30 Sep 2012, 12:03
ނަޕޯލީގެ ކުރީގެ ތަރި އަދި ދުނިޔޭގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޑިއޭގޯ މެރަޑޯނާ، ނަޕޯލީގައި ބޭނުންކުރި ދިހަ ނަންބަރުގެ ޖާޒީއަކީ އޭނާގެ ހައްގެއް ކަމަށާއި އެޖާޒީ ހޯދަން ބޭނުން ނުވާކަމުގައި އެކުލަބުގެ ފޯވާޑް ލޮރެންޒީ އިންސިގްނޭ ބުނެފިއެވެ.
އުމުރުން 21 އަހަރުގެ އިންސިގްނޭ ދަނީ މިސީޒަނުގައި ނަޕޯލީއަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެހެންކަމުން އޭނާއަށް ވަނީ ފުރަތަމަ ފަހަރަށް އިޓަލީ ގައުމީ ޓީމްގެ ސްކޮޑުންވެސް ޖާގަ ލިބިފައެވެ. ނަޕޯލީގެ ކޯޗު މަޒާރީއާއި އިންސިގްނޭއާއި ދެމެދު ގާތް ގުޅުމެއް އޮންނަކަމަށް މީޑިޔާގައިވަނީ ވާހަކަތަކެއް ދެކެވިފައެވެ. ނަމަވެސް މެރަޑޯނާ ބޭނުންކުރި ދިހަ ނަންބަރުގެ ޖާޒީ ހޯދަން ނޫޅޭކަމަށް އިންސިނޭވަނީ ބުނެފައެވެ.
"ފުރަތަމަ އެގާރައިން ޖާގަ ލިބުނަސް އަދި ނުލިބުނަސް އަހަރެންނަށް މައްސަލައެއް ނެތް. ކޯޗުގެ ނިންމުންތަކަށް އަހަރެން އިހްތިރާމްކުރަން. މަޒާރީއަކީ ވަރަށް ބުރަ މަސައްކަތްކުރާ މޮޅު ކޯޗެއް. އަހަރެންނަކީ އާދައިގެ މީހެއް. އަހަރެން އަބަދުވެސް މަސައްކަތްކުރަނީ އަހަރެންގެ އެންމެ މޮޅު ކުޅުން ދެއްކޭތޯ. މެރަޑޯނާގެ ޖާޒީ އެއްވެސް މީހަކަށް ނުލިބޭނެ. އަހަރެން އެޖާޒީ ހޯދާކަށް ނޫޅެން." އިންސިގްނޭ ބުންޏެވެ.
އިންސިގްނޭ ވަނީ އޭނާ ނަޕޯލީއާއެކު ހާސިލުކުރަން ބޭނުންވާ ކާމިޔާބީތައްވެސް ހާމަކޮށްފައެވެ. "ޔޫރޮޕާ ލީގު ކާމިޔާބުކުރުމަކީ އަހަރެމެންނަށް ނުކުރެވޭނެ ކަމެއް ނޫން. ބަލިކުރަން ބޭނުންވާ ޓީމަކީ ޔުވެންޓަސް. އެއީ މިހާރު އިޓަލީ ލީގުގައި އޮތް އެންމެ ވަރުގަދަ ކްލަބަކީ އެޓީމް ކަމަށް ވާތީ. ނަމަވެސް އޭސީ މިލާންއާއި އިންޓަރ މިލާންވެސް ލީގުގެ އެންމެ ކުރިއަށް އަރާފާނެ." އިންސިގްނޭ ބުންޏެވެ.
އިޓަލީ ލީގުގެ ދެވަނާގައި ނަޕޯލީ އޮތް ނަމަވެސް، އެއްވަނާގައި އޮތް ޔުވެންޓަސްއާއި ޕޮއިންޓްގެ ގޮތުން އެއްވަރެވެ. ދެޓީމަށްވެސް ލިބިފައިވަނީ ތޭރަ ޕޮއިންޓެވެ. އޭގެ އިތުރުން ގޯލްގެ ތަފާތުންވެސް ދެޓީމް އޮތީ އެއްވަރުވެފައެވެ. ޔުވެންޓަސްއަށް ކުރި ލިބެނީ ރަށުން ބޭރުގައި ކުޅުނު މެޗުތަކުން ގިނަ ލަނޑުތަކެއް ކާމިޔާބުކުރުމުންނެވެ.