30 Sep 2012, 11:36
ޑީއާރްޕީން މެމްބަރުންނާއި ޕާޓީގެ ލީޑާޝިޕާ ދެމެދު ރަނގަޅު ގުޅުމެއް އުފެއްދުމުގެ ގޮތުން ކުރިއަށް ގެންދާ ސިލްސިލާ މަސައްކަތްތަކުގެ ދަށުން "ޑީއާރްޕީ މެމްބަރުންގެ ނިއުސް ލެޓާ" ގެ ނަމުގައި އެޕާޓީގެ މައުލޫމާތު މެމްބަރުންނަށް ފޯރުކޮށްދޭން ފަށައިފި އެވެ.
ޑީއާރްޕީގެ ވެބްސައިޓްގައި މިދިޔަ ބުރާސްފަތި ދުވަހު އާއްމުކޮށްފައިވާ މެމްބަރުންގެ ނިއުސް ލެޓާގެ ފުރަތަމަ އަދަދުގައި އެޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ޑީއާރުޕީގެ ނައިބް ލީޑަރު އިބްރާހިމް ޝަރީފް (މަވޯޓާ) ގެ އިތުރުން އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ޑރ. އަހުމަދު މައުސޫމް ވެސް އެބޭފުޅުންގެ ހިޔާލު ފާޅުކުރައްވައިފައިވެ އެވެ.
ޑީއާރްޕީގެ މެމްބަރުންގެ ނިއުސް ލެޓާގެ ފުރަތަމަ އަދަދުގައި ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލަތަކާ ގުޅޭ ގޮތުން ތަސްމީން ދެކިވަޑައިގެންނަވާ ގޮތް ހާމަކުރުމުގެ ގޮތުން ލިޔުއްވަމުން ގެންދަވާ ސިލްސިލާ ލިޔުންތަކުގެ މައްޗަށް ވަނީ އަލިއަޅުވާލައްވައިފަ އެވެ.
ތަސްމީންގެ ވިދާޅުވެފައިވަނީ ރާއްޖެ ކުރިއަށް ދިއުމުގެ ބަދަލުގައި ފެންނަމުންދަނީ މާޒީގައި ވެފައިވާ ކަންތައްތަކުން އަތް ދޫނުކޮށްލެވިގެން ކަންކަން ސޮއްސަމުންދާ ތަން ކަމަށާއި މިކަމަކީ މިއަދު ހުއްޓައިލަން ޖެހިފައިވާ ކަމެއް ކަމަށެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އެކުލަވާލި ކޮމިޝަން (ކޯނީ) ގެ ރިޕޯޓަށްފަހު މާޒީ ދޫކޮށް މުސްތަގުބަލަށް ދަތުރު ފެށުމުގެ ދޮރު ހުޅުވިފައިވާ ކަމަށް ވެސް ތަސްމީން ވިދާޅުވެފައިވެ އެވެ.
" 2013 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ރައީސަކު އިންތިހާބު ކުރާއިރު މިގައުމު މިއޮތް ހާލުން ސަލާމަތް ކުރުވުމަށްޓަކާ ހޮއްވަވަންޖެހޭ ރަނގަޅު ހޮވުން ރައްޔިތުންނަށް އިހުތިޔާރު ކުރެވޭނީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ގައުމީ މައްސަލަތަކާ މެދު ސީރިޔަސް ބަހުސްތަކެއް ކޮށްގެންނެވެ. ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ވާހަކައަކީ ހުރިހާ ފަންުތިއެއްގެ ހުރިހާ ގިންތިއެއްގެ ހުރިހާ އެންމެން ވެސް މިހާރު ނުދައްކައި ފަރުޖެއްސެން ނެތް ވާހަކަތަކަށް ވެއްޖެ އެވެ. ބައިވެރިވެގެން އަޑުއަހައިގެން ގުޅިގެން މަސައްކަތް ކޮށްގެން ހައްލުކުރަން ޖެހިއްޖެ މައްސަލަތަކަކަށް ވެއްޖެ އެވެ. މި މުހިންމު މައްސަލަތަކުގެ ބަހުސް ކުރުމަށް ޑީއާރްޕީ އޮތީ ތައްޔާރަށެވެ. ޑީއާރްޕީން މި ބަހުސަށް ތިޔަބޭފުޅުންނަށް މަރުހަބާ ދަންނަވާނަން،" ތަސްމީން ވިދާޅުވެފައިވެ އެވެ.
މެމްބަރުންގެ ނިއުސް ލެޓާގައި އެޕާޓީގެ ޑެޕިއުޓީ ލީޑަރު ޝަރީފް ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑީއާރްޕީން އިއްތިހާދުގެ އެއް ކެނޑިޑޭޓަށް ދޫކޮށްނުލައި އެއިންތިހާބުގައި އެޕާޓީން ވާދަކުރަން ބޭނުންވަނީ ގައުމަށްޓަކައި ކުރެވޭ އުއްމީދުތަކެއް ހުރުމުން ކަމަށެވެ. ޝަރީފު ވިދާޅުވި އެވެ: " ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޑީއާރްޕީން ކުރިމަތިލާނީ ކުރިމަތިވެދާނެ ކޮންމެ ހުރަހެއް ދިމާވެދާނެ ކޮންމެ ކަމެއް ގިރާކޮށް ގޮންޖެހުންތަކާއި ސާބިތުކަމާ އެކު ކުރިމަތިލުމުގެ ފުރިހަމަ އަޒުމުގައެވެ،"
އަބްދުﷲ މައުސޫމް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ހައްދު ފަހަނަ އަޅާފައިވާ ސިޔާސަތު ނުވަތަ ހަރުކަށި ސިޔާސަތު ކުރިއަށް ނެރެ މަޖިލީހުގެ ކޮމެޓީތައް ހުއްޓުވާ ހެދުމަކީ ޑިމޮކްރަސީއަށް ތާއީދުކުރާ ޕާޓީއަކުން ކުރާނެ ކަމެއް ނޫން ކަމަށާއި މަޖިލީހުގެ މަސައްކަތްތައް ލަސްތަކެއްނުވެ ފެށިގެން ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ކުރިއަށްދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޑީއާރުޕީން މެމްބަރުންގެ ނިއުސް ލެޓާގެ އިތުރުން އެޕާޓީގެ ހިޔާލާއި މައުލޫމާތުތައް ޕާޓީގެ މެމްބަރުންނާ ހަމަޔަށް ގެނެސްދިނުމަށްޓަކައި ކުރަމުން ގެންދާ މަަސައްކަތުގެ ތެރޭގައި "އަޅުގަނޑުގެ ހިޔާލު"ގެ ނަމުގައި ތަސްމީންގެ ބްލޮގައި އޭނާ ލިޔުއްވަމުން ގެންދަވާ ލިޔުންތަކުގެ އިތުރުން ދިޓީވީން ހަފްތާއަކު އެއް ފަހަރު ގެނެސްދޭ ޑީއާރުޕީގެ "ފުރައަލި" މިފްރޮގްރާމް ހިމެނެ އެވެ.