ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު މިއަދުން ފެށިގެން ޗުއްޓީ ނަންގަވައިފި އެވެ.

މިއީ ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ރައީސް ވަހީދު ޗުއްޓީއެއް ނަންގެވި ފުރަތަމަ ފަހަރެވެ.
އދ. ގެ ޖެނެރަލް އެސެބްލީގައި ބައިވެރިވެ ވަޑައިގަތުމަށް ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސް ވަނީ އެ ބައްދަލުވުމަށް ފަހު ޗުއްޓީއެއް ނަންގަވާނެކަން ކުރިން އިއުލާންކުރައްވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަހަށް ރައީސް ޗުއްޓީ ހޭދަކުރައްވަމުން ގެންދަވާނީ އާއިލާގެ ބޭފުޅުންނާއި އެކުގައި ކަމަށެވެ. ރައީސްގެ އާއިލާ ދިރިއުޅުއްވަމުން ގެންދަވަނީ އެމެރިކާގެ، ނިއުޔޯކުގަ އެވެ.

"ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި، އެހެނިހެން ޢިނާޔަތްތައް ކަނޑައެޅުމާބެހޭ" ޤާނޫނުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ގިނަވެގެން އަހަރަކު ތިރީސް ދުވަހުގެ ޗުއްޓީއެއް ކަނޑައެޅިފައިވެއެވެ.