނިއޯއާއި ސަޕޯޓަރުންގެ މެދުގައި މައްސަލަތަކެއް އުޅޭކަމަށެވެ.

"މެޑްރިޑް ޓީމަކީ ކޮބައިކަން ދަސްކުރަން މޮރީނިއޯއަށް ވަގުތު ނެގި. ކްލަބުން އޭނާގެ ކަންތައްތަކާއި މެދު ހައިރާންވޭ. ސަޕޯޓަރުންނާއި ގިނަ ބަޔަކު ދަނީ އޭނާއަށް ދިމާކޮށް ފާޑުކިޔަމުން. ޕޯޗުގަލް، އިޓަލީ އަދި އިނގިރޭސި ކްލަބުތަކަކަށް ކޯޗުކަންކޮށްދިނަސް، މިއީ ރެއާލް މެޑްރިޑްކަން އަހަރެން މޮރީނިއޯ ކައިރީ ބުނިން. މިކްލަބަކީ އެހެން ކްލަބުތަކާއި މުޅިން ތަފާތު ކްލަބެއް. މިކްލަބުން ހާސިލުކުރަން ބޭނުންވާ ކަންތައްތައް އެއަށްވުރެ މަތި." މެޑްރިޑްގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ޕެރޭޒް ބުނެފައިވެއެވެ.

އޭގެ އިތުރުން ޕެރޭޒްވަނީ މޮރީނިއޯއަށް ތަޢުރީފްވެސް ކޮށްފައެވެ. "މިޓީމްގައި މޮޅެތި ގިނަ ކުޅުންތެރިންތަކެއް އެބަ ތިބި. ޓީމްތެރޭ އުޅޭ ކަންތައްތައް ނިންމަން މޮރީނިއޯއަށް އެނގޭނެ. އޭނާއަކީ އެންމެ މޮޅު ކޯޗު. އެކަން އެންމެންނަށްވެސް އެނގޭނެ." ޕެރޭޒް ބުންޏެވެ.

އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަދައްކަމުން މޮރީނިއޯ ބުނީ، ޕެރޭޒްއާއި ދެމެދު އެއްވެސް މައްސަލައެއް ނެތްކަމަށެވެ. "އަހަރެންނާއި ޕެރޭޒްއާއި ދެމެދު އޮތީ ވަރުގަދަ ގުޅުމެއް. ރައީސްއާއި ކޯޗާއި ދެމެދު ދެކެވޭ ވާހަކަތަކަށް ކޮމެންޓެއް ނުކުރެވޭނެ." މޮރީނިއޯ ބުންޏެވެ.

މިދިޔަ ސީޒަންގެ ސްޕެނިޝް ލަލީގާގެ ޗެމްޕިއަން މިވަގުތު އޮތީ ތާވަލިގެ އަށް ވަނާގައެވެ. ލީގުގެ އެއްވަނާގައި އޮތީ ވާދަވެރި ބާސެލޯނާއެވެ. ބާސާއިން ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކުރިއިރު، މެޑްރިޑް ކުޅުނު ފަސް މެޗުން މޮޅުވެފައިވަނީ ދެމެޗުންނެވެ.