ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގެ ބައްދަލުވުން ލައިވް ކުރުމަށްޓަކައި ދެ ކޮމެޓީ ރޫމެއްގައި ކެމެރާ ބެހެއްޓުމަށް، އަންނަ އަހަރަށް ލަފާ ކުރާ މަޖިލީހުގެ ބަޖެޓްގައި ތިން މިލިއަން ރުފިޔާ ހިމަނައިފި އެވެ.

ކޮމެޓީތައް ލައިވް ކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ތިން މިލިއަން ރުފިޔާ ހިމަނާފައި ވަނީ މަޖިލީހުގެ ޓެކްނިކަލް ޓީމަކުން އާންމު ކޮމެޓީ އަށް ފޮނުވި ޕްރޮޕޯޒަލަށް ރިޔާއަތް ކުރުމަށް ފަހު އެވެ. އެ ޕްރޮޕޯޒަލް ދިރާސާ ކުރުމަށް ފަހު އާންމު ކޮމެޓީން ނިންމާފައި ވަނީ ދެ ކޮމެޓީ ރޫމެއްގައި ކެމެރާތައް ބެހެއްޓުމަށެވެ. ކެމެރާތައް ބަހައްޓާނީ ކޮމެޓީ ރޫމް އެކެއް އަދި ކޮމެޓީ ރޫމް ތިނެއްގަ އެވެ.

ކޮމެޓީތަކުގެ ބައްދަލުވުންތަކުގެ ލައިވް ފީޑް، ބްރޯޑްކާސްޓިން މިޑީޔާތަކަށް ދޫކުރުމަށް ޓަކައި ބަޖެޓްގައި ފައިސާ ހިމަނާފައިވާ ގޮތާ ބެހޭ ގޮތުން އާންމު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ބަޖެޓް ސެކްޝަންގެ ޑިރެކްޓަރު އިބްރާހިމް ރަޝީދު ވިދާޅުވީ ކޮމެޓީތަކުގައި ހަރުކުރަނީ މަޖިލީހުގެ ޗެންބަރު ތެރޭގައި ހަރުކޮށްފައިވާ ކެމެރާތައް ކަމަށެވެ. އަދި އޭގެ ބަދަލުގައި ޗެންބަރުގައި އާ ކެމެރާތަކެއް ހަރުކޮށް، ޗެންބަރުގެ ކެމެރާތައް އެޕްގްރޭޑްވެގެންދާނެ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ޓެކްނިކަލް ޓީމުން ކޮމެޓީ އަށް ހުށަހެޅި ޕްރޮޕޯޒަލްގައިވާ ގޮތުން ކޮމެޓީތަކުގެ ލައިވް ފީޑް ބްރޯޑްކާސްޓިން މީޑީއާތަކަށް ފޮނުވާނީ މަޖިލީހުގައި ގާއިމް ކުރާ ބްރޯޑްކާސްޓިން ރޫމަކުންނެވެ. އެ ރޫމުން ފޮނުވާ ލައިވް ފީޑާ އެކު ހުރިހާ ބްރޯޑްކާސްޓަރުންނަށް ކޮމެޓީތަކުގެ މަންޒަރާއި އަޑު ލިބޭނެ އެވެ.

ކޮމެޓީތައް ލައިވް ކުރުމަށްޓަކައި އަންނަ އަހަރަށް ލަފާކުރާ މަޖިލީހުގެ ބަޖެޓްގައި ތިން މިލިއަން ރުފިޔާ ހިމަނާފައިވާ އިރު، މަޖިލީހުގެ އާ އިމާރާތާ އެކު ބޭނުންވާ 27 މުވައްޒަފުންނަށް 7.5 މިލިއަން ރުފިޔާ ވެސް ލަފާކުރާ ބަޖެޓްގައި ހިމަނާފައިވެ އެވެ.

އަންނަ އަހަރު މަޖިލިސް ހިންގުމުގެ ހަރަދަށް ހިނގާނެ ކަމަށް ލަފާކޮށް އާންމު ކޮމެޓީން ދިރާސާ ކުރަމުންދާ 277 މިލިއަން ރުފިޔާގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓާ އަޅާ ބަލާއިރު 20 ޕަސެންޓް ބޮޑު ބަޖެޓެކެވެ. މިއަހަރު މަޖިލީހުގެ ބަޖެޓަކީ 230 މިލިއަން ރުފިޔާ އެވެ.